ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިންބާރު ވަކިވެފައިވާއިރު ކޮންމެ މުވައްސަސާއަކަށްވެސް އެކި ފަރާތްތަކުން ނުފޫޒު ފޯރުވަމުންދޭ: އެމްއާރުއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން ދާއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަކީ އިޚުލާސްތެރި މަސައްކަތްތަކަކަށް ހަދަން ޖެހިފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ވަނީ ބުނެފައެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ރައްޔިތުން އެކަމަށް އެދޭތީ، ނުވަތަ ޤާނޫނެއް އޮތަތީ އެކަނި ކުރާ ކަމަކަށްވުރެ، އިޚުލާސްތެރިކަމާއިއެކު، ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަންޖެހޭ ކަމެއް ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިހިނގާ ރިޔާސީ ދައުރާ އަޅުގަނޑުމެންވެސް ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަޞީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށްފެންނަ ސަރުކާރެއް ޤާއިމްކޮށްދިނުމަށް ވަޢުދުވެގެން ކަމަށް ވެސް އެމްއާރު އެމްގެ ބަޔާނުގައި ވެއެވެ.

ޚާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަޙުޤީޤުކޮށް، ޒިންމާވަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށެވެ.
އޭރު ސަރުކާރާއި ދެބަސްވާ ކޮންމެ ރަށުކައުންސިލެއް އެކުއެކީގައި ސަސްޕެންޑްކޮށް، ދިވެހި ރައްޔިތުން ބަލައިގަތް ލާމަރުކަޒީ ނިޒާމު ދިޔައީ ފުނޑާލަމުންނެވެ.

ސަރުކާރުން ހޯދަންޖެހޭ ކޮންމެ ޚިދުމަތެއް ހޯދުމަށް ހަދިޔާ ދޭންޖެހޭ’ ސަގާފަތެއް ވަނީ އުފައްދާފައެވެ. އަމިއްލަ ހަރުމުދާހެން ރާއްޖޭގެ ރަށްރަށުގެ ‘ވަގު ޑީލްތަކުން’ ބަޔަކު ދިޔައީ މިލިއަން ޑޮލަރުން ނަފާ ހޯދަމުން ކަމަށް އެމްއާރު އެމް އިން ވަނީ ބުނެފައެވެ.

ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓެއް ދިޔައީ ހިންގަމުން ކަމަށާއި އެ ކަންކަމާއި ސުވާލުކޮށް، ސަރުކާރުން ހިންގަމުންދިޔަ އެ ކޮރަޕްޝަނާއި ދެކޮޅުހަދާ ކޮންމެ މީހެއްގެ ދިރިއުޅުން ދިޔައީ ހަލާކު ކުރަމުން ކަމަށް ވެސް އެމްއާެރުއެމް އިން ވަނީ ބުނެފައެވެ.
މިހާރު މި އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އެ ޢަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ޔަޤީން ކުރެވިގެން ކުރިއިތުބާރު ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.  ނަމަވެސް، 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރަން ފެއްޓުނު ތަން އެކަންޏެވެ. އަދި ހިތާމަޔާ އެކު ފާހަގަ ކުރަން ޖެހެނީ އެކަން ކުރިޔަށް ދާތަން ނުފެންނަކަމެވެ. އެހެންކަމުން ރައްޔިތުން އެދެމުންދާ ގޮތަށް ދެފުށްފެންނަ، ކޮރަޕްޝަނާއި ދެކޮޅު ނިޒާމުތަކެއް ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއަދު ދައުލަތުގެ މުއައްސަސާ ތަކުން ޤަބޫލުކުރަންޖެހޭ ކަމަކީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ މުޢާމަލާތްތަކެއް ނޫންކަމެވެ. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނިހާޔަތަށް ގިނަކަމެވެ. އެގޮތުން، ސަރުކާރުގެ އިސް ފަރާތެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ ‘އެހީ’ އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާގެ ޚިދުމަތްފަދަ ޚިދުމަތްތައް ކަށަވަރުކުރަން ދަތިކަން ރައްޔިތުން ޤަބޫލުކުރެވޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަމާއި، ވަޒީފާއާއި އަސާސީ ޚިދުމަތްތަކަކީ ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭ ބަޔަކު އަދިވެސް ރައްޔިތުންގެ ތެރޭގައި ތިބިކަމަށް އެމްއާރުއެމް އިން ވަނީ ބުނެފައެވެ.
ތިން ބާރު ވަކިވެ، މިނިވަން މުއައްސަސާތަކަކާއި ޒިންމާތަކެއް ހަވާލުކުރެވިފައިވާއިރު، އެއިން ކޮންމެ ބާރަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށްވެސް އެކި ފަރާތްތަކުން އެކި މިންވަރަށް ނުފޫޒު ފޯރުވަމުންދާކަމީ ސިއްރެއް ނޫނެވެ. ސަރުކާރު ހިންގުމާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން ފާޅުގައި އެކި ފަހަރުމަތިން އެ ތުޙުމަތުތައް ވަނީ ކޮށްފައެވެ.
ބާރާއި ނުފޫޒުން ހިންގާ، ނުވަތަ ހިންގުމަށް މުޖުތަމަޢު އާދަވެފައިވާ މިފަދަ ކޮންމެ ޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއްކަން ރައްޔިތުންނަށް ވިސްނައިދީ އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކޮރަޕްޝަންގެ އެކި ޢަމަލުތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުވެފައިވާ ޒިންމާއަށްވާއިރު، އެކަމުގައި ފަހަތުފަޔަށް ބަރުނުވެ މަސައްކަތް ކުރުމަށް އެމްއާރުއެމް އިން ވަނީ ގޮވާލާފައެވެ.

.އެމްއާރް.އެމްގެ އެދުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް، އިޚުލާސްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިއުން ކަމަށާއި އެ ޕާޓީ އަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާނެ ޕާޓީއެއް ކަމަށް ވަނީ ބުނެފައެވެ.
މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި، ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކި ފަހަރުމަތިން ދެއްވާފައިވާއިރު، އެކަން އެންމެ ފުރިހަމައަށް ކުރުމަށް ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ޙައިސިއްޔަތުން މި ޕާޓީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި ރައްޔިތުންނަށް އަރުވާ ކަމަށް ބަޔާން ނިންމާލަމުން އެމްއާެރުއެމް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: