ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯވި އެފްކޮންސް އެކަމޮޑޭޝަން ބްލޮކުން ގެއްލުނު މީހާ ހޯދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން. (ފޮޓޯ/އެމްއެންޑީއެފް)
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ، އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބި އެކަމޮޑޭޝަން ބްލޮކުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލިގެން ހޯދަމުން ދިޔަ މީހާކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިފައިވާކަމަށް ފުލުހުންނާއި، އެފްކޮންސް ކުންފުނިން ރަސްމީކޮށް މައުލޫމާތު ދިނީ މުވައްޒަފުންގެ ތެރެއިން އެކަކު މަދުކަމަށް ބުނެ އިހުތިޖާޖު ކުރަމުން ދާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ.

ބްރިޖުގެ މަސައްކަތުގައި ތިބި އެތައް ސަތޭކަ ބައެއްގެ ހުރުން ހަމަޖައްސާފައި ހުރި އެކަމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުނު 70 އަށް ވުރެ ގިނަ ބަޔަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. މީގެ ތެރެއިން 32 މީހަކަށް ފަރުވާ ދިނީ އެޑްމިޓުކޮށްގެންނެވެ. އަދި އަނިޔާތައް ލިބުނު މީހުންގެ ތެރެއިން 04 މީހެއްގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

ހާދިސާއަށް ފަހު ބިދޭސީން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަނިކޮށް، އެކަކު މަދުކަމަށް ބުނެ އިހުތިޖާޖުތައް ފެށީ އިއްޔެގެ ވަގުތެއްގަ އެވެ. އޭރު ވެސް ފުލުހުން އެއްވެސް މައުލޫމާތެއް ނުދެ އެވެ. ފަހުން ބަޔާނެއް އާއްމުކޮށް، އެންމެންގެ ހާލު ރަނގަޅުކަމަށާއި ނަމަވެސް އެކަކު ހޯދާ ނުފެނިފައިވާކަމަށް މުވައްޒަފުން ބުނެފައި ވާތީ އެކަން އެމްއެންޑީއެފާއި ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށް އެފްކޮންސް އިން ބުންޏެވެ. އެ ބަޔާނުގައި އެމްއެންޑީއެފާއި ހަވާލާ ދީ، ކުންފުނިން ބުނީ އެއްވެސް މީހެއްގެ ހަށިގަނޑެއް ފެނިފައި ނުވާކަމަށް މުވައްސަސާއިން ބުނެފައިވާ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް އިއްޔެ އިރުއޮއްސުނު ފަހުން މެސެޖެއް ފޮނުވުމަށް ފަހު، މީހަކު ގެއްލިގެން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ. އަލިފާނުގެ ހާދިސާގައި އެކަމޮޑޭޝަން ބްލޮކަށް ލިބުނު، ގެއްލުންތައް އަދި ސާފެއް ނޫނެވެ.

އަލިފާނުގެ ހާދިސާއަށް 48 ގަޑިއިރު ވީއިރު ވެސް ގެއްލުނު މީހާގެ އެއްވެސް ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިއަދު އިރުއޮއްސުނު ފަހުން ފޮނުވި މެސެޖެއްގައި ބުނީ، އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ އެކަކު މަދުކަން ފާހަގަކުރެވި، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތައްކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

މިއީ އޭނާގެ ހަށިގަނޑުގެ ބައިތަކެއް ތޯ ބެލުމަށް ކުރަން ޖެހޭ ތަހުލީލު މަސައްކަތްތައް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ ދުވަސްތަކެއް ކުރިން، ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ނިޔާވެފައިވާއިރު ބިދޭސީން ބަހައްޓާފައި ހުންނަ ބްލޮކްތަކުގެ ހާލަތާއި މެދު ގިނަ ކަންބޮޑުވުންތަކެއް އުފެދުނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން، އުޅެން ޖެހިފައި ވަނީ އިންސާފުން ބައިތިއްބަން ވެސް އެކަށީގެން ނުވާ ތަންތަނުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: