ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ބަޔަކު ކޮވިޑަށް ޖެހީ ޖޯކު، އަނެއް ބަޔަކު ވެކްސިން ޖެހީ ފިލައިގެން ތިބެ ”އިންޑިއާ އިން“ ކިޔަމުން: ޝާހިދު

ރައީސްގެ ކެމްޕެއިން ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިލޭ އެހީގެ ދަށުން ކޮވިޑް19ގެ ވެކްސިން ނުލިބިއްޖެ ހާލަތެއްގައި ކޮންމެ އަގެއް ދީފައިނަމަ ވެސް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިރުޝާދުދެއްވިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުން އިތުރަށް މާޔޫސް ކުރުމަށް ކަމަށެވެ. އެގޮތުން ގައުމު ބަނގުރޫޓުވެ ކާޑު ފަދަ ތަކެއްތި ނުލިބިދާނެކަމަށް ބުނެ އެ ބިރު ފަތުރަމުންދިޔަކަމަށާއި، އަނެއް ބަޔަކު ގެންދިޔައީ ދަތިތަކެއް ކުރިމަތިވާފަދައިން މުޒާހަރާތަކެއް ކުރަމުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް ސާލިހު އަދި ސަރުކާރުން ކޮވިޑްގެ ވެކްސިން ހޯދުމަށް މަސައްކަތްތައް ފެށީ، ވެކްސިން އުފެއްދުމުގެ ކުރިންކަމަށެވެ. އަދި ރައީސްގެ އިރުށާދުގެ ދަށުން، ދެ ގޮތަކަށް ވެކްސިން ހޯދުމަށް މަސައްކަތް ކުރެއްވިކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ވެކްސިން ހޯދުމަށް މަސައްކަތް ކުރެއްވީ ހިލޭ އެހީގެ ދަށުން ކަމަށެވެ. އެހެންނަމަވެސް އެ ގޮތުގެ މަތިން ނުލިބިއްޖެ ހާލަތެއްގައި ކޮންމެ އަގެއް ދީފައިނަމަވެސް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ވެކްސިން ލިބުމުގެ ދަތިތައް ހުރިއިރު، ވެކްސިން ޖަހަން ފެށުނުތާ 48 ގަޑިއިރުގެ ތެރޭގައި ދިވެހިންނާއި ހިސާބަށް ވެކްސިން ފޯރާފައިވާނެކަމަށެވެ. އަދި އެކަން ކޮށްދެއްވީ ރައީސް ސާލިހުކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ޖަލްސާގައި އިދިކޮޅުގެ ކޮންގްރެސް ކޯލިޝަންއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އެގޮތުން އެ ދުވަސްވަރު ”އިންޑިއާ އައުޓް“ ހަރަކާތްތައް ކުރިއަށް ގެންދަމުން ދިއުމުގެ ސަބަބުން، އިދިިކޮޅުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް ފާޅުގައި އިންޑިއާގެ ކޮވިޝީލްޑް ޖައްސަވަން ކެރިވަޑައިނުގެންނެވިކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ހުރިހާ ބޭފުޅުންވެސް ތިއްބެވީ އެ ވެކްސިން ޖައްސަވައިގެން ”އިންޑިއާ އިން“ ކުރައްވައިގެންކަމަށާއި އާންމުންގެ ތެރޭގައި ދެއްކިފައިހުރި ވާހަކަތަކުގެ ސަބަބުން ޕަބްލިކުކޮށް އެކަން ކުރަން ނުކުރޭނެކަމަށް ވިދާޅުވުމުން، ހެލްތު މިނިސްޓަރު ނަސީމު އިންސާނިއްޔަތައްޓަކައި މީހުންނަށް ނުފެންނާނެ ގޮތަކަށް އިދިކޮޅުގެ އިސް ސަފުގެ ބޭފުޅުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހިކޮށްދެއްވިކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ސާލިހަކީ ވަކި ކުލައަކަށް ބައްލަވައިގެން ކަންކަން ކޮށްދެއްވާ ބޭފުޅެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ވެކްސިން ޖަހަން ފެށި އިރު ހިދުމަތްތައް ދޭންފެށީ ހަމައެކަނި ދިވެހިންނަށް ނޫންކަމަށާއި ރާއްޖޭގައި ތިބި ހުރިހާ ބޭރު ގައުމުތަކަށް ނިސްބަތްވާ ރައްޔިތުންނަށްވެސް އެ ހިދުމަތްތައް ފޯރުކޮށްދިންކަމަށް ވިދާޅުވިއެވެ.

މަސައްކަތްތަކުގެ ތެރެއިން ބޭރު ގައުމުތަކުގެ އިސްވެރިންނާއިވެސް ބައްދަލުވެފައިވާކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ހިނދު، ކޮވިޑް މެނޭޖުކޮށްފައިވާ ގޮތުގެ ސަބަބުން އެ ގައުމުތަކުން ”ކުޑަކޮށް ލަދުގަންނަކަމަށް“ ބުނެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ތިބި ހުރިހާ އިންސާނުންނަށް ވެކްސިން ފޯރުކޮށްދީފައިވަނީ ހިލޭކަމަށާއި ރައީސް ސާލިހަކީ ބައިނަލްއަގުވާމީ މައިދާނުގެ އެންމެ އުހަށް ދިވެހިރާއްޖެ ގެންދެވި ”ބަތަލު“ ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: