ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ މެދެއްހާ ހިސާބުގައިކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގް ވިދާޅުވެއްޖެއެވެ.
”ސަންގު“ އަށް ދެއްވި އިންޓަރވިއުއެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއިމެދު ވާހަކަދައްކަވަމުން ފުއާދް ވިދާޅުވީ، 2023 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިގެންދާނީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައިކަމަށެވެ. އަދި އިންތިހާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް ފުއާދް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، އިލެކްޝަންސްއިން ލަފާ ކުރާގޮތުން ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު ބޭއްވޭނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ނުވަތަ އެ މަހުގެ 9 ވަނަ ދުވަހުގައިކަމަށެވެ. އެހެންނަމަވެސް އަދި ވަކި ދުވަހެއް ކަނޑައެޅިފައިނުވާކަމަށް ފުއާދް ވިދާޅުވިއެވެ.
ފުއާދް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެ ބުރު ކުރިއަށް ގެންދާނީ ފުރަތަމަ ބުރު ނިމިގެންދާތާ ތިން ހަފްތާ ފަހުންކަމަށެވެ. އެގޮތުން ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ބާއްވައިފި ހާލަތެއްގައި ދެވަނަ ބުރެއް އޮންނާނީ 23 ވަނަ ދުވަހުގައިކަމަށާއި 9 ވަނަ ދުވަހު ބާއްވައިފި ހާލަތެއްގައި ދެވަނަ ބުރެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައިކަމަށް އެނާ ވިދާޅުވިއެވެ.
އެނާ ވިދާލުވީ، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ޕްލޭން ރޭވިފައިވަނީ މި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި އިލެކްޝަންސްއިން މަސައްކަތް ކުރަމުންދަނީ ރަނގަޅު، ކާމިޔާބު އިންތިހާބެއް ބޭއްވޭނެކަމުގެ ފޮނި އުންމީދުތަކާއި އެކު ކަމަށްވެސް ފުއާދް ވިދާޅުވިއެވެ.

