ޕަބްލިކް ބޭންކް އެކައުންޓުން(ޕީބީއޭ) އޯވާރ ޑްރޯކޮއްގެން ސަރުކާރުގެ ފިނޭންސިންގް ހަމަޖައްސާނަމަ އިގްތިސާދުގެ ތެރޭގައި ދައުރުވަމުންދާ އެކްސެސް ރުފިޔާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވެ، އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ކުރާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ޕަބްލިކު ބޭންކު އެކައުންޓުން އޯވާރ ޑްރޯކޮށްގެން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އިޝާރާތްކޮށް، އެމްއެމްއޭއިން ބުނެފައިވާގޮތުން އެކަން ކުރުމައްޓަކައި ސަރުކާރުންވަނީ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާއެއް އުނިކޮށްފައި އޮތުން މަޖިލިސް މެދުވެރިކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް އިތުރުކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން މިހާތަނަށް ޕީބީއޭ އިން އޯވަރ ޑޮރޯ ކޮށްފައިވާ އަދަދު އެމްއެމްއޭއަށް ދެއްކުމަށް ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވެއެވެ. އަދި ބޭރުގެ ފަރާތްތަކުގެ އަދުން ހޯދާ ފައިސާގެ އިތުރުން ޑޮމެސްޓިކް މާކެޓުން ނަގާ ފައިސާވެސް އަންދާޒާ ކުރާ މިންވަރަށް ލިބުމުގައި ދަތިތައް ހުރުމުން ކުރިއަށް އޮތް އަހަރުވެސް 4.4 ބިލިއަނާއި ގާތް ކުރާ އަދަދަކަށް ސަރުކާރުން އޯވަރ ޑްރޯ ކުރާނެކަމަށް ބެލެވޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
2022 ވަނަ އަހަރު އޯވަޑްރޯކޮށްފައިވާ އަދަދުން ސަރުކާރުންވަނީ 2.5 ބިލިއަން އެމޮޮޓައިޒިންގް ބޮންޑަކަށް ބަަދަލުކޮށްފައިކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން 2023 ވަނަ އަހަރު އޮވާޑްރޯ ކުރާނެ އަދަދުން ބަައެއް އެގޮތަށް ސެކިއުރިޓައިޒް ކުރުމަކީ ދެމެހެއްޓިނިވި ކަމެއް ނޫންކަން އެ މުވައްސަސާ އަދި ބޭރުގެ މާލި މުވައްސަސާއިން ލަފާ އަރުވާފައިވާކަމަށް ފާހަގަކުރާކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން މި އުސޫލުގެ ދަށުން އޯވާރޑްރޯ ކުރަމުންދާނަމަ ދިވެހި ފައިސާގެ އަގު ވެއްޓިގެން ދިއުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އެކްސްޗޭންޖު ރޭޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަން ފެށުމަށް އިސްކަން ދެވޭނެކަމަށާއި އެ ހާލަތުގައި ސަރުކާރަށް ޑޮމެސްޓިކް މާކެޓުން އަންދާޒާ ކުރާ މިންވަރަށް ފައިސާ ހޯދުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ފާހަގަކޮށްފައިވެއެވެ.

