އަލިފާން ހާދިސާތައް ހުއްޓުވޭނީ މާލޭގައި އޮތް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާފަންނުގައި ހުރި ވެހިކަލް މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއައި ގުޅިގެން، ހާލަތު ބެއްލެވުމަށްޓަކައި ވަޑައިގެން މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ މި އަލިފާނުގެ ހާދިސާ މާލޭގައި ފަހުގެ ތާރީހެއްގައި ހިގައިދިޔަ އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ހާދިސާގައި 10 މީހެއްގެ ފުރާނަގެއްލިފައިވާކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ހިގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ވަރަސް ގިނަ މަސައްކަތްތަށް އެބަހުރިކަމަށެވެ. އަދި އެމަނިކުފާނު ވަނީ އަލިފާން ފެތުރުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ރައީސް ސާލިހު ވިދާޅުވީ އެމްއެންޑީއެފް އިނ އަވަސް ފިޔަވަޅުތަކެއް އަޅައިގެން އަލިފާން ފެތުރުން ނުހުއްޓުވުނު ނަމަ، މިއީ ވަރަށް ބޮޑު އަލިފާނުގެ ޙާދިސާއަކަށްވާނެކަމަށެވެ.
މި ހާދިސާ ހިގިކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި މިވަނީ ރޭގަ 12:30 ހާއިރު، 3 މިނެޓުގެ ތެރޭގައި މިތަނަށް ފަޔާ އެންޑް ރެސްކިއު ހާޒިރުވެ އައިސް ކަމާއިބެހޭ މަސައްކަތްތައް ފަށާފައި. ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވީ އަލިފާން އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓިފައި މިއޮތީ އަވަހަށް އެތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ހާޒިރުވެ ކުރެވުނު މަސައްކަތުން
ރައީސް ވިދާޅުވީ މީގެ ކުރީގައި ހިގައި ދިޔަ އަލިފާނުގެ ހާދިސާތައްވެސް ހިގީ ގާނޫނާއި އެއްގޮތަށް އަމަލުކުރެވިފައިނެތީމައިކަމަށެވެ.
މިފަަދަ ހާދިސާތައް މަދުކުރުމަށް ހައްލެއް ގެނެވޭނީ މާލޭގައި އޮތް ތޮއްޖެހުން ހުއްޓުވިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅެން ހުރި އިތުރު ފިޔަވަޅުތައް ހޯދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލަ އާއި ގުޅިގެން ރައީސް ވަނީ ޓުވީޓެއްވެސް ކުރައްވާފައެވެ.
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް. އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން. ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވަން.
— Ibrahim Mohamed Solih (@ibusolih) November 10, 2022
މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށް ފާހަގަކޮށް ޓުވީޓުގައި ވިދާޅުވެފައިވަނ، މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުންކަމަށާއި، ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވާކަމަށެވެ.

