ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިން ޒިންމާދާރު ކުރެވޭނީ ރައްޔިތުން އެކަތިގަނޑެގެ ގޮތުގައި އޮވެގެން!

މުޒާހަރާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރުގެ ކުރީގެ ދުވަސްތަކަށް ދިވެހިރާއްޖެ އަނބުރާ ރުޖޫއަވަމުންދާފަދައެވެ. މި ހުރިހާވެސް ޒިންމާއެއް އަޅުވަމުންދަނީ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަމުންދާ ފަރާތްތަކުގެ ބޮލުގައިނަމަވެސް، ހަގީގަތުގައި އެފަދަ ދުވަސްތަކަކަށް ރުޖޫއަވެވޭނީ އަތްޖަހާނެ ރައްޔިތުންތަކެއް ތިބެގެންނެވެ. ހަގީގީ ވެރިންނަކީ އެ ގައުމެއްގެ ރައްޔިތުންކަން އޮޅެނީ މިހާ ހިސާބުންނެވެ.

ތާއީދު ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ތާއީދެއް އޮތްކަމުގައި ދެއްކުމުގައިވެސް އެއްވެސް މައްސަލައެއް ނެތެވެ. ކެމްޕެއިން ކުރުން ފަދަ ހަރަކާތްތަކާއި އިންތިހާބު ދުވަސްވަރު މި މަސައްކަތްތައް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ސިޔާސީ ވިސްނުމެއް ގެންގުޅޭ ފަރާތްތަކުގެ ކިބައިގެން ފެނިގެންދެއެވެ. އެއްވެސް ބަޔަކު ތާއީދު ކުރާ މީހާގެ ނުރަނގަޅު ސިފައެއް ހުރިކަމަށް އެއްބަސްވެސް ނުވާނެއެވެ. އަދި ނެތް ސިފަތަކެއްވެސް ހުރިކަމަށް ބުނެ އެ ވާހަކަތައްވެސް ދައްކާނެއެވެ.

އިދިކޮޅާއި ވެރިކަން ކުރާ ފަރާތްތަކުގެ ތެރޭގައިވެސް ކެނޑިޑޭޓެއްގެ ގޮތުގައި ޕްރޮމޯޓު ކުރާ މީހެއްގެ ވާހަކަތައް ދެކެވޭނީ، ސާލިހު، މައުސޫމު އަދި ގައުމު ކުރިއަށް ގެންދާނެ ހެޔޮލަފާ ބަތަލެއްގެ ގޮތުގައި ފާހަގަކޮށެވެ. ދިވެހިން ކޮންމެ އިންތިހާބަކާއިވެސް ކުރިމަތިލާނީ މި ފަދަ ވާހަކަތައް ދައްކައި އެތައް އުންމީދުތަކަކައިގެންނެވެ. ދައުރެއް ނިމިގެންދަނީ އެތައް ޝަކުވާތަކާއި އެކުއެވެ.

ޑިމޮކްރަސީއެއް ގާއިމު ކުރީއްސުރެ ހަމަ ދިވެހިން އެދެމުން އައީ ހެޔޮ ވެރިޔަކަށެވެ. ގައުމާއި ރައްޔިތުންނަށް ކަމޭ ހިތާނެ ވެރިޔަކަށެވެ. އެހެންނަމަވެސް ކަންދިމާވީ އެދުނު ގޮތަށް ތޯ ވިސްނާލަންޖެހެއެވެ. ހަގީގަތުގައިވެސް ދޮންވެލި ފަސްގަނޑުގައި އަޅާފައިހުރި ފަން ޖިފުޓިތައް މިހާރު ހުރީ ތާރަ އެޅި މަގުތަކުގައި އަޅާފައިވާ ބިޔަ ބޮޑެތި އިމާރާތްތަކަށް ބަދަލުވެފައެވެ.

ރަށް ރަށަށް އަރާ ފޭބުމަށް ބޭނުންކުރަމުންދިޔަ ވަކަރު ފާލަންތައް މިހާރު ހުރީ ޒަމާނީ ފެންވަރަށް ރާނާފައިނަމަވެސް، ކޮންމެ ވެރިކަމެއްވެސް ނިމުމަކަށް ގެނައުމަށް ގޮވާލައި އެކަން ކުރުމުގެ ނިޔަތުގައި އެހެން ވެރިޔަކު އިހްތިޔާރު ކުރީ ހަމަ ދިވެހި ރައްޔިތުންކަމަށްވުމުން، ލިބިގެންދާ މޮޅުތަކަށްވުރެ ދެރަތައް ގިނަކަމަށް އަދި އުފާތަކަށްވުރެ ލިބުނު ހިތާމަތައް ގިނަކަމަށް ތާރީހުން ދައްކާކަމަށް ބުނެވިދާނެއެވެ.

