ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފިޔަވައި ކޯލިޝަނެއް ހައްދަވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ގާބިލުކަން ހުންނެވި ބޭފުޅަކު އެމްޑީޕީގައި ނެތްކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަކުރައްވައިފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއިމެދު ވާހަކަދައްކަވަމުން ކުރެއްވި ޓްވީޓެއްގައި ޝަރީފްވަނީ ރައީސް ސާލިހުއަކީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި މަގު ގޮތުގައި ފާހަގަކުރައްވާފައެވެ. އެނާ ވިދާލުވީ، ރައީސް ސާލިހު ވަނީ އެމަނިކުފާނަކީ ކޯލިޝަނަކާއި އެކު މަސައްކަތްކުރެއްވުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއްކަންކަން ކަށަވަރުކޮށްދެއްވާފައިކަމަށެވެ.
ޝަރީފް ވިދާޅުވީ، ރައީސް ސާލިހުވަނީ އިދިކޮޅާއި އެކު މަސައްކަތްކުރެވޭނެކަމުގެ ގާބިލުކަން ހުންނެވިކަންވެސް ސާފުކޮށްދެއްވާފައިކަމަށެވެ. އެހެންކަމުން ރައީސް ސާލިހު ނޫނީ ކޯލިޝަނެއް ހެދުމަށް އެހެން ޕާޓީތަކުން އިތުބާރު ކުރައްވާނެ ކެންޑިޑޭޓެއް އެމްޑީޕީގައި ނެތްކަމަށް އެނާ ސިފަކުރެއްވިއެވެ.
As things stand right now @ibusolih remains the only viable #CHOICE for 2023. He has proven to be a leader who can work effectively w/ coalition partners as well as rivals. MDP doesn’t have any other electable presidential material who is trusted by prospective coalition partners
— Ibrahim Shareef (@AdduShareef) November 25, 2022
ރައީސް ސާލިހު ނޫނީ އެ ޕާޓީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް އެކަށީގެންވާ ފަރާތެއް ނެތްކަމަށް ސިފަކުރައްވާ ޝަރީފްވަނީ އިތުރު ޓްވީޓްތަކެއްވެސް ކުރައްވާފައެވެ.
އެނާ ވިދާލުވީ، ކޮވިޑްގެ ދަތި ހާލަތުގައިވެސް ރައީސް ސާލިހުވަނީ އެމަނިކުފާނަކީ ތަފާތު ލީޑަރެއްކަން ދައްކުވާފައިކަމަށެވެ. އަދި މުޅި ދުނިޔެ އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި ވީ އިރުވެސް ދިވެހި ރާއްޖޭގެ އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓިޔަ ނުދީ ހިފެހެއްޓެވީ ރައީސް ސާލިހު ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރައީސް ސާލިހުއަކީ ތަފާފު ފިކުރުތަކުގެ މީހުންނާއި އެކު މަސައްކަތް ކުރުމުގެ ގާބިލުކަމާއި ހުނަރު ހުންނެވި ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަކީ ދަތި ދަނޑިވަޅުތަކުގައިވެސް ގޮތް ނިންމަވަން ކެރިވަޑައިގަންނަވާ ލީޑަރެއްކަމަށް އެނާ ވިދާޅުވިއެވެ.

