ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހާޒްގެ މައްސަލަ ބަލަން ނިންމުމާއި، ބަތް ޕާރުސަލަކަށް ނުވިކޭނެކަމުގެ ވާހަކަތައް!

ފަނޑިޔާރު މަހާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމުގެ ވައުދު ނުފުއްދި ސަރުކާރަށް ހަތަރު އަހަރުވެފައިވާއިރު ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ކޮމްޕޮޒިޝަން ބަދަލު ކުރުމާއި ބެހޭ ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ވެސް، އިސްލާހު އެކި ފަހަރު މަތީން ބޭރު ކުރުމަށް ފަހު މީގެ ދުވަސްތަކެއް ކުރިން ސަރުކާރުން ވަނީ ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މަޖިލީހުގެ ތަޅުމަށް ބިލު މި އަހަރު ހުށަހަޅާނެކަމަށް ބުނެފަ އެވެ. ނަމަވެސް ޖަލްސާތައް ނިންމާލައި މެމްބަރުން ޗުއްޓީއަށް ދިޔައިރު ވެސް އިސްލާހު ހުށަހަޅާފައި ނުވެ އެވެ.

ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ބާތިލު ކުރުމަށް ހުށަހެޅި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ބެންޗުގެ ބެލެހެއްޓެވި މަހާޒްގެ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަން ފަށާފައި ވަނީ ހުކުމް ކުރުން އޮތް ދުވަހު އެ މައްސަލައާއި ގުޅުން ހުރި މީހެއްގެ ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ އެވެ. އަދި އެ ކެއުމުގައި ޝައްކު އުފެދޭ ކަންތަކެއް ފާހަގަކުރެވިފައިވާއިރު ކޯޓުގެ މަހާޒްގެ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވާހަކައިން ވެސް އެކަމަށް ބާރު ލިބޭކަމަށް ޖޭއެސްސީން ބުންޏެވެ.

މިއީ އެއްވެސް އެއްވެސް ހާއްސަކަމެއް ނެތްކެއުމެއް ކަމަށާއި، އެ ދުވަހުގެ ކެއުން އޯޑަރު ކުރަން ޖެހުނީ ޝަރީއަތް ދިގުލައިގެން ދިއުމުންކަމަށް މަހާޒް ވިދާޅުވި އެވެ. އަދި ބިލަށް ފައިސާ ދެއްކީ އޭނާކަމަށާއި ކެއުން ގެނައީ އެހެން ފަނޑިޔާރުން ވެސް ހިމެނޭހެންކަމަށް ފާހަގަކޮށް ވިދާޅުވީ އެ ދުވަހު އޯޑަރު ކުރީ ކޮންތަނަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. މަހާޒްގެ ވާހަކަތަށް ރައްދު ދީ، ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ އަހުލާގީ މިންގަނޑު މަހާޒަށް ހިފެހެއްޓިފައިނުވާކަމަށާއި ޖަވާބުދާރީ ނުވެ މީޑިއާތަކަށް ބަޔާން ނެރުނަސް މައްސަލަ ބަލާނެކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި މަހާޒް ވިދާޅުވީ 2021، ނޮވެމްބަރު 30 ގައި ގެނައި ކެއުމުގެ ބިލު އޮންނާނެ ކަމަށެވެ. އަދި އާއްމުކޮށް ކޯޓުގައި މުޅި ދުވަސް ހޭދަ ކުރަން ޖެހޭ ނަމަ، ކެއުން ގެންނަނީ ބޭރުންކަމަށާއި ފައިސާ ދައްކާނީ އަބަދުވެސް އެއް ފަނޑިޔާރުކަމަށް ވިދާޅުވި އެވެ. ސުލޫކީ މައްސަލައެއް އުފެދެން ޖެހޭވަރުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމަށް ތަކުރާރު ކުރައްވައި މަހާޒް އެދުނީ، އޭނާގެ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ.

ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރެއްވިއިރު، މަހާޒްގެ ރައުޔުގައި ދައުލަތުގެ ގިނަ ބޮޑެތި ގޯސްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ބާރުދޭ ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ނުވާކަމާއި ހިޔާނާތް ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާތީ އެކަމާއި މެދު ސުވާލު އުފެއްދި އެވެ.

ހުކުމަށް ފަހު މަހަޒާއި ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް ކޮމިޝަނުން އެ ވާހަކަތައް ދޮގު ކުރި އެވެ. އެހެންކަމުން، މަހާޒާއި ގުޅޭ ޝަކުވާ ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރިތާ އެއް އަހަރު ފަހުން ބަލަން ނިންމީ ކިހިނެއްކަން ސާފެއް ނޫނެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުންތައް ޖޭއެސްސީއަށް ދަނީ އަމާޒު ކުރަމުންނެވެ. ކުރީގެ ބަނޑާރަ ނައިބު ދިޔާނާ ސައީދަކީ އޭރު މަހާޒާއި އެކު ސުޕްރީމް ކޯޓަށް ފަނޑިޔާރަކަށް އައްޔަނު ކުރުމަށް ނަން ފޮނުވި ބޭފުޅާ އެވެ. ނަމަވެސް މަޖިލީހުން ރުހުން ދިނީ މަހާޒަށެވެ. ޖޭއެސްސީއަކީ ސިޔާސީ ތަނެއްގެ ގޮތުގައި ސިފަ ކުރައްވައި ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަން ފޮނުވައިގެން ޖޭއެސްސީން ބަޔާންތައް ވެސް އާއްމުކޮށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެގެން ސުޕްރީމް ކޯޓަށް އައްޔަނު ކުރި ފަނޑިޔާރަކު ތިން ކިލޯ ބަނޑު ހަނޑުލަށް ވިކިދާނެކަމަށް ބުއްދިއަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އެހެންވެ އޭނާ ގޮވާލީ، ސިޔާސީ ވެފައިވާ ޖޭއެސްސީ އެ ވަކިތަކުން މިނިވަން ކުރުމަށެވެ.

ޖޭއެސްސީން މަސައްކަތް ކުރަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްކަމަށް ތުހުމަތު ކުރައްވައި، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮމިޝަނުން އޮތީ އެއްވެސް ހުނަރެއް އަދި ތަޖުރިބާއެއް ނެތް ބައެއްގެ އަތް މަތީގައި ކަމަށެވެ. ޖޭއެސްސީ އަކީ ނާޗަރަންގީ ގުޅޭ ހާއްޔެއްކަމަށް ސިފަކޮށް އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ފައިސާ ދައްކައި ގެނައި ކެއުމެއްގެ މައްސަލަ ބަލަނީ ސަރުކާރުން އަންގައިގެން ކަމަށެވެ.

މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ މަހާޒްގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމީ، މިހާރު ދަށު ކޯޓުގައި ކުރިޔަށް ދާ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްކަމަށެވެ. ތޯރިގު ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް މި ދަނޑިވަޅުގައި ބަލަން ނިންމުމަކީ ދަށު ކޯޓުގައި ޖުކުމް ކުރަން އޮތް މައްސަލައަށް ނުފޫޒު ފޯރުވާކަމުގެ ހެއްކެއް ކަމަށެވެ.

ގއ. ވޮޑަމުލާގެ މައްސަލައިން ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަންވީ ނަމަވެސް ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް ދަނީ ކުރިޔަށެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި ލޯންޑާރ ކުރެއްވިކަމަށް ބުނާ މައްސަލައެކެވެ. މީގެތެރެއިން ވ. އާރަށުގެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު ހުލާސާ ބަޔާން އިއްވައި ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ހުކުމް އިއްވާނެކަމަށް ބެލެވެ އެވެ. އެހެންވެ، ގިނަ ބަޔަކު ވަނީ މަހާޒާއި ދެކޮޅަށް ބަލާ މައްސަލައަކީ ދަށު ކޯޓުގެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ދައްކާ މަންޒަރެއްކަމަށް ތުހުމަތުކޮށްފަ އެވެ.

ޖޭއެސްސީގެ ނިންމުމާއި ގުޅޭގޮތުން ފާޑުކިއުންތައް އަމާޒުވީއިރު، ރައީސް ޔާމީންގެ ހުކުމް ބާތިލު ކުރުމުން އޭރު ސަރުކާރުން އެންމެ ބޮޑަށް ފާހަގަކުރީ އޭގެއިން ދައްކުވައިދެނީ ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އޭރު މަހާޒާއި އެކު މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވީ މަހާޒްގެ ރައުޔަށެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަމެއް ކަށަވަރު ނުވާކަމަށެވެ. އަދި އެ ފައިސާ ޖަމާވެފައި ވަނީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަކުންކަން ފާހަގަކުރި އެވެ. ފައިސާ އާއި މެދު އެދެވެ ތަހުގީގެއް ހިންގިފައި ނުވާކަމަށާއި މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ބުރަދަން ލިބޭ ނުވަތަ ބާރުދޭ އިތުރު ހެކިތަކެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް މަހާޒްގެ ރައުޔުގައި ވެއެވެ.

ފައިސާގެ ހަގީގަތާއި މެދު ސުވާލު އުފެދިފައިވާއިރު ރަ އީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ދައުލަތުން ނަގާފައި ނުވާކަން ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށާއި މި ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާއާއި އެ ފައިސާ އިންވެސްޓު ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް މަހާޒްގެ ރައުޔުގައި ވެއެވެ.

އެހެން ކަމުން މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ރައީސް ޔާމީންގެ މައްޗަށް ހެކި ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ އެވެ.

މި ހުކުމަށް އޭރު ސަރުކާރުގެ އިސްބޭފުޅުންނާއި އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދެއްކި އެވެ. އަދި ފަނޑިޔާރުންނަށް ބިރު ދެއްކުމާއި ވަކި ގޮތަކަށް ހުކުމް ނެރުމަށް ފަނޑިޔާރުންނަށް މި ސަރުކާރުން ނާންގާނެކަމަށް ވަނީ ބުނެފަ އެވެ.

ޖޭއެސްސީން މަހާޒާއި ދެކޮޅަށް އާއްމު ކުރި ބަޔާނުގައި ވާގޮތުން މައްސަލައިގައި ސުވާލު ކުރުމުން އެއްބާރުލުން ނުދިނީ މަހާޒެވެ. އަދި އޭނާ އިހުތިޔާރު ކުރީ، މީޑިއާތައް މެދުވެރިކޮށް ބަސް އިއްވައި ދިފާއުވުމަށްކަމަށްވުމާއި އެކު ޝައްކުތައް އިތުރުވާކަމަށް ބުންޏެވެ.

ކޮމިޝަނުން މަހާޒަށް ރައްދު ދިން ބަޔާނުގައި ވަނީ، ކެއުން އިންތިޒާމުވި ގޮތާއި އެކަމުގެ ހަރަދުތައް ހިނގި ގޮތުގެ ތަފްސީލު ހޯދަން މަސައްކަތް ކުރި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭ ބައެއްކަމަށް ވެއެވެ. އެހެންކަމުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ކަމަށް ވަނީ ބުނެފަ އެވެ.

މި ބަޔާނުގައި ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މަހާޒްގެ ސެކްޝަން މުވައްޒަފުންނާއި ސުވާލުކޮށްފައިވާނެ އެވެ.

”މިހެންވެ، ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނުވެ. މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީ އާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީއެވެ“

އެހެންކަމުން ކޮމިޝަނުން މަހާޒާއި ސުވާލު ކުރުމުގެ ކުރިން، ކޯޓުގެ އިދާރީ މުވައްޒަފުން ހާޒިރުކޮށް ސުވާލު ކުރިކަން އޭގެއިން ހާމަވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: