ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހިގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ތަސްދީގް ކުރައްވައިފިއެވެ.
ޖޭއެސްސީން ތަހުގީގުކުރާ މައްސަލަތައް ނިންމާ މުއްދަތު އަވަސް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީޙުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ބުެނަފައިވާ ގޮތުގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީޚުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެއެވެ.
ރައީސް ތަސްދީގް ކުރެއްވި އިސްލާހުގައިވާ ގޮތުން ތަޙްޤީޤު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަޙްޤީޤުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިޢާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިޚްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ތަޙްޤީޤު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަން ޖެހޭނެއެވެ.
ޖޭއެސްސީގެ ގާނޫނަސް ގެނައި އިސްލާހުގެ ދަށުން ތަޙްޤީޤު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުޞަތު ދިނުމަށްފަހުގައެވެ. އަދި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާނުލައި ގާނޫނުގައި ކަނޑައަޅާފައިވާ މުހުލަތުގެ ތެރޭގައި އެގޮތަށް ޢަމަލުކުރެވެން ނެތްނަމަ އިތުރު މުހުލަތަކަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު އެފަދަ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

