ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުން ހޯދެން އޮތް ނަފާ ސިފަވެސް ނުކުރެވި އެތައް އަހަރެއް!

މަސްވެރިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސާތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ 99 އިންސަތަ ހިއްސާ ކުރަނީ ކަނޑު، ފަޅުކަމަށްވާއިރު، ކަނޑު ފަޅަކީ އޭގެން ހޯދޭނެ ރޯދި، އެތައް ގުނައެއްގައި ހުރި ތަނެކެވެ. ގައުމުގެ ލޭނާރަކީ މަސްވެރިކަމޭ އަޅުގަނޑުމެން މި ކިޔާ ސަބަބަކީ އެއީކަމަށް ވެދާނެއެވެ.

ރާއްޖޭގެ އިގްތިސާދުގެ ނަގާ ކޮޅަށް ޖަހާ، އޭގެން ހޯދާ ނަފާ، އެތައް ގުނައަކަށް އިތުރުކުރެވޭނެ ސިނާއަތަކަށް މަސްވެރިކަމުގެ ސިނާއަތް ހެދި ދާނެކަމާއިމެދު އެއްވެސް މީހަކު ދެ ބަހެއް ނުވާނެއެވެ. ސަބަބަކީ ރާއްޖޭގެ ރައްޔިތުންނަށް އެކަން ފަހިވެފައި އޮތުމެވެ. މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އަމިއްލަ ފައި މައްޗަށް ކޮޅަށް ނަގާދޭނެ ސިނާއަތެއް ނަމަވެސް އޭގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބެއެވެ. އެތަކެއް އަހަރުތަކެއްވީއިރުވެސް، ފެނިގެން މިދަނީ މަސްވެރިކަމުގެ ނަފާ ނުހޯދިގެން އުޅޭ މަންޒަރެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާ ވާހަކައާއި، އެކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައަކީ ދުވަސްކޮޅު ކޮޅުން އިވޭ ވާހަކަތަކަށްކަށްވުމުގެ ސަބަބުން ފެންނަނީ މި މައްސަލަ ސަމާލުކަމުން ކައްސާލައިގެން ދާ މަންޒަރެވެ.

މަސްވެރިކަމުގައި އޮތް ޒަމާންވީ އެންމެ ބޮޑު މައްސަލައަކީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރަށް ބަލާ، އެކަމަށް ތައްޔާރުވެފައި ނޯންނަކަމެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްތަކުގައި އޭގެއިން މަންފާއެއް ނެގޭނެ ގޮތެއް ނެތުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެގޮތުން ބަލާއިރު، މަހަށް ފުރަން ބޭނުންވާ ޑީސަލް ނުލިބުމުގެ ސަބަބުން މަސްވެރިން މަހަށް ނުފުރި ތިބެން ޖެހޭ ފަހަރުތައް މަދެއް ނޫނެވެ. އަދި ބާނާ މަސް ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ބޭނުންވާ އައިސް ލިބުމުގައިވެސް ކުރިމަތިވާ ދަތިތައް މަދެއް ނޫނެވެ.

މި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ދާދިފަހުންވެސް މި މައްސަލަތަކާއި ގުޅިގެން ވާހަކަދައްކާވަފައެވެ. ވަޒީރު ވިދާޅުވީ މަސް ރައްކާ ކުރެވޭނެ ސްޓޯރޭޖް އިތުރުކޮށް، އައިސް އާއި ތެޔޮ ފަސޭހަކަމާއިއެކު މިހާރަށްވުރެ އެފިޝަންޓްކޮށް ލިބޭނެ އިންތިޒާމްތައް ފަހިވާން ޖެހޭކަމަށެވެ.

ދެން ސިނާއަތުގައި މިހުރި މައްސަލަތަކަކީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް އާމްދަނީ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އޭގެ ތެރޭގައި މަސް ރައްކާ ކުރެވޭނެ ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރުން، މަސްވެރިންނަށް ބޭނުންވާ އައިސްގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުން، މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ ސްޓޭޝަންތަކުން މިހާރަށްވުރެން އެފިޝަންޓްކޮށް މިހާރަށްވުރެން ފަސޭހައިން އަވަހަށް ލިބޭނެ ގޮތްތައް މެދުވެރިކުރުން.
ވަޒީރު ވިދާޅުވިއެވެ.

އެތައް އަހަރެއްވީއިރު ވެސް ކެޕޭސިޓީ އިތުރު ކުރުމުގެ މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެތައް ޓަނެއްގެ މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް، ތަރައްގީ ކުރެވެން ހުރި ތަންތަނަށް ބޭނުންވާ ތަރައްގީ ގެނެވިފައިނުވާއިރު، މިކަމުގެ ސަބަބުން ގިނައިން މަސް ބާނާ ދުވަސްވަރެއް ނަމަ މީގެ ކުރީގައި ފެނިފައިވަނީ މަސް ގަތުން ކޮންޓްރޯލްކުރާ މަންޒަރެވެ.

ބާނާ މަސްކޮޅު ކިރާލުމާއި ހަމައަށް ދެވެނީ މިހުރިހާ ބުރަ މަސައްކަތެއްކޮށް، އެތަކެއް ދަތި މަރުހަލާތަކެއް ކަނޑަތުކުރުމަށްފަހުގައިކަމަށްވާއިރު، ދެން އިވޭ ޝަކުވާއަކީ، ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބޭ ތަނުގައި، އަގުވެސް ނުލިބޭ ވާހަކައެވެ. ކުރީ ސަރުކާރަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް އައި ސަރުކާރެއް ނަމަވެސް ވެރިކަމުގެ ފަސް އަހަރު ފާއިތުވީ އެ ވައުދު ނުފުއްދިއެވެ. ފަހު ވަގުތު މަސް ކިލޯއެއް 25 ރުފިޔާއަށް ހެދި ނަމަވެސް އެއީ ރަނގަޅު ދިރާސާތަކެއް ކުރުމަށްފަހު ނިންމި ނިންމުމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އިންތިހާބާއި ދިމާކޮށް އަނދުން އަޅުވާ އުސޫލުން ކަން ކުރީމައެވެ.

މި ސަރުކާރުގެ ވަޒީރު ވިދާޅުވާ ގޮތުގައި، މަސްވެރިންނަށް ނުލިބި ހުރި ފައިސާ ލިބޭނެ އިންތިޒާމްތައް އަންނަނީ ހަމަޖެހެމުންނެވެ. އަދި މިހާރުވެސް މިހެން ހުރި އެތައް ފައިސާއެއް ވަނީ ހަވާލުކުރެވިފައެވެ. އެގޮތުން އެންމެ ފަހުން ދެއްކެވި ވާހަކައިގައިވެސް ވަޒީރު ޝިޔާމް ވިދާޅުވީ މަސް ކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދާއިމީ ގޮތެއްގައި ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެވެ.

އަޅުގަނޑަށް ޔަގީންކަން އެބަ އޮތް މަސްވެރިން ކިރާފައި ލިބޭ ފައިސާކޮޅު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމު ރައީސް އެބަ ވަރަށް އަވަހަށް ހަމަޖައްސަވާ.
ވަޒީރު ވިދާޅުވިއެވެ.

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަޅު އަކުރުން ފަވާފައިވާ ކަންކަމެވެ. މަސް ކިރާ، ރައްކާކުރެވޭ ކެޕޭސިޓީ ދެ ގުނައަށް ހެދުންވެސް މެނިފެސްޓޯގައި ހިމެނެއެވެ. ބެޔަސް ނުބެޔަސް، 10،000 ރުފިޔާއާއި، ހަމައަގޭ ބުނެ ދެއްކި ވާހަކަތަކަށްވީހެން މިކަން ނުވެ، ހަގީގަތަކަށްވުމަކީ މަސްވެރިންގެ ހުވަފެނެކެވެ.

ދެން އޮތީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ ފައިސާ އިތުރުކުރުމާއި، އޭގެ ނަފާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. މިއީ އެކަމެއް ހައްލު ވެއްޖެނަމަ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކަށް ފަރުވާ ދޭނެ ޑޮކްޓަރެވެ. ސަބަބަކީ އޭގެ ނަފާއިން މަސް ކިރުމަށް ބޭނުންވާ ސްޓޯރޭޖް އިތުރުކުރުމާއި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާއާއި މި ހުރިހާކަމެއް ފޫބެއްދޭނެތީއެވެ. ގައުމީ އުފެންދުންތެރިކަން އިތުރުކުރެވެން ހުރި މިފަދަ ސިނާއަތުތަކަށް ދޭން ޖެހޭ ސަމާލުކަން ނުދީ، ހުރި ފުރުސަތުތަކަކީ ކޮބައިތޯ ނުބަލާ އޮތް އޮތުމަކީ ރާއްޖެ އަދިވެސް އަމިއްލަ ފައި މައްޗަށް ތެދުވެވިފައި ނެތް ސަބަބެވެ.

ރާއްޖޭގެ އިޤްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދެން އޮތް ނަމަވެސް، އެހެން ގައުމުތަކަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމަށް ވިސްނަންޖެހޭ ސަބަބަކީވެސް މިއީއެވެ. މަސްވެރިކަމަކީ ސަރުކާރުގެވެސް ބެލުމުގެ ދަށުން ފުރިހަމަ ޒިންމާއާއިއެކު ކުރެވޭނެ މަސައްކަތެކެވެ. ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން މި މައްސަލައަށް ހައްލު ހޯދޭނެއެވެ. ސިނާއަތް ކުރިއަރުވަން މަސައްކަތް ނުކުރެވި އޮތީ ސަރުކާރުތަކުގެ އިހުމާލުންނެވެ. މަސްވެރިން، އެމީހުން ރޯލު އަދާކުރީމައި، ދެން ތިބި ފަރާތްތަކުން ދެނީ ކަނު ލޮލެކެވެ.

މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމަށް މި ސަރުކާރުން ވެފައިވާ ވައުދުފަދަ ވައުދުތައް ފުއްދައިގެން، ދިވެހިންގެ ކަނޑުތަކުގައި މަސްވެރިކަން އާލާވެފައިވާ ގޮތާއި، ދިވެހިންނަށް މަސްވެރިކަން ކުރަން ލިބިފައި އޮތް ފުރުސަތަކީ މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިއާދަކުރެވޭނެ ކަންކަމެވެ. ނަމަވެސް، އެ އަމާޒުގައި ދެ އިރު ހަމައަށް މަސައްކަތް ނުކުރެވި ދާކަމީ ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: