ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހުގެ ސަރުކާރަށް ފަހުރުވެރި ދިވެހި އާއިލާތަކެއް އުފެއްދިއްޖެބާ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހިރާއްޖޭގެ ވެރިއަކަމުގައި ހުންނެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށްޓަަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވި މެނިފެސްޓޯގައި ފަހުރުވެރި ދިވެހި އާއިލާތަކެއް އުފެއްދުމަކީ ހާއްސަ އިސްކަމެއްދެއްވާފައިވާކަމެވެ. މި މަގުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލްކުރުމަށް ކަނޑައަޅާފައެވެ.

ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހަމައިސްކޮޅަށް ތެދުވެތިބި ދިވެހި ޢާއިލާ އަކީ ޙަޤީޤަތަކަށް ހެދުމާއި، ކޮންމެ ޢާއިލާއަކީވެސް ދިވެހި އިޤްޠިޞާދުގެ ނާރުހެގެ ތެރެއިންވާ ޢާއިލާއެއްކަމުގައި ހެދުމަށް މަސައްކަތްކުރުމާއި އަދި ލިބިހުރި ހުނަރާއި ކުރާ މަސައްކަތުގެ ހަމައަގު ލިބި، ނަޒާހާތްތެރިކަމާ ޤަދަރުވެރިކަމާއެކު ގޭބިސީގެ ޚަރަދުބަރަދު ހަމަޖައްސައި ބާކީ ރައްކާކުރާ ޢާއިލާތަކެއް ކަމުގައި ހެދުމަށް މަގުފަހިކުރުމާއި މިފަދަ އެތައްކަމެއް ހިމެނެއެވެ.

އޭގެ އިތުރުންވެސް ރައީސް ސާލިހު އެތައްކަމަކަށް ވައުދުވެވަޑައިގެންފައިވެއެވެ. ކޮންމެ ދިވެހި ދަރިއަކަށްވެސް އެކަށީގެންވާ ތަޢުލީމެއް ލިބޭނޭކަމުގެ ޔަޤީންކަމާއި، ކިޔަވަން ބޭނުންވާ އެންމެ މައްޗަކަށް ކިޔެވޭނޭ ކަމުގެ ޔަޤީންކަން ލިބިދިނުމާއި، ޢާއިލާގެ ކޮންމެ މެންބަރަކީ ވިސްނުން ހިންގާގޮތާއި ފިކުރު ހިންގާގޮތް ނުހަނު މިނިވަން ބަޔަކުކަމުގައި ވާނެފަދަ ގޮތަށް މުޖުތަމަޢުގެ ކަންކަން ރޭވުމުގެ އިތުރުންވެސް އެތައްކަމެކެވެ.

ފަހުރުވެރި ދިވެހި އާއިލާތަކެއް އުފެއްދުމަށް ދެން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދެވެ. އޭގެ ދަށުން ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފަހަށް ރައްކާކުރުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކުރުވުންވެއެވެ. އަދި ގެދޮރު ކުއްޔަށް ހިފާ ފަރާތްތަކާއި ކުއްޔަށްދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ޤާނޫނުތައް އެކުލަވާލައި ހަރުދަނާކުރުމާއި ބޯހިޔާވަހިކަން ލިބުމަކީ ދިވެހިރައްޔިތުންގެ އަސާސީ އަދި ފަރުދީ ޙައްޤެއްކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދިނުމަށްވެސް އެމަނިކުފާނުވަނީ ވައުދުވެވަޑައިގެންފައެވެ.

ހަމައެއާއިއެކު ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާއާއި މާލީ އެހީތެރިކަން އެކަށީގެންވާ ލުއިފަސޭހަގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ގޯތި ދެވެންއޮތް ރަށްރަށުން، އެކަމަށް އެދޭމީހުނަށް އިންސާފުވެރި އުޞޫލަކުން ގޯތި ދިނުމާއި އަދި ގޯތިދެވޭނެ ބިން ނެތް ރަށްރަށުގައި، ފުލެޓު ބިނާކޮށް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުންވެސް މިއީ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކެކެވެ.

ފަހުރުވެރި ދިވެހި އާއިލާތަކެއް ބިނާކުރުމަށްޓަކައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވުމާއި، އުފެންދުންތެރި ޒުވާނުންތަކެއް އުފައްދާ، ތައުލީމީ ނިޒާމު ހަރުދަނާކޮށް، ހުނަރުވެރީން ތަމްރީނުކުރުމާއި، ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތްވެސް މިއީ ކުރުމަށް ނިންމާފައިވާ ކަންތައްތަކެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މި ސަުކާރަށް 4 އަހަރުފުރުން ފާހަގަކޮށް ނިންމިއިރު، މީގެ 4 އަހަރު ކުރިން ވެރިކަން ހޯދުމަށްޓަކައި ވެވަދައިގެންނެވި މި ވައުދުތައް ފުއްދިފައި ހުރި މިންވަރު ބަލާލުން މުހިންމެވެ.

ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމަށްޓަކައި ސަރުކާރަށް ފާއިތުވެދިޔަ 4 އަހަރުކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއިބެހޭ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށް މި ޕްރޮގްރާމްއަށް އިސްލާހުތަކެއް ގެނައެވެ. އެގޮތުން މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް މަތިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީ ލިބޭނެގޮތް ހަމަޖެއްސުމާއި އަދި ފަގީރު ހާލަތު ދެނެގަތުމުގައި ބޭނުންކުރާ މިނިމަމް ޔުނިޓް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އާއިލާއަށް ބަދަލުކުރުމުގެ އިތުރުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބޭނުންކުރާާ އިންކަމް ތްރެޝްހޯލްޑް ނޭޝަނަލް ޕަވަޓީ ލައިންއާއި އަދާހަމަކުރުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ މި ދާއިރާއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު 2020 ވަނަ އަަރު 55 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. 20211 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 62 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ވަނީ 53 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ފަހުރުވެރި ދިވެހި އާއިލާތަކެއް އުފެއްދުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގަތް ވައުދުގެ ދަށުން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14،502 ހައުސިން ޔުނިޓް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 7 ރަށެއްގައި 705 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހިނގަމުންދާއިރު، 5 ރަށެއްގައި 251 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އެއީ ބ އަތޮޅާއި ހދ، ޅ އަތޮޅުގެ ރަށްތަކެކެވެ.

މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ”ގެދޮރުވެރިޔާ“ ގެ ނަމުގައި ޕޯޓަލްއެއް ހުޅުވާ، ދެ ސްކީމެއްގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 35 ހާހެއްހާ މީހުން ފޯމު ހުށައެޅުން، އެއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ބަލައެވެ. އެއީ ހުޅުމާލެއިންނާއި، އަދިވެސް ހިއްކާ ނުނިމި އޮތް ގުޅީފަޅުން ދޫކުރަން ވައުދުވެވަޑައިގެންނެވި ގޯއްޗައް އެދި ”ބިންވެރިޔާ“ ސްކީމަށް ހުށައެޅި 15،164 ފޯމާއި، ”ގެދޮރުވެރިން“ ޕޯޓަލް މެދުވެރިކޮށް ”ގެދޮރުވެރިޔާ“ ސްކީމަށް ހުށައެޅި 20،697 ފޯމެވެ. ކުރީ ސަރުކާރުން ފެށި މަސައްކަތްތަކުގެ ރިބަން ފަށް ކެނޑުމުގެ އިތުރުން މި ސަރުކާރަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ގޮތުގައި ކުރެވިފައިވާ މަސައްކަތަކީ ފޯމުލުމަށް އެދި ހުޅުވާލުމެވެ.

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް މަގުފަހިކުރުވުމުގެ ގޮތުން ސަރުކާރުން ދޫކުރާ ”ގެދޮރުވެރިޔާ ލޯނު“ އަށް މިހާތަނަށް 504 މީހަކު އެދިފައިވާއިރު، މިވީ 4 އަހަރުގެ ތެރޭގައި އެއްކޮށް ފައިސާ ދޫކުރެވިފައިވަނީ 6 ލޯނަކަށެވެ.

ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމަށްޓަކައި ބޭނުންވާ އާމްދަނީ ރައްޔިތުންނަށް ފޯރުކޮށްދީ، ދިރިއުޅުން ފަހިކޮށްދިނުމަށްޓަކައި ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ވެރިކަމުގެ 4 އަހަރުގެ ތެރޭގައި ޖުމްލަ 17،979 ވަޒީފާ އުފައްދާފައިވެއެވެ. އެއީ އަންހެނުންނަށް 7،990 ވަޒީފާއާއި ފިރިހެނުންނަށް 9،989 ވަޒީފާއެވެ.

ވަޒީފާތައް ފަހިކޮށްދިނުމާއި، ބޯހިޔާވަހިކަމަށް ހުޅުވާލުމާއި، މިކަންކަމަކީ ރަނގަޅު ކަންކަމެވެ. ނަމަވެސް ވެރިކަމަށް 4 އަހަރުވެގެންދިޔައިރު މިކަމުން ފައިދާކުރި ނިސްބަތް މަދެވެ. އެންމެންނަށް ހަމަހަމަކަމާއި އިންސާފާއިއެކު ލިބިދޭންޖެހޭ މިފަދަ ހައްގުތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒްކުރެވިފައިވާކަމަށް ބުނެވޭކަން ނެތެވެ.

ސަބަބަކީ މިއަދުވެސް އެއް ބަޔަކު ޝަކުވާކޮށް އާދޭސްކުރަމުން އެދަނީ ވަޒީފާއަށެވެ. ބޯހިޔާވަހިކަމަށެވެ. މަދު ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވީ ނަމަވެސް،  އާއިލާތައް ރޫޅިގެން ދިއުމުގެ ސަބަބަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބުމެވެ. އުންމީދަކީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި އުންމީދީ ކަމަށް ބުނާ ބެޖެޓާއިއެކު ހައްލުނުވެހުރި މައްސަލަތަކަސް ހައްލު އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: