އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވީ ރައްޔިތުންނަށް އުންމީދީ ފަސް އަހަރު ގެނެސްދެއްވާނެކަމުގެ ވައުދާއި އެކު އެވެ. އެއީ ޖަޒީރާ ރާއްޖެއެއް ތަރައްގީކޮށް، ރައްޔިތުންގެ ފުދުންތެރިކަމާއި ދިރިއުޅުމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވީ ވައުދެކެވެ. އާއްމު ރައްޔިތު މީހާއަށް، ތިލަވާނެހެން ދެއްކެވި ވާހަކަތަކަށް ބައެއް ދިވެހިންގެ ނަޒަރު ހުއްޓި ވެރިކަން އެމްޑީޕީ އާއި ހަވާލު ކުރި އިރު ނިމިދިޔަ ހަފްތާގައި ސަރުކާރަށް ހަތަރު އަހަރު ވަނީ ފުރިފަ އެވެ.
ވައުދުތައް ފުއްދުމަށް އަންނަ އަހަރު ކުރަން ޖެހޭ މަސައްކަތްތަކަށް ވުރެ ބޮޑަށް، އޮންނާނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނެވެ. ރަށްތަކަށް ދަތުރު ކުރުމާއި، އަނެއްކާވެސް ސިޔާސަތުތަކާއި ގުޅުން ހުރި ވައުދުތަކާއި އިތުރު ވައުދެއް ކޮންމެހެން ދޭން ޖެހޭކަމަށް ދެކޭ ސަބަބެވެ.
ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ސުވާލުތަކެއް މިއަދު އުފައްދާއިރު މިއީ އެއްވެސް ގޮތެއްގައި ކޮވިޑު ނުވަތަ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ބަހަނާއެއްގެ ގޮތުގައި ދައްކައި ނިންމާލެވޭނެ ވަރުގެ ވާހަކަތަކެއް ނޫނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާއި، އަދި އެހެނިހެން ރީސާޗް ރިޕޯޓުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވާން ފެށީ 2019 ގަ އެވެ. ކޮވިޑުގެ ސަބަބުން ދަތިތަކެއް ދިމާވެ، އާމްދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވުމާއި އެކު ސަރުކާރުން އެކަމުގެ ހައްލެއްގެ ގޮތުގައި ދެކުނީ ފައިސާ ޖެހުމެވެ.
އިދާރާތްތަކުގެ އިންޒާރުތަކާއި، ކަންބޮޑުވުންތަކަށް މިއަދު ވެސް ބެލުމެއް ނެތި ސަރުކާރުން ޗާޕު ކުރި ފައިސާގެ އަދަދު 04 ބިލިއަނަށް އަރަ އެވެ. ފައިސާ ޗާޕް ކުރުމުން އިންފްލޭޝަނަށް އަސަރުތަކެއް ކުރާނެކަމަށް އެތައް ބަޔަކު ފާހަގަކުރަމުން ދަނިކޮށް އަނެއްކާވެސް ނިންމީ ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށެެވެ.
އަނބުރާ ދައްކަން ޖެހޭ ދަރަނިތައް އިތުރު ނަމަވެސް، ސަރުކާރުން ލޯނުތައް ނެގުމުގައި އެއްވެސް އުސޫލެއް ގެންގުޅެފައި ނުވާތީ އެ އަދަދު މިހާރު ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. ދަރަނިތައް ނަގަނީ މަޝްރޫއުތައް އަވަސް ކުރުމުގެ ނަމުގައިކަމަށް ވާއިރު އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ފެންވަރުގެ މަޝްރޫއެއް އަދި ފަށާފައި ނުވެ އެވެ. ތިލަމާލެ ބްރިޖަކީ، ރާއްޖޭގެ އިގްތިސާދަށް ވަރަ ބޮޑު ބައެއް ހިއްސާ ކުރާނެ މަޝްރޫއެއް ނަމަވެސް ހަތަރު އަހަރުގެ ތެރޭގައި ސާވޭގެ މަސައްކަތް ފިޔަވައި ކުރެވުނު މާބޮޑު ކަމެއް ނެތެވެ. އަދި ފެނުން މައްޗަށް އެރި އެބުނާ ”ތަނބަކީ“، ކީއްކުރާ ކޮން ތަނބެއްކަމެއް ނޭނގެ އެވެ.
