ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުން، މަރުވުން: ދައުލަތުގެ ބޮޑެތި އިހުމާލު!

މާލޭ ރިމާންޑް ޖަލު. ރިމާންޑް ޖަލުތަކަކީ ތުހުމަތަށް މީހުން ބަންދުގައި ބަހައްޓާ ތަންތަން: ފޮޓޯ ސާޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކުރުމަށް މޯލްވިސް ޕޮލިސް ސަރވިސްގެ ދަށުން ބަލަހައްޓަމުންގެންދާ ޕޮލިސް ސްޓޭޝަންތަކާއި، ކަސްޓޯޑިއަލް ޖަލުތަކާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓާ ރިމާންޑު ޖަލުތަކާއި، އާންމު ޖަލުތަކުގައި ޢަމަލުކުރާ އުޞޫލުތަކާއި ގަވާއިދުތައް އަޅާކިޔުމުގައި ބަލައިފައިވާ އަސާސީ މިންގަނޑެއްގެ ގޮތުގައި ބޭނުންކޮށްފައިވާނީ އ.ދ އިން ކަނޑައަޅައިފައިވާ މަންޑޭލާ ރޫލްސްއަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖޭގެ ޖަލުތަކުގައި މި ދެންނެވި މަންޑޭލާ ރޫލްސްއާއި އެއްގޮތަށް އަމަލު ކުރޭތޯއެވެ؟

މި ސުވާލަކީ އައު ސުވާލަކަށް ނުވިނަމަވެސް މިއަދު މި ސުވާލު އުފައްދަން މިޖެހުނީ ދާދިފަހުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ވަނިކޮށް އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރުމާއި ގުޅިގެންނެވެ.

ދައްކަން މިއުޅެނީ ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް, އޭނާ ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިތެރޭގައި ދަންޖެހެން މަސައްކަތްކޮށް ހާލުދެރަވެފައި ވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ނުދެވުނު ވާހަކައެވެ.

އެއްވެސް ހާލެއްގައި ދައްކަން މިއުޅެނީ އަބޫބަކުރު ފައިސަލް އަކީ ކުށެއް ނުކުރާ މީހެކޭ ނޫނެވެ، ނުވަތަ އޭނާ ހުދު ކާފޫރަށްވެސް ޙަދަނީއެެއްނޫނެވެ. އެކަން ނިންމާނީ ޝަރީއަތުންނެވެ. ދައްކަން މިއުޅެނީ އެވާހަކައެެއްނޫނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބުނާ ގޮތުން މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމަކީ އޭނާ ކުށްވެރިއެއްގެ ގޮތުގައި ބަލަން ޖެހޭ ނުވަތަ ކަނޑައަޅަން ޖެހޭ ސަބަބެއް ނޫނެވެ. އެގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާހާ ހިނދަކު އޭނާ ބަލަން ޖެހޭނީ މައުސޫމް މީހެއްގެ ގޮތުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެހެން ކަމުން ކުށުގެ ތުހުމަތު ކުރެވޭ މީހާ ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުންނައިރު ދައުލަތުން އޭނާއަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައިވާއިރު އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާ އަމިއްލައަށް ފުލުހުންނާއި ހަވާލުވުމުންނެވެ. ސުވާލަކީ އޭނާ އަމިއްލައަށް ފުލުހުންނާއި ހަވާލުވި ސަބަބު ހޯދަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯއެވެ؟ ފައިސަލް އަށް ތުހުމަތު ކުރަނީ އޭނާގެ އަނބިމާހާ މަރާލި ކަމުގެ ތުހުމަތު ކަމަށްވާއިރު މަރާއި ގުޅިގެން އެކި ވާހަކަތައް ދައްކަމުން ދިއުމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން އެއްވެސް އަސަރެއް ކޮށްފައިވޭތޯ ފުލުހުން ބެލިތޯއެވެ.؟ މި ސުވާލު އުފައްދަން ޖެހޭ ސަބަބަކީ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައިވާތީއެވެ.

