2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ، ކެނޑިޑޭޓަކު ހޮވުމަށް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމުގެ ފޯމު ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދު އޮންލައިންކޮށް، މި ފޯމު ހުށަހަޅުއްވާފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
ފޯމުތައް ހުށަހެޅުމާއި ގުޅޭގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ހަސަން ލަތީފް ސަންގުއަށް ވިދާޅުވީ ފޯމު ހުށަހަޅާފައި ވާނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ އުސޫލެއް ފުރިހަމަކޮށް ގަވައިދުގެ ތެރެއިން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ފޯމު ހުށަހެޅީ މިރޭ 11:30 ހާއިރު ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ، ތާއީދު ފޯމުތައް ހުށަހެޅުމުގެ ކުރިން ވެރިފައިކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ސީދާ ހުށަހެޅީ، ކިތައް ތާއީދު ސޮއިކަން ވިދާޅެއްނުވެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ #MDP ގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓްކަމުގެ ފޯމް ރައީސް @MohamedNasheed ހުށަހަޅުއްވައިފި. #Anni2023 pic.twitter.com/QoUHOul8xg
— Hassan Latheef🎈 (@HassanLatheef) December 22, 2022
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ އިދާރީ މަސައްކަތްތައް ނިންމައި، ކުރި އިއުލާނުގައި އިންތިހާބާއި ކެމްޕެއިނާ ދެމެދު ދީފައި ވަނީ ގާތްގަނޑަކަށް މަސް ދުވަހުގެ މުއްދަތެކެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން، ކެމްޕެއިނަށް 30 ދުވަސް ދޭން ޖެހެ އެވެ.
އަންނަ މަހުގެ 28 ގައި ރިޔާސީ ޕްރައިމެރީ ބާއްވާ ގޮތަށް ނިންމައި، އެ ޕާޓީން ކުރި އިއުލާނުގައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 500 މެމްބަރުންގެ ތާއީދު ސޮޔާއި އެކު ކެނޑިޑެސީ ފޯމު ހުށަހެޅުމަށެވެ.
އިންތިހާބުގައި ވާދަ ކުރާނެކަން ރައީސް ނަޝީދު ރަސްމީކޮށް އިއުލާނު ކުރައްވައި، އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ. ބޮޑެތި ކޯޅުންތަކާއި، ވާދަވެރިކަމެއް ފެނިގެން ދާނެ މި އިންތިހާބުގައި ރައީސް ނަޝީދާއި ދެން ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ޕްރައިމެރީގައި ވާދަ ކުރައްވާނީ، ވެރިކަމުގެ ދެ ވަނަ ދައުރަކަށް އައުމަށެވެ.
ދެ ރައީސުންގެ ދެމެދު އޮތް ބޮޑު ވާދަވެރިކަމުގެ ތެރެއިން ބާއްވާ މި އިންތިހާބަކީ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ނަޒަރު ވެސް ހުއްޓޭނެ އިންތިހާބެކެވެ.