މަސައްކަތް ނިމޭވަރަކުން ފޭސްތަކަށް ބަހާލައިގެން ހުޅުވާނެކަމަށް ބުނާ، ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު އެއްކޮށް ނިންމާލެވޭނެކަމަށް ނުބެލެވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ވެސް އެކަން ދޭހަވެއެވެ.
ސަރުކާރަށް ވީ ހަތަރު އަހަރުގެ ތެރޭގައި، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެގެން ދިޔަ އެވެ. ސަރުކާރުން ނަގާފައިވާ ލޯނުތަކާއި އަދި މި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކާއި އެކު ޖުމްލަ މި ސަރުކާރުން ނެގި ލޯނުތައް ދުވަހުގެ ނިސްބަތުން އެކަނި ވެސް 33.2 މިލިއަނަށް އަރަ އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 105.7 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސީދާ ދަރަނީގެ ގޮތުގައި 93 ބިލިއަން ރުފިޔާ އާއި، ދައުލަތުގެ ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި 12 ބިލިއަން ރުފިތާ އެވެ. ޖުމްލަ ދަރަނީގެ ތެރެއިން 57 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި އަނެއް 35 ބިލިއަނަކީ ބޭރުގެ ދަރަންޏެވެ.
މިއާއި އެކު ވެރިކަމަށް ހަތަރު އަހަރު ފުރި، އަންނަ އަހަރާއި ދިވެހިރައްޔިތުން ކުރިމަތިލާނީ ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅޭ 266،075 ރުފިޔާގެ ދަރަންޏާއި އެކު އެވެ. މިއީ ތާރީހުގައި ވެސް ބޮލަކަށް ޖެހޭ ދަރަނީގެ ނިސްބަތް މިހާ އިތުރުވާ ފުރަތަމަ ފަހަރެވެ.
މިހާރު ސަރުކާރުން ލަފާ ކުރާ ގޮތުގައި 2023 ވަނަ އަހަރު ނިމޭއިރު، ދައުލަތުގެ ޖުމްލަ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެ އެވެ.
އިގްތިސާދާއި ގުޅުން ހުރި ބޮޑު އެއްވެސް މަޝްރޫއެއް ނުފެށި، މި ސަރުކާރުގެ ދަރަނި އިންތިހާއަށް މިވީ ހަތަރު އަހަރުގެ ތެރޭގައި އިތުރުވި އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ. އެއީ އިގްތިސާދަށް ފައިދާ ކުރުވަނި، ބޮޑެތި މަޝްރޫއުތަކެއް ހިންގައިގެންނެވެ. ތިލަމާލެ ބްރިޖާއި، ކިންގް ސަލްމާން މިސްކިތް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ރިންގްރޯޑު ފަދަ މަޝްރޫއުތައް އޭގެ ތެރޭގައި ހިމެނެ އެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުގެ އިންޒާރުތަކުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްކަން ފާހަގަކުރުމުން ސަރުކާރުން އެކަން ގަބޫލު ކުރަން ބޭނުން ނުވި އެވެ. ވޯލްޑް ބޭންކާއި، ޖޭޕީ މޯގަން އަދި ފިޗްގެ ރިޕޯޓު ބަލައިގަތުމަށް ދެކޮޅު ހަދައި އެއީ އެއްވެސް އަސާސެއް ނެތް ކަންތަކެއްގެ މައްޗަށް ބިނާކުރާ ރިޕޯޓެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އެއަށް ފަހު ރާއްޖޭގެ ރިޒާވާއި މެދު ސުވާލު އުފެދި، ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވުމުން އެއީ ކޮވިޑު-19 އަދި ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުންކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން ފިނޭންސުން ސާކިއުލާއެއް އާއްމުކޮށް، ދައުލަތުގެ އިދާރާތްތަކުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް އިރުޝާދު ދިނެވެ. އެކަމާއި ގުޅޭގޮތުން ރައީސާއި