2023 ގެ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، އެ މަސައްކަތުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ޑިފެންސް މިނިޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރުން އެއީ އަލަށް ހިނގިކަމެއް ނޫންކަމަށް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް އިންތިޒާމުތައް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނޭހެން ތަނުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބެއްގައި ޑިފެންސް މިނިސްޓްރީގެ ދައުރަކީ ކޮބައިތޯ ބައެއް މީހުން ސުވާލު އުފެއްދި އިރު ކޮމިޝަނުގެ މި ބައްދަލުވުމަށް އިދިކޮޅާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވެސް ސުވާލު އުފެއްދި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމަކީ ސުވާލުތަކެއް ނުވަތަ ޝައްކުތަކެއް އުފެދެން ޖެހޭ ފަދަ ކަމެއް ނޫންކަމަށް ފުއާދު ވިދާޅުވި އެވެ. އެނާ ވިދާޅުވީ، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި އެކު ވަރަށް ގިނައިން ބައްދަލުވުންތަކެއް ކުރިޔަށް ދިޔަ ކަމަށެވެ.
ފުއާދު ވިދާޅުވީ އެހެންކަމުން ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއި އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރުމަކީ އާ ކަމެއް ނޫންކަމަށެވެ. އަދި ވިދާޅުވީ، އެންމެ ފަހުން މިނިސްޓަރު މާރިޔާ އާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ ރިޔާސީ ކެނޑިޑޭޓުންގެ ސެކިއުރިޓީއާއި މެދުކަމަށެވެ.
ފުއާދު ވިދާޅުވީ، ކެނޑިޑޭޓުންގެ ސެކިއުރިޓީ ބަލަހައްޓާނީ އެމްއެންޑީއެފުން ކަމަށވެެ. އަދި އެއީ ގާނޫނޫ ބަޔާން ކުރާގޮތްވުމާއި އެކު އެކަމަށް ވާހަކަ ދެކެވުނުކަމަށް ވިދާޅުވި އެވެ. އެނާ ވިދާޅުވީ، ދެވަނަ ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ ސިފައިން އަދި ފުލުހުންގެ މުވައްސަސާގެ ބޭފުޅުންގެ ރެޖިސްޓްރީގެ ކަންކަމާއި ގުޅޭގޮތުން ކަމަށެވެ.
މީގެއިތުރުން ފުއާދު ވިދާޅުވީ، ގިނަ އަދަދެއްގެ މުއައްޒިފުން އުޅޭ އެ މުއައްސަސާގެ ބޭފުޅުން ކޮންމެ ވަގުތެއްގައިވެސް ހުރި ތަން ނޫން އެހެން ތަނަކަށް ދާން ޖެހިދާނެކަމަށެވެ. އެހެންކަމުން މަޝްވަރާ ކުރީ ސިފައިންނާއި ފުލުހުންގެ ވޯޓުލުމުގެ ކަންކަމާއި މެދުކަމަށާއި، އެއީ ގައުމުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވާ ދެ މުއައްސަސާކަމަށްވުމުން ސިފައިންނާއި ފުލުހުންނަށް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ރީ ރެޖިސްޓްރޭޝަނަށް ފުރުސަތު ދެއްވާކަމަށް އެނާ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބައްދަލުވުންތަކެއް ބޭއްވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަން ގެއްލިގެންދާނެފަދަ ކަމެއް ނުހިމެނޭކަމަށް ފުއާދް ފާހަގަކުރެއްވީ، ދާދި ފަހުން އިލެކްޝަންސް ކޮމިޝަން އަދި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ބައްދަލުކުރެއްވުމާއި ގުޅިގެން އިދިކޮޅު އަދި އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި އެކުއެވެ.
ރިޔާސީ ކެނޑިޑޭޓުންގެ ސެކިއުރިޓީއާއި ގުޅޭގޮތުން މަޝްވަރާ ކުރިކަމަށް ފުއާދު ވިދާޅުވިއިރު 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ހުޅުމާލޭގެ ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެމްޕެއިން ޓީމަށް އަމާޒުކޮށް ކަޅު ތެޔޮ ޖެހި މައްސަލައެއް ފެންމަތިވި އެވެ.