ޑިމޮކްރެސީއެއް ގާއިމުކުރެވުނު ފަހުން ދިވެހިރާއްޖެއިން ގިނަ އަދަދެއްގެ ވެރިން ފެނިގޮސްފިއެވެ. އެ ނިޒާމުގެ ތެރެއިން ރަސްކަމެއް ކުރިކަމަށް ނަންވެފައިވާ ވެރިޔަކު އަދިވެސް ދިވެހި ސިޔާސީ މަސްރަހު ތެރޭގައި ފިޔަޖަހާ މަންޒަރު ފެނެއެވެ. އަދިވެސް ސިޔާސަތުތައް އެކުލަވާލުމުގައި ޝާމިލުވެ، ކަންކަމުގައި ފާޑުވިދާޅުވާ މަންޒަރުވެސް ފެނެއެވެ.

އެ ވެރިކަން ނިމުމަކަށް ގެނައީ ދިވެހިރާއްޖޭގައި ކުރަމުންދަނީ ހުދުމުހުތާރު ރަސްކަމެއް ކަމަށް ބުނެ، ރައްޔިތުން އެކަމާއި ކަންބޮޑުވުން ފާލުކޮށް އަޑު އުފުލައި ހެދުމަށްފަހުއެވެ. އެ ދުވަސްވަރު ދިވެހިންނަށް ފެނިގެންދިޔައީ ދިވެހިންގެ ހިތްތަކާއި އެންމެ ގަދައަށް ގުޅިގެންދިޔަ ވެރިޔާކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.

އެހެންނަމަވެސް ދިވެހިންގެ ތެރޭގައި އެންމެ ރުޅިވެރިކަން އާލާކުރުވި ވެރިޔާކަމަށްވެސް ބުނެވިދާނެއެވެ. ވެރިކަމުގެ ފަސް އަހަރު ހަވާލު ކުރުމުން އެ ދައުރު އެއްކޮށް ފުރިހަމައެއް ނުކުރައްވައެވެ. ފުރިހަމަ ނުކުރެއްވީ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ އިތުރަށް ތަހުތުގައި އިނުމުގެ ފުރުސަތު ނެތްކަމަށް ބުނެ އަޑު އުފުލުމާއިއެކުއެވެ.

ވެރިކަމުން ފައިބައިވަޑައިގެންނެވި މަންޒަރު ވެގެންދިޔައީ ދިވެހި ތާރީހުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް އެންމެ ހިތާމަވެރި އެއް ދުވަހަށްކަމަށްވާއިރު، ހަމަ އަގުލަބިއްޔަތު އަދަދެއްގެ މީހުންނަށް އެ ދުވަސްވީ އީދެއް ފަދަ ދުވަހަކަށެވެ.

އެ ވެރިކަން ނިމުމުން، ދުވަސްކޮޅެއްގެ ވެރިޔަކު ހުރުމަށްފަހު، ދެން ރަސްމީގޮތުން ތަހުތާއި ހަވާލުވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށް އަގުލަބިއްޔަތު އަދަދެއްގެ މީހުން ބުނެއެވެ. ވެރިކަމަށް ވަޑައިގެންނެވީ ގިނަ އަހަރުތަކެއް އެހެން ވެރިކަމެއްގެ ހިޔަނީގައި ތަޖުރިބާތަކެއް ކުރައްވަން ހުންނެވުމަށްފަހުކަމަށްވުމުން، ލިބިވަޑައިގެން ފުރުސަތުގައި އެތައް ކަމެއް ކޮށްދެއްވިއެވެ.

ދިވެހިންނަށް ފައިމަގުގައި ކަނޑު ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމެއް ފަހިކޮށްދެއްވިއެވެ. ގިނަ އަދަދެއްގެ ދިވެހިންނަށް ބޯހިޔާވަހިކަމެއްގެ ރަހަ ދެއްކެވީވެސް އެމަނިކުފާނު ކަމަށް ބުނާއިރު، ވެރިކަން ނިމިގެންދިޔައީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ތުހުމަތުތަކައިއެކުއެވެ.