ސުވާލުކޮށް، އިގްތިސާދީ ހާލަތު ދަށްވުމުން އަޅާ ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކުރުމުން ވިދާޅުވީ އިގްތިސާދު މިހާރު އޮތް ހާލަތަށް ބަލައި ލޯނު ނަގައިގެން އިތުރު ބޮޑު މަޝްރޫއެއް ހިންގުމުގެ ވިސްނުމެއް ނެތްކަމަށެވެ. މިހާރު ކުރިޔަށް ދާ މަޝްރޫއުތަކަކީ، ކުރިން ފައިސާ ހަމަޖެހިފައި ހުރި މަޝްރުއުތަކެއްކަމަށްވުމާއި އެކު އެއަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިވާހަކައިގެ ފަހަތުން ދެން ވިދާޅުވީ، އެފަދަ ވިސްނުމެއް ނެތް ނަމަވެސް އިގްތިސާދީ ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައިވާއިރު، އަންނަ އަހަރު 4 ބިލިއަނެއްހާ ރުފިޔާ ޗާކު ކުރާނެކަމަށް ލަފާ ކުރެ އެވެ. ޚަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުމުން އިސްތިސްނާ ކުރަން ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރުގައި ނިންމާފައިވާ ނިންމުން 2023 ވަނަ އަހަރުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ. ފައިސާ ޗާޕު ކުރުމަށް ނުވަތަ އޯވާޑްރޯ ކުރުމަށް ހުއްދަކޮށް ދީފައިވާ އިސްތިސްނާއަށް ބަލާއިރު ފައިސާ ނަގާނެކަމަށް އެމްއެމްއޭއިން ލަފާ ކުރަނީ 4.4 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު މަޖިލީހުން ފާސްކުރީ މި އަހަރު 2.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ، 0.1 އިންސައްތައިގެ އިންޓްރެސްޓު ރޭޓުގަ އެވެ.
ރާއްޖޭގެ ރިޒާވާއި، މާލީ ހާލަތާއި މެދު މިވަގުތު އެންމެ ބޮޑަށް ސުވާލު އުފައްދަނީ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ލަންކާ ވެއްޓުނު ހާލަތަށް ރާއްޖެ ދިޔަ ނުދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ރިޒާވުގައި ބާކީ ހުރި އަދަދު ހޯދުމާއި، ރާއްޖޭގެ އަސްލު މާލީ ހާލަތު ހޯދުމެވެ. ރާއްޖޭގެ ހާލަތު ގޯސް ނޫންކަމަށް ބުނެ ސަރުކާރުން ދޫކޮށްލައިގެން ތިއްބައި، ގައުމު ބަނގުރޫޓުވެއްޖެ ނަމަ، މަޖިލީހުގެ އެ ގޮނޑީގައި ހުންނެވުމަށް ލަދު ގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، އަދި އެ އަދަދު ހާމަކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ވިދާޅުވީ، އެކަމުގައި އޮތީ ތިން ގޮތެއް އޮތް ކަމަށެވެ. އެއީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އަދަދު ހާމަކުރުން ނުވަތަ، އެމްއެމްއޭގެ ގަވަރުނަރަށް އިތުރު ސިޓީއެއް ފޮނުއްވައިގެން އަނެއްކާވެސް އެ އަދަދު ސާފު ކުރުން ނުވަތަ، ގްރޮސް ރިޒާވުން ޔޫސެބަލް ރިޒާވް ހިސާބު ޖަހާނެ ގޮތް ކިޔައިދިނުމެވެ.
ރިޒާވުގައި ހުރި އަދަދު އާއްމު ރައްޔިތުންނަށް ނޭނގުނު ނަމަވެސް، ފެންނަން އޮތީ މާލީ އިދާރާތްތަކުގެ ލަފާތަކާއި އިންޒާރުތަކެވެ. ޔަގީނަށް ފެންނަން އޮތީ، ސަރުކާރުން އެއަށް އަމަލު ކުރުމަށް ބޭނުން ނުވާކަމެވެ. ހާއްސަކޮށް ގަވަނަރު އަލީ ހާޝިމް މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވިދާޅުވުމުން އޭނާއަށް ކުރީ ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތެވެ. އެހެންކަމުން، ބައިނަލްއަގުވާމީ އިދާރާއެއްގެ ވާހަކަ، އެހާ ފަސޭހައިން މެމްބަރުން ބަލައިގަންނާނެ ހެން ހީއެއް ނުވެ އެވެ.

