އަނެއްކާވެސް ވެރިކަންކުރާ ޕާޓީގެ ކޯޅުންގަނޑު ހޫނުވެ، ގަދަ ހިފުމަކަށް ގޮސްފިއެވެ. ޕާޓީގެ ފަރާތުން ވެރިކަމަށް ވަޑައިގެން ހުންނެވި ޖަޒީރާ ރައީސްއަށް އަމިއްލަ ޕާޓީގެ ތެރެއިން އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ތެރޭގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވުން ހިމެނެއެވެ.
ކޮންމެއަކަސް ވެރިކަމަށް ވަޑައިގަތީ 90،000 މެމްބަރުން ތިބޭކަމަށް ބުނާ ވެރިކަންކުރާ ޕާޓީގެ އާންމު މެމްބަރުންގެ ހެޔޮ އެދުންތަކާއިއެކުއެވެ. ދާދި ފަހާއިޖެހެންދެންވެސް އެ ނަމްބަރަކީ ފަހުރާއިއެކު، ހުދު ޖަޒީރާ މަނިކުފާނާއި އެމަނިކުފާނުގެ ފަހަތުން ހިންގަވާ އެންމެހާ ބޭފުޅުންވެސް ވިދާޅުވި ނަމްބަރެކެވެ. ހާއްސަ ގޮތެއްގައި އިދިކޮޅު ކޮންގްރެސް ކޯލިޝަން އަދި ވެރިކަންކުރާ ޕާޓީއަށް އޮތް ތާއީދުގެ ފަރަގު ދެއްކުމައްޓަކައި އެ ނަމްބަރު ފާހަގަކުރެއެވެ.
ވެރިކަންކުރާ ޕާޓީގެ ގައުމީ މަޖިލީސް އެކުލަވާލުން، އަދި އެންމެ ފަހުން އިންތިހާބުކުރި ޗެއަރޕާސަންވެސް އިންތިހާބު ކުރެވިގެން ދިޔައީ ޕާޓީގެ އަމިއްލަ ދަފްތަރުގައި އެ ދަންނަވާ އަދަދަށް މެމްބަރުން ތިއްބައެވެ. އެއްވެސް މައްސަލައެއް ނެތް ފަދައެވެ. މައްސަލަ މި ޖެހުނީ ވެރިކަން އަލުން ހޯދުމަށް ބޭއްވުމަށް ނިންމި އެންމެ ބޮޑު އެތެރޭގެ އިންތިހާބާއި ޖެހުމުންނެވެ.
މިހާރު ވެރިކަންކުރާ ޕާޓީގެ ”ގަރުދިޔަ ފެކްޝަނުން“ ބުނާގޮތުން، އެ ނަމްބަރުގެ ތެރެއިން ސާޅީސް ހާހާއި ގާތް ކުރާ އަދަދެއްގެ މީހުންނަކީ އެ ޕާޓީގެ މެމްބަރުންނެއް ނޫނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި އެ ޕާޓީއިން އިންތިހާބީ ބޭނުމަކަށް އާންމު ކުރި އަމިއްލަ ދަފްތަރުގައި ތިބި މެމްބަރުންގެ ލިސްޓުގެ ތެރެެއިން އެތައް ހާސް މީހުންނެއް ވަނީ ޕާޓީގެ ދަފްތަރުން އުނި ކުރެވިފައެވެ.
ވެރިކަންކުރާ ޕާޓީއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 93،440 މެމްބަރުން ހިމެނޭ އަމިއްލަ ދަފްތަރުގައި ތިބި ނަންތަކާއި އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފްތަރާއި ވަރަށްވެސް ތަފާތެވެ. އެގޮތުން އަމިއްލަ ލިސްޓުގައި ނުހިމެނޭ 46 ނަމެއް އިލެކްޝަންސްގެ ލިސްޓުގައި ވެރިކަން ޕާޓީގެ މެމްބަރުންގެ ގޮތުުގައި ހިމެނޭކަމަށް ބުނެއެވެ.
ވެރިކަންކުރާ ޕާޓީއިން ބުނާގޮތުން، އިލެކްޝަންސްގެ ދަފްތަރުގައި އެހެނިހެން ޕާޓީތަކާއި އެއްވެސް ޕާޓީއެއްގައި ނެތް ކަމަށް ދައްކާ 41،189 މީހަކުވެސް އެ ޕާޓީގެ އަމިއްލަ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ހިމެނިފައިވެއެވެ.
އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވާ 1211 މީހުން ޕާޓީގެ އަމިއްލަ ދަފްތަރުގައި ތިބިކަމަށް ވެރިކަންކުރާ ޕާޓީއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިހާރު އުވުމުގެ މަގުމަތީގައި އޮތް ޕާޓީއެއް ކަމަށްވާ ޑީއާރްޕީގެ 389 މެމްބަރުން، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ 3788 މެމްބަރުންނާއި، އެމްޑީއޭގެ 1761 މެމްބަރުންވެސް ހިމެނޭކަމަށް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ދަފްތަރުގައި ހުރި މައްސަލަތައް ސާފުކުރުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެއްކަމަށް ދޭހަކޮށް ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އެމްއެސްއެލްޑީޕީގެ 875 މެމްބަރަކާއި ރަން ތިރީސް އަހަރުގެ ވެރިޔާގެ ޕާޓީ އެމްއާރްއެމްގެ 1029 މެމްބަރެއް އަދި އެމްޓީޑީގެ 1048 މެމްބަރަކާއި އިދިކޮޅަށް ނިސްބަތްވާ ޕީއެންސީގެ 698 މެމްބަރެއްގެ އިދިކޮޅުގެ އިސް ސަފުކަމަށްވާ ޕީޕީއެމްގެ 6357 މެމްބަރެއްވެސް އެ ޕާޓީގެ އަމިއްލަ ދަފްތަރުގައި ހިމެނޭއިރު، އެއްވެސް ޕާޓީއެއްގައި ނެތް 24،033 މީހަކުވެސް އެ ޕާޓީގެ އަމިއްލަ ދަފްތަރުން ދައްކައެވެ.
ކޮންމެއަކަސް ވެރިކަންކުރާ ޕާޓީގެ ”ގަރުދިޔަ ފެކްޝަނުން“ ބުނާގޮތުން، އުނި ކުރެވިފައިވަނީ އެ ޕާޓީގެ މެމްބަރުންނެއް ނޫނެވެ. ފަހުގެ ކޯޅުން ފެށިގެން އަންނަނީ މި ހިސާބުންނެވެ. އެލެކްސް ބުނާގޮތުން އުނި ކުރެވިފައިވަނީ އެ ޕާޓީގެ ”އަސްލު“ މެމްބަރުންނެވެ. ”ދަންޖެހޭ ފެކްޝަންގެ“ އިސް ސަފުގައި ތިއްބަވާ މެމްބަރުންވެސް ތަކުރާރުކުރައްވަނީ ހަމަ އެވާހަކައެވެ.
ވެރިކަންކުރާ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރެއްވި އެލެކްސް ވިދާޅުވާގޮތުން، ޕާޓީގެ ޕްރައިމަރީގެ މިނިވަންކަން ގެއްލިގޮސްފިއެވެ. އެމަނިކުފާނު ތުހުމަތު ކުރައްވާގޮތުން ވެރިކަންކުރާ ޕާޓީގެ ސާޅީސް ހާހާއި ގާތް ކުރާ އަދަދެއްގެ މެމްބަރުން ބޭރުކުރީ ހަމަ ޖަޒީރާ މަނިކުފާނެއެވެ.
އެލެކްސްގެ ފެކްޝަނުން ބުނާގޮތުން، ޕާޓީތަކުގައި ރަޖިސްޓްރީ ކުރާ ފޯމުތަކުގައި ޖަހާ ފިންގާ ޕްރިންޓަކީ ސައްހަ އެއްޗެއްކަން ކަށަވަރު ކުރުމުގެ ގާބިލިއްޔަތު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވެއެވެ. އެހެންކަމުން އެ ނިޝާނު ޖެހުން މަޖުބޫރުވެފައި އޮތުމަކީ ހަމަޖެހޭ ކަަމެއް ނޫންކަމަށާއި އެ ޕާޓީއިން ވެފައިވާ ވައުދަކީ އެފަދަ ގޮތަކަށް އޮތް ގާނޫނުތައް ބަދަލު ކުރުމެވެ.
”ދަންޖެހޭ ފެކްޝަނުން“ ބުނާގޮތުން، ޖަޒީރާ މަނިކުފާނަކީ މިހާރު ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ގެންގުޅުއްވާ ބޭފުޅެއްކަމަށްވުމުން، އެމަނިކުފާނު ބޭނުންފުޅު ވެއްޖެ ހާލަތެއްގައި އެފަދަ ބަދަލެއް ގެނައުމުގައި އެއްވެސް ހުރަހެއް ނެތެވެ. އަދި ވެރިކަންކުރުމުގެ ނިޔަތެއްގައި ވުޖޫދުވެފައިވާ ޕާޓީއަކުން މެމްބަރުން މަދު ކުރުމަށް އުޅުމުގެ ބަދަލުގައި އިތުރު ކުރަން އުޅުމުގެ މުހިންމުކަމާއިމެދުވެސް ސުވާލު އުފައްދާފައިވެއެވެ.
”ދަންޖެހޭ ފެކްޝަނުން“ ބުނާގޮތުން، ޖަޒީރާ މަނިކުފާނު މިހާރު އަމަލުކުރައްވަމުންދަނީ އެމަނިކުފާނުގެ އަމިއްލަ މަންފާއަށެވެ. އެމަނިކުފާނު ގިނަ އަދަދެއްގެ މެމްބަރުން އުނިކުރެއްވީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމުގެ މަގުސަދުގައެވެ. އަދި އުނިކުރެއްވި މެމްބަރުންގެ ތެރެއިން ގިނަ މީހުންނަކީ އެލެކްސްއަށް ވޯޓުދޭނެ މީހުންކަމަށްވެސް ލަފާކުރެއެވެ. ކޮންމެއަކަސް މުޅި ވެރިކަންކުރާ ޕާޓީގެ ތެރޭގައި ވެރިވެފައިވަނީ ނުތަނަވަސްކަމެވެ. ދެން ރޯވާނީ ކޮން ކޮޅަކުން ކަމެއް ނޭނގެއެވެ.
ވަމުންދާ ކަންކަމާއި އިވެމުންދާ އަޑުތަކުން ޕާޓީގެ އެތެރޭގެ ވިސްނުން ސާފެއް ނޫނެވެ. ސާފުވާ އެއް ކަމަކީ، ވެރިކަން ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ކޯޅުމުގެ ތެރެއިން ހުރިހާ އަސަރެއްވެސް ކުރީ އާންމު މެމްބަރުންނަށް ކަމަށެވެ. އެއް ކޮޅުން ބުނާގޮތުން ރެޖިސްޓްރީ ރަނގަޅު ކުރުމަށް ތިން މަސް ދިނެވެ. އެހެންކަމުން އެލެކްސްއަށް އެކަން އެނގި އިހުލާސްތެރިކާމާއިއެކު ރީރެޖިސްޓްރީތައް ރަނގަޅު ނުކުރެއްވީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެެ. އެ ބުނާހާ މެމްބަރުންދެކެ ލޯބިވާނަަމަ ކުރައްވަން އުޅެންވީނޫންތޯއެވެ.
އަނެއްކޮޅުން ވެރިކަން ކުރުމުގެ ނިޔަތުގައި އުފެއްދި ޕާޓީއެއްގެ ތެރެއިން އެންމެ ކުރީއްސުރެ އުޅުން މެމްބަރުންގެ ބަޔަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ފިނގާ ޕްރިންޓުތަކެއް ނެތިގެން ޕާޓީގެ ދަފްތަރުންވެސް އުނިކުރުމަށް ނިންމުމަކީ އިންސާފުވެރިކަމެއް ކަމަކަށް ނުފެނެއެވެ. ހިންގާލާނަމޭ، ސަރުކާރެއް ހެންނޭ ހިނގާނީ ބުނި ބަޔަކަށް އެންމެ މުހިންމު އިދާރީ މަސައްކަތްތައް މިއަދު ވޭނަކަށްވެއްޖެއެވެ. މެމްބަރުން ހިފަހެއްޓުމަށް ނުވަތަ އިތުރު ކުރުމަށް މަސައްކަތް ކުރާތަނެއް ނުފެނުނެވެ.
ޔަގީންވާ އެއް ކަމަކީ މާދަމާވެސް ޕާޓީއަށް މެމްބަރުން ގިނަ ކުރަންވުމުން އެއްކަލަ އުނިކުރި މީހުން ހޯދުމަށް ދުވާނެކަމެވެ. ސޮއި ކުރުމަށްވެސް އެދޭނެއެވެ. ރިޔާސީ ކެމްޕެއިންގައި ވޯޓު ދިނުމަށް އެދޭއިރު، މިއަދު އިހުމާލުވެ އެއްލާލާފައިވާ ބަޔަކުގެ ގާތަށް ދިއުމުން ދިނަސް ދާނީވެސް ލަދެއް ނެތް ބައެއް ކަން ކަށަވަރެވެ.

