މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވީކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގައި އެމަނިކުފާނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ”ޕެންޑޯރާ ޕޭޕާސް“ ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތުން އެދިއްޖެ އެވެ.
ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.
ވ. އާރަށުގެ ހިޔާނަތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތަކެއްކޮށް ހުށަހަޅާފައިވާ ރ. ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވީ ގިނަ ދުވަސްތަކަކަށް ފަހު އެވެ.
މިއީ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވި ގާޒީ އަހުމަދު ޝަކީލް ތަނާޒުލްވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އިސް ގާޒީ ޝަކީލަކީ އާރަށުގެ މައްސަލަ ވެސް ބެއްލެވި ފަނޑިޔާރެވެ.
ގާޒީ ނަޒީމް މައްސަލައައި ހަވާލުވި އިރު، އަޑުއެހުންތައް ގޮސްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ ހަމައަށެވެ. މިއަދު މައްސަލައިގެ އަޑުއެހުމެއް އޮންނާނެކަން، މިދިޔަ މަހު ކޯޓުންގެ ޝެޑިއުލްގައި ހިމެނި ނަމަވެސް އަޑުއެހުން ފެށުމުން ދައުވާ ރައްދުވާ ފަރާތުން ބުނީ ގާޒީ ބަދަލުވިކަމުގެ ލިޔުންތައް ލިބިފައި ނުވާ ކަމަށެވެ. ގާޒީ ނަދީމް ވިދާޅުވީ ކޯޓުގެ ލިޔުންތައް މިއަދު ލިބޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ހެކިތައް ހުށަހެޅުމުގެ އިތުރު ފުރުސަތަކަށެވެ. އެއީ މައްސަލައިގެ އިތުރު މައުލޫމާތުތަކެއް ލިބިފައިވާތީކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ހުށަހަޅަން އެދުނު ލިޔުމަކީ، ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއްކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.
ދައުލަތުން ހެކީގެ އިތުރު ފުރުސަތަކަށް އެދުމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވީ ދައުލަތުގެ ހުށަހެޅުންތަކުގެ މައްޗަށް އިތުރު އައު ހެކި ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ވެސް ދިނުމަށް އެދޭ ކަމަށެވެ.
ދެ ފަރާތުގެ ވާހަކައަށް ފަހު ގާޒީ ވިދާޅުވީ، އައު ހެކިތަކަށް ބެލުމަށް ފަހު ބަލައިގަންނަން ޖެހޭ ހެއްކެއް ވާނަމަ އެ ބަލައިގަތުމަށް ނިންމާނެ ކަމަށެވެ. އަދި ދެން އަޑުއެހުމެއްގައި އޮންނާނީ އައު ހެކިތަކާއި ލިޔުންތަކާއި ގުޅޭގޮތުން ހުށަހެޅުމެއް އޮތް ނަމަ އެއަށް ފުރުސަތު ދިނުންކަމަށް އިއުލާނު ކުރެއްވި އެވެ.
އައު ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅަން އެދުނު ޕެންޑޯރާ ޕޭޕާސް އަކީ ”ފުއްގިރީގެ ރިޝްވަތާ ގުޅޭ ސިއްރުތަކެއް، ފަޅާ އަރުވާލުން“ ކަމަށް ބުނެ އާއްމު ކުރި ރިޕޯޓެވެ. އެއީ 2021، 07 ޑިސެމްބަރުގައި ޕެންޑޯރާއިން އާއްމު ކުރި ލިޔުމެކެވެ.
މި ރިޕޯޓު އާއްމު ކުރި ޕެންޑޯރާ ޕޭޕަސްއަކީ ދުނިޔޭގެ ލީޑަރުންނާއި، ސިޔާސީ ފަރާތްތަކާއި، ބިލިއަނަރުންގެ ސިއްރު މުއްސަނދިކަމާއި މުއާމަލާތްތައް ހާމަވާ ގާތްގަނޑަކަށް 12 މިލިއަނެއްހާ ލިޔެކިޔުންތަކާއި ފައިލްތައް ލީކުވެފައިވާ ޕޭޕާޒްއެކެވެ. މީގައި 117 ގައުމެއްގައި 600 އަށް ވުރެ ގިނަ ނޫސްވެރިން އެ މަސައްކަތް ކުރި އެވެ.
ޕެންޑޯރާ ޕޭޕަރސްއިން ރިޕޯޓު ކުރި ގޮތުގައި އިންޑިއާގެ ނުފޫޒުގަދަ ޕްރޮޕަޓީ ޑިވެލޮޕަރަކާ އެކު އެ ގައުމުގެ ވިޔަފާރިވެރިންތަކެއް ކުރީގެ ރައީސް އަބްދުالله ޔާމިނަށް ރިޝްވަތު ދިނީ ގާނޫނާ ހިލާފަށް ރަށެއްގެ ޑީލެއް ހެދުމަށެވެ.
Sangu News | Your News. Zero lies straight to your eyes. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާއި ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.
ފުއްގިރީގެ ދައުވާތަކަށް ރައީސް ޔާމީން އިންކާރު ކުރައްވަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. ހިޔާނާތުގެ މައްސަލައިގައި މިހާރު ވެސް ހުކުމް އިއްވާފައިވާ އަދީބާއި ޒިޔަތު ވަނީ އާރަށާއި ވޮޑަމުއްލާ މައްސަލައިގެ ވެސް ހެކި ބަސް ދީފަ އެވެ.
ދައުލަތުން ބުނީ، ސިޔާމާއި ގާތް ގުޅުމެއް އޮންނަ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރި އަލީ މައުރޫފްގެ ނަން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ވެސް ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން މައްސަލައިގެ ތަހުގީގު ރިޕޯޓުތައް ތައްޔާރު ކުރި ބައެއް ފުލުސް އޮފިސަރުން ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.
ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅީ، ފުއްގިރީގެ މުއާމަލާތްތަކުގެ ރިކޯޑެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އޮފީހާއި، އެމްއެމްޕީއާރުސީ އާއި، ޓޫރިޒަމް މިނިސްޓްރީ ދެމެދު ބަދަލުކުރި ސިޓީތަކެވެ. އަދި ރައީސް ޔާމީންގެ ބޭންކު އެކައުންޓުތަކުގެ ތަފްސީލު ހިމެނޭހެން، އެމަނިކުފާނުގެ މާލީ ބަޔާނާއި، ޓެކްސް ބަޔާން ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

