9 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިން ޓުއަރިސްޓް ބޯޑުގެ ޝަރަފް އެމްއެމްޕީއާރުސީ އިން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މި އެވޯޑު ހާސިލުކޮށް އެމްއެމްޕީއާރްސީ އިންވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދުނިޔޭގެ ފެންވަރުގައި މާކެޓު ކުރުމުގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްފައެވެ.
އެމްއެމްޕީއާރްސީ އިން ބުނެފައިވާގޮތުން މި އެވޯޑަކީ އެ ކުންފުނިން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައު އިސްމިންތަކަކަށް އުފުލުމަށް ވޭތުވެދިޔަ އަަހަރު އެމްއެމްޕީއާރްސީ އިން ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ނިޝާނެކެވެ. އަދި އެމްއެމްޕީއާރްސީ އިން ވަނީ ރާއްޖެއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑު، ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހާސިލު ކުރެވިފައިވާކަންވެސް ފާހަގަކޮށްފައެވެ.
އޮމާންގެ އަލް ބުސްތާން ފެލަސްގައި ކުރިއަށް ގެންދިޔަ އެވޯޑު ހަފްލާގައި ދިވެހިރާއްޖޭގެ ފަރާތުން އެވޯޑާއި ހަވާލުވެވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ އެމްއެމްޕީއާރްސީ އިން 2022 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓާރގައި ޓްރެވަލް ޓްރޭޑް ކޮންސިއުމަރުންނަށްވެސް އަމާޒުކޮށްގެން ދުނިޔޭގެ 22 މާކެޓެއްގައި 149 ހަރަކާތެއް ހިންގާފައިވާކަން ފާހަގަކޮށްފައެވެ، އަދި އެ ހަރާކާތްތަކުގެ ރީޗް 6.8 ބިލިއަނަށް އަރާކަންވެސް ފާހަގަކޮށްފައިވެއެވެ.