ބޮޑު ޖިނާއީ ކުށަކާއި ގުޅިގެން ކުށުގެ ތުހުމަތު ކުރެވޭ މީހާ އަމިއްލައަށް ތަހުގީގުކުރާ ފަރާތާ ހަވާލުވުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. އެހެން ކަމުން އޭގެ ސަބަބުން ހޯދަން ޖެހޭނެއެވެ. ނަފްސާނީ ގޮތުން އޭނާއަށް ކޮށްފައިވާ އަސަރު ދެނެގަތުމަށްޓަކައި ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. އޭގެ ބޭނުމަކީ ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމެއްގެ ސަބަބުން އަމިއްލަ ނަފްސަށް ދީފާނެ ގެއްލުމަކުން އޭނާ ސަލާމަތް ކުރުމެވެ. އަދި އެފަދަ މީހުން ޖަލުގައި ބަންދުކުރާއިރު ބަންދު ކުރަން ޖެހޭނީ އޭނާގެ އަމިއްލަ ނަފްސަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ގޮތަށެވެ. އޭނާގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަޔަށް ދައުލަތުން ކަށަވަރު ކުރަން ޖެހޭނެއެވެ. ނަމަވެސް ފައިސަލް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ބަހައްޓާފައި ހުރިއިރު ދައުލަތުން ފައިސަލްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައެއް ނުވެއެވެ. އެކަން ދައުލަތުން ކުރިނަމަ މިއަދު ފައިސަލް އޮންނާނީ އޭނާ މިހާރު އެ އޮތް ހާލަތުގައެއް ނޫނެވެ.

ނިޝާމާގެ މަރާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ދީފައިވާ މައުލޫމާތަކީ ނިޝާމާ މަރުވެފައިވާ ކަމަށާއި މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ފައިސަލް ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރި ސަބަބާއި ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެގޮތުން ފައިސަލް ބަންދުކޮށްފައިވާ ތަނުގެ ހާލަތާއި އެތަން ހުރި ގޮތާއި ބެހޭ ގޮތުން ވެސް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފައިސަލް އަމިއްލަ އަށް މަރުވާން އުޅުނު މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އަންނަނީ ބަލަމުންނެވެ.

ފައިސަލް އަމިއްލައަށް ދަންޖެހިގެން މަރުވާން އުޅުނު ގޮތާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު އޭނާ ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައި ވަނީ ބާލީހެއް ބޭނުންކޮށްގެންނެވެ. އަދި އަނެއް ބަޔަކު ބުނާ ގޮތުން ފައިސަލް މަރުވާން މަސައްކަތް ކޮށްފައި ވަނީ ބެޑްޝީޓެއް ބޭނުންކޮށްގެންނެވެ. މިއިން ކޮންމެ ގޮތަކަށް ފައިސަލް މަރުވާން މަސައްކަތް ކުރިނަމަވެސް އެކަން ހިނގަން މެދުވެރިވީ ދައުލަތުގެ އިހުމާލުންނެވެ. ބަލަން ޖެހޭ ވަރަށް ނުބެލުނީއެވެ. ޖަލުގައި ބަންދު ކުރާ މީހަކު އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަދަ އެއްވެސް ކަމެއް ކުރެވޭނެ ގޮތަކަށް ޖަލުގައި އެއްވެސް ކަމެއް ހުރެގެން ނުވާނެއެވެ.

ކުޅުދުއްފުށީގައި ފުލުހުންގެ ބަލަހައްޓާ ޖަލަށް ގޮސްފައިވާ މީހަކު “ސަންގު” އަށް މައުލޫމާތު ދެމުން ބުނީ ބާލީހެއް ބޭނުންކޮށްގެން އެތަނުގައި ދަންޖެހެވޭނެ ގޮތެއް ނުހުންނާނެ ކަމަށެވެ. އަދި ބެޑްޝީޓެއް މަތީގައި ހުރި ތަނެއްގައި އައްސައިގެން ވެސް ދަން ޖެހެވޭނެ ގޮތެއް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ފައިސަލް އަމިއްލައަށް ދަން ޖެހިގެން މަރުވާން މަސައްކަތް ކުރިކުރުމަކީ ދައުލަތުގެ އިހުމާލުން ހިނގި ކަމެއް ނޫން ގޮތަށް ނުބެލެވޭނެ ކަމަށެވެ. އެގޮތުން އޭނާ ބުނި ގޮތުގައި ކުޅުދުއްފުށީގައި ހުންނަ ޖަލު ގޮޅިތަކަކީ ފުލުހުންގެ ސްޓޭޝަންއާއި ދުރުގައި ހުންނަ ތަންތަން ކަމަށެވެ. އަދި އެތަނުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ހުރިނަމަ މިކަން ނުހިނގީސް ކަމަށް އޭނާ ބުންޏެވެ.

ފައިސަލްއަށް އޭނާގެ އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވުމަކީ އޭނާއަށް ދައުލަތުން ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ދޭން ނުޖެހޭ ސަބަބެއް ނޫނެވެ. އަދި އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރުމަކީ އޭނާގެ މައްޗަށް ކުށް ސާބިތުވުމެއް ވެސް ނޫނެވެ. ހަމައެހެންމެ ފައިސަލް އަމިއްލައަށް ދަންޖެހިގެން މަރުވާން އުޅުމަކީ އޭނާގެ އަނބިމީހާ އާއި ދަރިންނަށް އިންސާފް ލިބޭނެ ކަމެއް ވެސް ނޫނެވެ. ހިނގި ކަމެއް ހިނގީ ދައުލަތުގެ އިހުމާލުންނެވެ. މީގެކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު މަރުވެފައިވެއެވެ. އެއިން އެއްވެސް ކަމެއް ބެލިފައެއް ނުވެއެވެ. އަދި ޖަލުތަކުގެ ހާލަތު ވެސް ރަނގަޅު ކުރެވިފައެއް ނުވެއެވެ. އެކަން ޖަލު އޮޑިޓް ރިޕޯޓުންނާއި އެޗްއާރުސީއެމްގެ ރިޕޯޓުތަކުން ސާބިތުވެއެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އެ ރަށުގައިވާ ކަސްޓޯޑިއަލް ޖަލާއި ބެހޭ ގޮތުން ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މީހުން ބަންދުކުރުމަށް 15 ގޮޅި ހުރިކަމާއި، މިތަނުގައި މީހުން ބަންދުކުރުމުގައި ގިންތި ކުރަމުން ނުދާކަން ފާހަގަކުރެވިފައިވެއިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންނާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުމަށް ވަކި ޚާއްޞަ ގޮޅިއެއް ނުހުންނަކަމަށާއި އަދި ކުއްޖަކު ބަންދުކުރަން ޖެހިއްޖެ ޙާލަތެއްގައި ބަންދުކުރަނީ ބޮޑެތި މީހުން ބަންދުކުރުމަށް ޚާއްސަކުރެވިފައިވާ ގޮޅިތަކުގައި ކަމަށް މުވައްޒަފުން މަޢުލޫމާތުދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އަންހެނުންވެސް މި ގޮޅިތަކުގައި ބަންދުކުރާ ކަމަށް މުވައްޒަފުން މަޢުލޫމާތުދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގައި ބަންދަށް ގެންނަ މީހުންނަށް ނިދުމަށް ފޯރުކޮށްދެނީ ކުނަލާއި، ބާލީސް ކަމަށާއި، ސާފުތާހިރުވުމަށް ދެނީ ދަތްއުނގުޅާ ބުރުހެއް ކަމަށާއި، ކޮންމެ ދުވަހަކު ހެނދުނު ޑިއުޓީ އޮފިސަރުން އައިސް ބުރުހުގައި ބޭސް ޖަހައިދޭ ކަމަށް މުވައްޒަފުން މަޢުލޫމާތުދީފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ބަންދުކުރާ ގޮޅިތަކަކީ ވަޔާއި އަލި ދައުރުވާ ގޮތަށް ހުރި ނަމަވެސް ގޮޅިތައް ފަރުމާކޮށްފައި ހުރި ގޮތުން ވަޔާއިއަލި ވަންނަ މިންވަރު ކުޑައެވެ. ގޮޅިތަކުގެ އެތެރެ ހޫނު ގަދަކަން ފާހަގަކުރެވިފައިވާއިރު މިތަނުގައި މީހުން ބަންދުކުރުމަށް 15 ގޮޅި ހުރިއިރު ކޮރިޑޯގެ ބޭރުގައި އެމަރޖެންސީ ލައިޓެއް ހަރުކޮށްފައި ހުރިކަމާއި، މި ގޮޅިތަށް ސާފުކޮށް ބަލަހައްޓަނީ ބަންދު މީހުން އަމިއްލައަށް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ،އަންނައުނު ދޮވުމަށާއި ގޮޅިތެރެ ސާފްކުރުމަށް ދޮންނަ ކުނޑި އަދި ފާޚާނާ ސާފުކުރުމަށް ކެމިކަލް ދޭކަމަށް ބަންދު މީހުންނާއި މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ. ބަންދު މީހުން ބުއިމަށް ފޯރުކޮށްދެނީ ވޯޓަރ ސަޕްލައި ފެންކަމާއި، ބަންދުމީހުން އެދޭ ވަގުތެއްގައި ފުޅިއަށް ފެން އަޅައިދީގެން ފެން ފޯރުކޮށްދެވޭ ކަމަށް ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފޯރުކޮށްދޭ ބޯފެނުގެ ސާންޕަލް ނަގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ފޮނުވާ ޓެސްޓް ހެދުމުން މިތަނުން ފޯރުކޮށްދޭ ބޯފެނަކީ ޑަބްލިއު އެޗް އޯ ގެ މިންގަނޑަށް ވުރެ ދަށް މިންގަނޑެއްގައި ހުރި، ބުއިމަށް ބޭނުންކުރުމަށް ރައްކާތެރި ނޫން ފެނެއް ކަމަށް ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، މި ސްޓޭޝަނުން ބަންދު މީހުންނަށް ފޯރުކޮށް ދެމުންދިޔަ ފެން ދިނުން ހުޓާލައި ،ބަންދުކުރެވޭ މީހުނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް މިނިސްޓަރަށް ކޮމިޝަނުން ވާނީ ދަންނަވާފައެވެ.

ކޮންމެއަކަސް ޖަލު އޮޑިޓް ރިޕޯޓުގައި ކުޅުދުއްފުށީގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ބަންދު ކުރާ ތަންތަނުގެ ހާލަތު ހުރި ގޮތް ސާފުކޮށްދީފައިވާ ގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންނަށް ދައުލަތުން އިހުމާލުވާނެ މިންވަރު ވަޒަން ކޮށްލެވޭނެކަން ޔަގީނެވެ.

މީގެއިތުރުން ޖަލު އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހަދާފައިވާއިރު ޤާނޫނުގެ ދަށުން ބާރުލިބިގެން ޑައިރެކްޓަރ އޮފް ޕްރިޒަންސް އެކުލަވާލައި ޢަމަލުކުރަމުންދާ ގިނަ ޖަލު އަމުރުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވީނަމަވެސް މިއަދާ ހަމައަށްވެސް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ތިން ވަނަ މާއްދާގެ(ހ) އާ ޚިލާފަށް، ޖަލު އަމުރުތަކަށް ޢަމަލުކުރަމުންދަނީ އެ އަމުރުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމެއްނެތިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަލުތަކަކީ ސެކިއުރިޓީ މިންގަނޑުން އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށް ވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަމާއި، އަދި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައި ނުވާކަމަށް ޖަލުން އޮޑިޓުން ވަނީ ސާފުވެފައެވެ.

މިހެންވީއިރު އެކި ޖަލުތަކުގައި އެއްކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަމާއި، ކޮންމެ ޖަލަކަށް ވަކިވަކިން، ކޮންމެ ކަމަކަށް ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއް ހެދުމުން، ބަންދުކޮށްފައި ތިބޭ މީހުންގެ މެދުގައި ތަފާތުކުރުން އުފެދި، ޖަލުގެ އުސޫލުތައް ގިނަ ބަޔަކަށް އޮޅުންއަރައި، މިކަންތައްތައް ސާފުނުވެ އޮތުމުގެ ސަބަބުން އެތައް އަސާސީ އިންސާނީ ޙައްޤަކާއި ،މިނިވަންކަމުގެ އަސާސްތަކާ ފުށުއަރާގޮތަށް ކަންތައްތައް ހިނގައި، ކުރިއާލައި ހިނގުމުން އެއްކިބާ ކުރެވިދާނޭ އެތައް މައްސަލައަކަށް ޖަލުތަކުގެ ޤައިދީންނާއި ބަންދުމީހުން ހުށަހެޅެމުންދާކަން ޖަލު އޮޑިޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ ބަދަލުގައި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 1 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ތަޙްޤީޤަށް ބަންދުކުރެވޭ މީހުންނާއި، ތަޙްޤީޤު ނިމި ،ޝަރީއަތް ފެށި، ނުވަތަ ޝަރީއަތް ފެށި، ޙުކުމްކުރުމުގެ މަރުހަލާގައި ތިބި މީހުންނަށާއި، ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް، އެމީހުންގެ ސަލާމަތީ ގިންތިއަށް ރިޢާޔަތްކޮށް ލުއި ޖަލުތަކަށް ޚާއްސަ ބައިތަކެއް ހިމެނޭ ގޮތަށް ހުރިހައި ޖަލަކުން އެއްގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައި، އެއް އެސް.އޯ.ޕީ އޮތުމަކީ ޖަލުތަކުގެ ކަންތައްތައް އެއްއުސޫލަކުން ހިންގައި، ޤައިދީންނާއި ބަންދުމީހުންނަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ފުރިހަމައަށް ރައްކާތެރުކޮށްދިނުމަށް މަގުފަހިވެގެންދާނޭ ކަމެއްކަން ޔަގީނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: