ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއެމްއިން އާޓީސަންއަށް ދައްކަން ޖެހޭ 4.5 މިލިއަން ދޫކުރުން ފަސް ކުރުމުގެ އަމުރެއް!

ޕީއެސްއެމް ހިންގާ އިމާރާތް / ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މީޑިއާ ޕީއެސްއެމް ހުންނަ ބިމުގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގެ މަސައްކަތުގެ އަގު ހޯދުމަށް އާޓިސަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުޏަށް 4.5 މިލިއަން ރުފިޔާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރެދީފި އެވެ.

މިއީ ޕީއެސްއެމްގެ ހުށަހެޅުމަކަށް، އާޓިސަންގެ ފަރާތުން އެ އޮފީހުގެ ބިއުރޯގައި ކުރި މަސައްކަތަށް ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާކަމަށް ބުނެ އެ ކުންފުނިން ޕީއެސްއެމާއި ދެކޮޅަށް ކުރި ދައުވާއެއްގެ މައްސަލައެކެވެ.

ޕީއެސްއެމުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި އެދިފައި ވަނީ ޕީއެސްއެމްއިން 2018 ގައި ހެދި އެގްޒެކެޓިވް ބިއުރޯގައި ކުރިކަމަށް ބުނާ މަސައްކަތްތަކަށް އާޓިސަން ކުންފުނިން ހުށަހެޅި އިންވޮއިސްތަކަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާކަމަށް ބުނެ އެ ހުށަހެޅި ދައުވާއާއި އެއްގޮތަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ސިވިލް ކޯޓަށް އާޓިސަން ހުށަހެޅި މައްސަލައިގައި ވަކީލު ފީއާއި ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ 11.4 މިލިއަން ރުފިޔާ ނަގައިދޭން އެދުނެވެ. އަދި މިދިޔަ އަހަރު އެ ކޯޓުން ކުރި ހުކުމުގައި ވަނީ ގެއްލުމުގެ ބަދަލު ނުހިމަނައި، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 360،000 ރުފިޔާ ތެރެއިން 16،000 ރުފިޔާ އާއި އެކު 4.52 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެ ހުކުމް ނެރެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 29 ގަ އެވެ. އަދި އެ ދުވަހުން ފެށިގެން އެ މަހަކަށް ދައްކަން ޖެހޭ ވަރު، ސިވިލް ކޯޓަށް ދައްކަމުން ގޮސް ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ޕީއެސްއެމްގެ މައްޗަށް ނެރުނު އަމުރުގައި ވެއެވެ. ކޯޓުން ގެއްލުމުގެ ބަދަލު ނަގައިދީފައި ވަނީ، އާޓިސަން ހުށަހަޅާފައިވާ އަދަދަށް ފައިސާ ނަގައިދެން ހަމައެއް ނެތުމުންނެވެ.

ޕީއެއެސްއެމްއިން އެ ނިންމުން، އިސްތިއުނާފު ކުރުމުން ކޯޓުން އެ މައްސަލަ ބަލައިގަނެ ކުރިޔަށް ދާއިރު އެ ކޯޓުން އެ އަމުރު ތަންފީޒު ކުރުން މަޑުޖެއްސުމަށް އެންގީ މައްސަލަ ބަލައި ނިމެންދެނެވެ. އަދި ކޯޓު އަމުރުގައި ސިވިލް ކޯޓުން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ވަނީ އަންގާފަ އެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ، ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސަލީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: