ޗާގޯސް އަކީ މޮރިޝަސްގެ ރަށެއް ގޮތުގައި ހެދުމަށް އދ ގައި އެ ގައުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާ، މި މައްސަލައިގައި މީގެ ކުރިން ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކުރީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު(ދެވަނަ) އަވަހާރާވުމުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވަނީ ފޮރީން މިނިސްޓާ އަބްދުﷲ ޝާހިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ، ޗާގޮސްގެ މައްސަލަ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެއްދެވީ ދޮގުކަމަށް ތުހުމަތުކުރައްވާފައެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ޝާހިދު ދެއްކެވި ވާހަކަތައް ގަބޫލުނުކުރެވޭނެކަމަށާއި، އަދި ޝާހިދު އިތުބާރުވެސް ނުކުރެވޭނެކަމަށެވެ.
އެގޮތުން ފޯޅަވަހި ނުވަތަ ޗާގޯސްގެ ކަނޑުން ދިވެހިން ބަސް ނުބާނާކަމަށް ނުވަތަ އެތަނަށް ދިވެހިން މަހަށް ނުދާކަމަށް ޝާހިދު ވިދާޅުވި ނަމަވެސް ގަބޫލުކުރާނީ ކިހިނަކުންތޯ ސުވާލު އުފައްދާ އިބްރާހީމް ރަޝީދު ވިދާޅުވީ 2010 ވަނަ އަހަރުވެސް މި މައްސަލަ އާއި ގުޅިގެން ވާހަކަދެކެވުނުކަމަށާއި، އޭރުވެސް ސްޓޭންޑް ބަދަލުކޮށްފިނަމަ މަސްވެރިންނަށް ކުރިމަތިވާނެ ގެއްލުންތަކާއި ބެހޭ ގޮތުން ބަހުސްކުރިކަމަށެވެ. އޭރު ހުންނެވީ އިނގިރޭސިވިލާތުގެ ރާނީކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ރާނީ އަވަހާރަވުމާއިއެކު ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު އޮޅުވާލީކަމަށާއި، އަދި މިވަގުތު ރާނީ ދުނިޔޭގައި ހުންނެވި ނަމަ މިއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ހަމަ މި ބުނީ ކުރިން އޮތް ސްޓޭންޑް ބަދަލުކޮށްގެން މިއުޅެނީ ރާނީ އަވަހާރަވީމަ ބަދަލުކޮށްލީ، ބަދަލުކޮށްލައިގެން އޮޅުވާލައިގެން މިއުޅެނީ އަތުލަން އެތަން
އިބްރާހީމް ރަޝީދު ވިދާޅުވީ މޮރިޝަސްއަކީ ކަނޑު ވިއްކާ ކައިގެން އުޅޭ ބައެއްކަމަށާއި، އަދި ކަނޑުން ކޯޓާ ވިއްކުމަކީ އެގައުމުގެ މައިގަނޑު ވިޔަފާރިކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އެއި މަސްވެރިކަންކުރާ ގައުމެއް ނޫންކަމަށާއި، ނަމަވެސް އެ ގައުމުގެ މަސް ކަނޑުތަކުން ޔޫރަޕްގެ ގައުމުތަކަށް އެ ކަނޑުތަކުން މަސް ބޭނުމުގެ ހުއްދަދީފައިވާކަން ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ، އޭގެ ފައިދާއެއްގެ ގޮތުގައި ކޮންމެ ބޯޓަކުން އަހަރަކަށް 1.5 މިލިއަން ޑޮލަރު އެ ގައުމަށް ލިބޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. މިއީ ދުނިޔޭގެ ހުރިހާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް އޮންނަ ކޯޓާއެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ނަމަވެސް މި ކޯޓާ ދިވެހިރާއްޖެއިން ދޫނުކުރާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މި މައްސަލާގައި ދިވެހިން ކަންބޮޑުވުން ފާޅުކުރަނީ ފޯޅަވަހި މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމާއިމެދު ދިވެހިން މީގެ ކުރިން ގެންގުޅެފައިވާ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެންނެވެ. މޮރިޝަސްއިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއްކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ.

