ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުނިމި ހުރި އިމާރާތަކަށް ޕީއެސްއެމުން ކުލި ދެއްކި މައްސަލަ ތިންވަނަ ފަހަރަށް ޕީޖީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ހުޅުވުމަށްޓަކައި ހަދާ ނުނިމޭ އިމާރާތެއްގެ ދެ ފްލޯ ކުއްޔަށް ނަގައިގެން ކުލި ދައްކަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

އެގޮތުން، މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ 513 ވަނަ (ށ) ގެ (1) ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި އެކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ 22 ނޮވެންބަރު 2016 ގައި އޭސީސީން ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލައެކެވެ. އަދި، ދެ ފަހަރެއްގެ މަތިން ދަޢުވާކުރުމަށްޓަކައި ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ތަޙްޤީޤަށް އޭސީސީން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޕަބްލިކް ސަރވިސް މީޑިއާ ގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ޕީ.އެސް.އެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ 3 ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކަމަށެވެ.

އެހެންނަމަވެސް، އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމާފައިވާ ކަމަށާއި އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

މީގެއިތުރުން، ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 (ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން އޭސީސީގެ ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އަދި ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: