އެމްޑީޕީ ވެރިކަމަށް އައީ ވެރިކަމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލުމަށް ކަމަށާއި އެކަން ހާސިލް ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މައިހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މުޅި އެމްޑީޕީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތުގައި އަދި ގައުމު އެދި ގޮވަނީ ރައީސް ސާލިހަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ކަންފަތް ދިއްކޮށްލި ކޮންމެ ދިމާލަކުން އަޑު އިވެނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ކުރިއަށް ވަޑައިގެންނެވުމަށް ގޮވާލާ އަޑު ކަމަށެވެ.
ޝާހިދު ވިދާޅުވީ މުޅި އެމްޑީޕީ ވަނީ ރައީސް ސާލިހް އާއި އެކު ކަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ކަމުގެ ގޮނޑީގައި އެމަނިކުފާނު ބައިންދަވާނެ ކަމަށެވެ.
ރައީސް ސާލިހަކީ ހިކުމަތްތެރި ތެރުވެރި އަދި އޯގާތެރި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ޖައްބާރު ވެރިކަމެއް ކަމަށާއި އޭރު ސުޕްރީމް ކޯޓާއި މަޖިލިސް އޮތީ ނިކަމެތިކޮށްލާފައި ކަމަށެވެ. އެ ދަނޑިވަޅުގައި އެންމެ ހިތްވަރު ދެއްކި ބޭފުޅަކީ ވެސް ރައީސް ސާލިހު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ކޮވިޑުން އަރައިގަތުމަށް ރައީސް ސާލިހު ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

