2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވަށް އިތުރުވާނެކަމަށް ބުނި ބޭރު ފައިސާގެ އަދަދުގެ 51.7 އިންސައްތަ ފައިސާ ލިބިފައިނުވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ބޭރު ފައިނޭންސް އަކީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން ދިވެހި ދައުލަތުގެ ރިޒާވް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ހޯދުން މުހިންމު ފައިނޭންސްއެއްކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން، އެ މުވައްސަސާގެ ފޮރިން އިންޓަރވެންޝަން ސިޔާސަތު ބިނާވެފައިވަނީ ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބޭނެ ބޭރު ފައިސާގެ އާމްދަނީގެ މައްޗަށް ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ބޭރު ފައިނޭންސް އަންދާޒާ ކުރާ ވަރަށް ނުލިބުމުން ރަސްމީ ރިޒާވު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެއެވެ. އަދި 2019 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށްވެސް ދައުލަތުގެ ރިޒާވަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރި އަދަދުގެ ބޮޑު އިންސައްތައެއް އިތުރުވެފައިނުވާކަމަށް އެމްއެމްއޭއިންވަނީ ބުނެފައެވެ.
ކޮވިޑް19 އަށް ފަހު އެމްއެމްއޭއިންވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަހަރަކު އެވަރެޖުކޮށް 506.6 މިލިއަން ޑޮލަރު ވިއްކާފައިކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނެފައިވާގޮތުން އެ އަދަދުތައް ދަނީ އަހަރަކުން އަހަރަކު އިތުރުވަމުންނެވެ. އަދި 2023 ވަނަ އަހަރު އެއަށްވުރެ އިތުރު އަދަދެއް ބޭނުންވާނެކަމަށް ލަފާ ކުރެވޭކަމަށް ލަފާކޮށްފައިވުމުން މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދު ނުލިބި ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ، ކުންފުނިތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނެފައިވާގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މައިގަނޑު ގޮތަކަށް ބޭރުގެ ފައިސާ ހޭދަވެގެންދަނީ ތެލާއި ކާޑުގެ ބާވަތްތައް ހޯދުމަށެވެ. އެހެންކަމުން އެ ފައިސާތައް ފޯރުނުކޮށްދެވިއްޖެ ހާލަތެއްގައި އެ ތަކެތި އިމްޕޯޓު ކުރުމުގައި ދަތިތައް ކުރިމަތިވެގެންދާނެކަމަށްވުމުން ދުރާލައި އެފައިސާ ހޯދުމަށް މަސައްކަތްކުރުމަށް ފެންނަކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

