ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ވިޔަފާރިތަކުން ސަބްސިޑައިޒްކޮށްފައިވަނީ އެންމެ ވިޔަފާރިއެއް: އާޒިމް

އެމްޓީސީސީ ގެ ސީއީއޯ އާސަމް އާޒިމް/ ފޮޓޯ:- އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އިން ހިންގާ ވިޔަފާރިތަކުގެ ތެރެއިން ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހިންގަމުންދަނީ ހަމަ އެކަނި ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގެ ވިޔަފާރިކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީ ބައްދަލުވުމެއްގައި ފުވައްމުލަކަށް އެ ކުންފުނީގެ ފެރީގެ ހިދުމަތްތައް ދިނުމުގައި ހުރި ދަތިތަކުގެ އިތުރުން ހައްލުތަކާއިމެދު ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ، އެ ކުންފުނިން ދަތުރު ފަތުރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޑިމާންޑަށް ބަލައިގެންކަމަށެވެ. އަދި އެ ސަރަހައްދަށް ދަތުރުތައް އިތުރުވެގެންދާނެކަމަށް ބަލައި މިހާރުވަނީ ލޯންޗެއްވެސް އާރްޓީއެލްގެ ލައިނަށް އިތުރުކޮށްފައިކަމަށެވެ.

އާޒިމް ވިދާޅުވީ، މިހާރު އެ ކުންފުނިން ފުވައްމުލަކަށް ކުރަމުންދާ ދަތުރުތަކުގައި ބޭނުން ކުރެވެމުންދަނީ 65 އިންސައްތައިގެ ކެޕޭސިޓީކަމަށެވެ. އަދި އިތުރު ޖާގަތައް ހުރިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ މިވަގުތަކީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ވަގުތެއް ނޫންކަމަށެވެ. އެހެންކަމުން މެކްރޯ އިކޮނޮމީއަށް ކުރާ އަސަރުތައް މައިކްރޯ އިކޮނޮމީއަށްވެސް ކުރާނެކަމަށް އެނާ ވިދާޅުވިއެވެ.

އެމްޓީސީސީއަށްވެސް އިގްތިސާދަށް ކުރަމުންދާ އަސަރުތައް ކުރާކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އިންވެސްޓު ކުރެވޭނީ ކޭޝް ފްލޯ ހުންނަ ވަރަކުންކަމަށެވެ. އަދި ކޭޝް ފްލޯ އެވަރަށް ނެތްކަމަށާއި އެ ކުންފުނިން ގެންދަނީ ހުރި ވަރަކުން އިންވެސްޓު ކުރަމުންކަމަށް އެނާ ވިދާޅުވިއެވެ. އަދި ސަރުކާރާއި މަޝްވަރާކޮށްގެން އެމްޓިސީސީއިން ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފަހިވަމުންދާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓިސީސީއިން ޖުމުލަގޮތެއްގައި ކުރަނީ 4 ވިޔަފާރިއެއްކަމަށެވެ. އަދި ކުރާ ވިޔަފާރިތަކުގެ ތެރެއިން ކޮންސްޓްރަކްޝަން ވިޔަފާރި އަދި ހިންގަމުންދާ ޑޮކްޔާޑާއި މެރިން އެކުއިޕްމެންޓުގެ ޓްރޭޑު ވިޔަފާރިއަކީ އެ ކުންފުނިން އަމިއްލައަށް ކުރަމުންދާ ވިޔަފާރިކަމަށާއި އެ ވިޔަފާރިތައް ސަބްސިޑައިޒް ކުރެވިފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ ކުންފުނީގެ ވިޔަފާރިތަކުގެ ތެރެއިން ސަބްސިޑައިޒް ކުރެވިފައިވާ ހަމައެކަނި ވިޔަފާރިއަކީ ދަތުރުފަތުރުގެ ވިޔަފާރިކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ދަތުރު ފަތުރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ ވިޔަފާރި ސަބްސިޑައިޒް ނުކުރާ ގޮތަށް ކަނޑައަޅާފައިވާނަމަ އެމްޓީސީސީ އިން ކުރާ ހަރަދުތައް ރުޖޫއަކުރުމަށް ރައްޔިތުން އަތުން ނަގާ ޗާޖުކުރާނީވެސް “ހަރަދު ޗަލާ” ވަރުގެ އަދަދެއްކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަކީ ސަރުކާރުން ބޭނުންވާކަމަކަށްވުމުން އެކަން ކުރެވެމުން އަންނަނީ އެ އުސޫލުގެ މަތިންކަމަށް އާޒިމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެ ނޫން އުސޫލެއްގެ ދަށުން އެފަދަ ވިޔަފާރިއެއް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ލިބޭ އާމްދަނީ އާއި ހަރަދާއި ދިމާނުވާކަމަށްވާނަމަ ހުއްޓާލަންޖެހޭނެކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ އެމްޓިސީސީއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވުމުން ކުރެވޭ ހަރަދުތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރުން މުހިންމުކަމަށެވެ.

އެނާ ވިދާޅުވީ، މިހާރު ފުވައްމުލަކު އަދި އައްޑޫގެ ކައުންސިލުތަކާއި ވާހަކަދެއްކުމަށްފަހު ވާނީ ދެ ލޯންޗެއް ލެވިފައިކަމަށެވެ. އަދި މިހާރު މިސްރާބު ހުރި ގޮތުން ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އާރްޓީއެލްގެ ހިދުމަތްތައް މުޅި ރާއްޖެއަށްވެސް ލިބޭނެކަމަށް ބެލެވޭކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އައްޑޫ އަދި ފުވައްމުލަކު ދަތުރު ކުރުމުގެ ނިޒާމުވެސް ހަރުދަނާވެގެންދާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: