ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަން ކުރުމަަށް ދިވެހި މަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދަނީ ދިގުވަމުން: ނައިބު ރައީސް

ކޮޕް27ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަނީ. ފޮޓޯ: ރައީސް އޮފީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރުމަަށް ދިވެހި މަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދަނީ ދިގުވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޝަރްމުއްޝެއިޚް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ދުނިޔޭގެ ލީޑަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަންފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ދުނިޔެއަށް ކުރި ބައެއް ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވައިފައެވެ.

ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ލިބޭ ވަޞީލަތެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މަސްވެރިކަން ކުރުމަަށް ދިވެހިމަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދިގުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޯފެން ލިބުން ދަތިވުމާ ގުޅިގެން މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހިފައިވުމާއި، އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ މުރަކައިގެ ފަރުތައް ނާޒުކު ހާލަތެއްގައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނަށް އިންޒާރުކުރައްވަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާޞިލުވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ބަދަލުވަމުންދާ ދުނިޔެއަކީ މުސްތަޤްބަލުގައި އެންމެންނަށްވެސް ހަމަޖެހިގެން، ފާގަތި ދިރިއުޅުމެއް އުޅެވޭނެތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: