ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމެއް ހާސިލުވާން އޮތީ ސިޔާސީ ޕާޓީއަކާއި ގުޅުން އޮވެގެންކަމަށް އޮތް އުސޫލު ބަދަލުވާން ޖެހޭ: ފާރިސް

އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއެއް ނުވަތަ ވިޔަފާރީގެ ކުރިއެރުމާއި ޕްރޮޖެކްޓުތައް ލިބެން އޮތީ ސިޔާސީ ޕާޓީތަކަށް ސޮއިކޮށްގެން ނުވަތަ އެ ބަޔަކާއި ގުޅުން އޮތް މީހުންނަކަމަށް އޮތް އުސޫލު ބަދަލު ކުރަން ޖެހިފައިވާކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނާއި އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި މިސްރާބާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި ފާރިސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕާޓީތަކަށް އިތުރަށް ހަރަކާތްތެރި ވެވޭނެ މަގުތައް އިތުރުކޮށް އުސޫލުތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް ހަރަކާތްތެރި ވި ނަމަވެސް ވޯޓު ލެވޭ ޒުވާން އުމުރުގެ ގިނަ މީހުންނަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް ފާރިސް ފާހަގަކުރެއްވީ، މަސްރަހު އޮތް ގޮތުން އެފަދަ އެއްވެސް ކަމެއްގައި ބައިރިވާން ގިނަ މީހުން ބޭނުން ނުވުމެވެ.

ހާއްސަކޮށް ޕާޓީތަކުގެ ތެރެއިން ނޫން ގޮތަކަށް ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ނެތުމުގެ ސަބަބުން ގެއްލުންތަކެއް ވާކަމަށް ފާރިސް ފާހަގަކުރެއްވި އެވެ. ދިވެހިންގެ ތެރޭގައި ތައުލީމީ މަގާމުތަކަށް ގާބިލު އެތައް ބަޔަކު ތިބި ނަމަވެސް، އެ މީހުންނަކީ ސިޔާސީ ވިސްނުމެއް ގެންގުޅޭ ބަޔަކަށް ނުވާތީ އެ މީހުންނަށް އެ ފުރުސަތު ނުލިބޭކަމަށް ފާރިސް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ސިޔާސ ކަންކަމުގެ ސަގާފަތް މިހާރު މިއޮތް ގޮތުން އޭގެ ތެރެއިން ގިނަ ބަޔަކަށް ހިދުމަތް ކުރުމުގެ ފުރުސަތުން މަހުރޫމްވެފައި މިވަނީ… އެހެންވީމަ ސިޔާސީ ޕާޓީތަކާއި އެކު.. ނޫނީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުން ނުވާ މީހުންނަށް ވެސް ހަރަކާތްތެރި ވެވޭނެ މަގެއް ހޯދުމަށް އެމްއާރުއެމުން ދަނީ މަސައްކަތް ކުރަމުން”

ފާރިސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުވައްސަސާއަކަށްވާއިރު، އެންމެ ފުރަތަމަ ވެސް ޖަވާބުދާރީ ވާން ޖެހެނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. ވަކި ބަޔަކަށް، ނުވަތަ ވަކި ބޮޑު ޕާޓީއަކަށް މުވައްސަސާއަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ފާރިސް ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް އެގޮތަށް ބައްޓަން ކުރުމަށް މެމްބަރުންނަށް ދެންނެވި ކަމަށެވެ.

ސިޔާސީ ކަންކަމަކީ ވަރަށް ވަރަށް ގިނަ އުނދަގޫތަކެއް ވާ، މައްސަލަތަކެއް ޖެހިފައިވާ ދައިރާއަކަށް ވެ ނުރަނގަޅު އުސޫލުތަކެއް ގާއިމުވެފައިވާކަމަށް ފާރިސް ވިދާޅުވި އެވެ. އެގޮތުން މިއަދު ކުރިއެރުމެއް ނުވަތަ ވަޒީފާއެއް ލިބެން އޮތީ ސިޔާސީ ޕާޓީއަކާއި ގުޅިގެންކަމަށް ވިސްނުމަށް އަންނަން ފަށާފައިވާކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މީހުން ވަރަށް ފާޅުގައި އިންތިޒާމުތައް ހަމަޖެހޭނީ ވަކި ޕާޓީއަކާއި ގުޅިގެންކަމަށް ބުނާ މީހުން ވެސް އެބަތިބި ކަމަށެވެ. ވިޔަފާރީގެ ކުރިއެރުމެއް، ނުވަތަ ދިމާވާ މައްސަލައަކާއި ކޮންޓްރެކްޓެއް ހޯދަން އޮތް މަގަކީ އެ ޕާޓީއަކާއި ގުޅުންކަމަށް ބުނެ ވިސްނައިދޭން މަސައްކަތް ކުރާ މަންޒަރު ފެނުމަކީ ކަންބޮޑުވުމެއްކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

“ތިމަންނަމެން ޕާޓީ މީހުންނަށް އެކަންޏޭ ވަޒީފާއެއް ލިބޭނީ… ތިމަންނަމެން ޕާޓީ މީހުންނަށް އެކަންޏޭ ސްކޮލަޝިޕެއް ލިބޭނީ.. ތިމަންނައަށޭ ދައުލަތުގެ ކޮންޓްރެކްޓެއް ލިބޭނީ… ވަކިކަމެއް ވާނީ ޕާޓީއަށް ސޮއި ކުރީމައޭ.. ނޫނީ ވަކި އަދަދަކަށް ފޯމު ގެނައީމައޭ.. މިކަހަލަ އުސޫލެއް ގާއިމުވެ، މި ނޫން ގޮތަކަށް ކަން ނުހިނގާނެކަމަށް މީހުން ގަބޫލު ކުރަން ފަށައިފި”

ފާރިސް ވިދާޅުވީ މަސައްކަތްތައް ހުރި ގޮތުން ހިމާޔަތް ކުރެވެނީ ސިޔާސީ މީހުން އެކަނި ކަމަށެވެ. އިސްލާހުގެ މަގަށް މަސައްކަތް ކުރުމަށް ގޮވާލައި ފާރިސް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ދިނުމުގެ ވިސްނުން ހުންނަން ޖެހޭނެ ކަމަށެވެ.

މިއަދު މީޑީއާތަކާއި ބައްދަލު ކުރައްވައި ފާރިސް ވަނީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމްގެ ވިސްނުން ހުރި ގޮތާއި ސަރުކާރުގެ ސިސޔާސަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: