ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ނެރުނު ހުކުމަކާއި ގުޅިގެން، މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ ފަނޑިޔާރު މަހާޒާއި ގުޅޭގޮތުން ތަހުގީގު ކުރަމުން ދާ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކޮމިޝަނުން ހާމަކުރުމުން އޭނާ ވަނީ މައްސަލަ މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ހުށަހަޅުއްވާފަ އެވެ. ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު، އެ މައްސަލަ ކޯޓުގައި ބެއްލެވުމުގައި ހިމެނޭ ފަނޑިޔާރުންގެ ބެންޗަށް ކެއުމެއް ގެނައި މައްސަލަ ޖޭއެސްސީން ބަލަނީ، އެއީ ހަދިޔާއެއް ބަލައިގަތުންކަމަށް ތުހުމަތުކޮށެވެ.
ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ހާލަތެއްގައި ހާއްސަ ކެއުމެއް ނޫންކަމަށާއި، 2021 ނޮވެމްބަރު 30 ގައި ކެއުން އޯޑަރުކޮށް ގެނައީ ކޮން ރެސްޓޯރަންޓަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވި އެވެ.
ސުލޫކީ މައްސަލައެއް އުފެދެން ޖެހޭ ޖާގައެއް ނެތްކަން ފާހަގަކޮށް، މި މައްސަލައިގައި މަހާޒް ނެރުނު ބަޔާނުގައި އެދިފައި ވަނީ ޖޭއެސްސީގެ ތަހުގީގު އާއްމުންނަށް ފެންނާނެހެން މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ.
މީގެ ކުރިން ވެސް ޖޭއެސްސީން ތަހުގީގު ކުރި ބައެއް މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އެވެ. އަދި އެ އަޑުއެހުންތައް ޓީވީ ސްޓޭޝަންތަކުން ލައިވް ކުރިކަން ފާހަގަ ކުރެވެ އެވެ.
މަހާޒްގެ ހުށަހެޅުމާއި އެއްގޮތަށް، ސުލޫކީ މައްސަލަ ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ތޯ މީޑިއާތަކުން ސުވާލު ކުރުމުން ޖޭއެސްސީން ބުނީ ކޮމިޓީން އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
އަންނަ ހަފްތާގެ ތެރޭގައި މައްސަލައިގައި އެކުލަވާލާފައިވާ ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެކަން ފާހަގަކޮށް، ކޮމިޝަނުން ބުނީ ފުރަތަމަ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
ސުކޫކީ މައްސަލަ ބެލުމަށް ނިންމިކަން ހާމަކުރުމުން، މަހާޒް އާއްމު ކުރި ބަޔާނަށް ރޭ ކޮމިޝަނުން ރައްދު ދިނެވެ. އެ ބަޔާނުގައި ވަނީ، ކެއުމާއި މެދު ސުވާލުތަކެއް އުފެދޭކަމަށާއި މަހާޒަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މި މައްސަލައިގައި މަހާޒްގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ތަހުގީގެއް ކުރިޔަށް ދާނެކަމަށް ޖޭއެސްސީން ބުންޏެވެ.

