ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި ރޭ މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއާއެކު ހައްޔަރު ކޮށްފައި ވަނީ ހަތަރު ފިރިހެނުންނެވެ. އެ އެއެންމެންވެސް ވަނީ ރޭގައި ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ކުރުމާއި ގުޅިގެން އިދިކޮޅުން ގެންދަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ހަރާމް ހުކުމްގެ ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ރައީސް ޔާމީން އަށް ތާއީދުކުރާ މީހުން ދަނީ ބައިވެރިވަމުން ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން އިދިކޮޅުން ވަނީ ސަބަބުވެރި ހިނގާލުމުގެ ނަމުގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސުލްހަވެރި އިހުތިޖާޖެއް ކޮށްފައެވެ.
އިދިކޮޅުގެ އިހްތިޖާޖުގައި ރައީސް ޔާމީން އަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށްދަނީ ގޮވާލަމުންނެވެ.
ޕީޕީއެމް އަދި ޕީއެންސީ އިން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެކެވެ. އަދި ރައީސް ޔާމީން އަށް ހުކުމް ކޮށް ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާއި ބޭނުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީން އަށް ގެއްލުވާލުން ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