މިހާރު ވެރިކަން ނިމިދިއުމަށްފަހު އެތައް އަހަރެއް ވީއެވެ. އެހެންނަމަވެސް ވެރިކަމުގައި ހުންނަވައިގެން ކުރެއްވިކަމަށްބުނާ ނޭދެވޭ ކަންކަމުގެ މައްސަލަތައް އަދިވެސް ބަލަމުންއެބަދެއެވެ. ސާބިތުވި އެއް ކުށުން ބަރީއަވުމާއިއެކު އަނެއް ކުށް ސާބިތުވެފައިވާކަމަށް ބުނާއިރު، އަދިވެސް އިތުރު މައްސަލަތައްވެސް ހުރީއެވެ. މިހާރު އެމަނިކުފާނު ގެންދަނީ އެތައް އަހަރެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންނަމަވެސް ކޯޓުން ކޮށްފައިވާ ހުކުމްވެސް ގިނަ އަދަދެއްގެ ދިވެހިން ބަލައިނުގަނެއެވެ.

ގިނަ ތަރައްގީތަކެއް ގެނެސްދެއްވި ވެރިއެއްގެ މާލިމީކަން ނިމުމަކަށް ގެނައުމަށް ދިވެހިން ފެށި ދަތުރުގައި، ހޯދަން ގަސްތުކުރި ވެރިޔާ އޭރު ހުރީ ޖަލު ހުކުމެއްގެ މަތީގައެވެ. އެހެންކަމުން ވެރިކަމަށް އާދެވެން ނެތުމުން، ދިވެހިންނަށް ޖެހުނީ ދެވަނަ ވިސްނުމަކަށް ދާށެވެ.

ގިނަ އަދަދެއްގެ ދިވެހިން އެ ވިސްނުމަށް އާނ ބުނީ، އެންމެ ފުރަތަމަ އިހުތިޔާރު ކުރި ވެރިމަނިކުފާނުގެވެސް އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ޔަގީންކަން ދެއްވުމުންނެވެ. އެހެންނަމަވެސް ހަވާލުވެވަޑައިގެންނެވި ވެރިޔާއާއިމެދު އެންމެ ފުރަތަމަ ޝަކުވާއެއްވެސް ކުރެއްވީ އެމަނިކުފާނު ވެރިއެއްގެ ގޮތުގައި ހޮވުމަށް ދިވެހިންނަށް ބާރު އެޅުއްވި ކުރީގެ ވެރިޔާއެވެ.

ދައުރުގެ ތެރެއިން ދުވަސް ހޭދަވަމުންދިޔަވަރަކަށް އެކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އަދާވާތްތެރިކަން އުފެދިގެންދިޔަ މިންވަރު ފެނިގެންދިޔައެވެ. ވައުދުތަކުގައި ނުހިފަހައްޓަވާ ވާހަކަތަކާއި، ހަވީރު ދަޅައިގައި ފައިސާކޮޅަށް ވާގޮތް ނުބަލާކަމުގެ ޝަކުވާތައް އިވިގެންދިޔައެވެ.

ފަހުން އިވިގެންދިޔަ ވާހަކަތަކުގެ ތެރޭގައި އެ ޝަކުވާތަކަށް މާބޮޑު އަޅާލުމެއް ނުލިބޭކަމުގެ ޝަކުވާތައްވެސް ހިމެނެއެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު ހުންނެވި ވެރިޔާއަށް އިތުބާރު ކުރައްވާއިރު، ހަމަ އެ އަދަދާއި ގާތް ކުރާ އަދަދެއްގެ މީހުން، އެމަނިކުފާނަށް އަމާޒު ނުކުރާ ފާޑުކިއުމެއް ނެތެއެވެ. ވަކި ފަރާތަކަށް ނުޖެހޭ ކޮންމެ މީހަކަށްވެސް އިވިގެންދާ އަޑުތައް ހައިރާން ކުރުވަނިވިއެވެ. ވެރިޔާގެ ބޮލުގައި ވަގު ބަދުނާމުވެސް އަޅުވަނީއެވެ.

ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަ ކޮންމެ މީހަކުވެސް ރައްޔިތުންގެ ގާތުގައި ގިނަ ވައުދުތަކެއްވެއެވެ. ވައުދުތައްވާ ދުވަސްވަރު، ކޮންމެ މީހަކުވެސް ޕޯޑިއަމްތަކުން ނުފައިބާފަދައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ޒިޔާރަތްކޮށް، ވެވުނު ކޮންމެ ވައުދެއް ވެއެވެ. ކަންކަން ގޯސްވާން ފަށަނީ އެއްކަލަ ވައުދުތައް ފުއްދޭ މިންވަރު އެކަށީގެން ނުވުމުގެ ސަބަބުން، ނުވަތަ ނުފުއްދުމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި އެކަމާއި އަޑު އުފުލަންފެށުމުންނެވެ.

ތަރައްގީގެ ވައުދުތައް އެކަންޏެއް ނޫނެވެ. އަމާނާތްތެރިކަމާއި އިހުލާސްތެރިކަން އަދި އޯގާތެރިކަމުގެ މައްޗަށް ބިނާ ކުރާ ވައުދުތައްވެސް މުހިންމެވެ. އެހެންކަމުން އެ ވައުދުތައް ރައްޔިތުންނަށް މުހިންމުވުމުން، އަޑު އުފުލަން ފަށައެވެ. ގިނަ ފަހަރު ޖަވާބެއްގެ ގޮތުގައި ލިބިގެންދާނީ ފުއްދިފައިވާ ވާހަކައާއި، ފުއްދަމުންދާ ވާހަކަ އަދި ކުރީގެ ސަރުކާރުގެ ސަބަބުން ވެގެންދާ ދަތިތަކުގެ ވާހަކައެވެ. އެހިސާބުން އެވީ އެ ވާހަކަތައް ދައްކައި ޝަކުވާކުރަމުންދާ ރައްޔިތުންގެ ދުލުގައި ހިފަހައްޓަންށެވެ. ގަލަންތައް އަތުލަންށެވެ.

ރައްޔިތުންގެ ބާރުގައި ވެރިކަމުގެ ތަހުތަށް އަރާ ވަޑައިގަންނަވާ ފަރާތަކަށް މި ފަދަ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ފަހިވެގެންދަނީ އެންމެ ސަބަބަކާއި ހެދިއެވެ. މަގުފަހިވަނީ ހަމަ އެއްކަލަ ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން އެކަމަށް ބާރުވެރިކުރުވާތީއެވެ. އެއް ކޮޅުން އަޑު އުފުލާވަރަކަށް، އަނެއް ކޮޅުން އެވާހަކަތަކުގެ ފަހަތުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެއެވެ.

އެހެންކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ތިމާ ނިސްބަތްވާ ޕާޓީ ނޫން ބަޔަކު އަޑު އުފުލުމުން ނުވަތަ ތިމާ ތާއީދު ކުރާ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމުން، އެކަމާއި ގުޅޭގޮތުން އެހުމެއްވެސް ނެތި، ހަގީގަތަކީ ކޮބައިތޯވެސް ބެލުމެއް ނެތި، އެކަން ދޮގު ކުރުމުން، ވާ ފައިދާއަށްވުރެ ލިބިގެންދާ ގެއްލުން ބޮޑެވެ. ފައިދާއެއް ވަންޏާވެސް ވަނީ ވެރިކަމުގައި ހުރި މީހަކަށެވެ.

މިހާރު ސިޔާސީ މައިދާނުގައި ސަޕޯޓަރުން އަދި އެކްޓިވިސްޓުންގެ ގޮތުގައިވެސް ހަރަކާތްތެރިވަމުންދާ ގިނަ ފަރާތްތަކަކީ ކޮންމެވެސް ވެރިކަމެއްގައި ކޮންމެވެސް ވެރިއެއްގެ ކިބައިން ނޭދެވޭ ކަމެއް ފެނި، އަނިޔާތަކެއް ތަހައްމަލު ކުރަންޖެހުމުގެ ސަބަބުން، މައިދާނުގައި އިސްލާހަށް މަސައްކަތްކުރުމަށް ނުކުމެ ތިބި ފަރާތްތަކެކެވެ. އެއްވެސް ބަޔަކު ކުޅި މަޖަލަކަށް ރެޔާ ދުވާ މަގުމަތީގައި ހޭދަ ކުރަން ބޭނުމެއްވެސް ނުވާނެއެވެ. ތޭރިތަކެއްގެ ފަހަތުގައި ބަންދުވެފައި އޮތުމަކަށްވެސް ނޭދޭނެއެވެ.

ތިމާ ތާއީދު ކުރާ މީހާ އަކީ ހެޔޮވެރިއެއް ނަމަވެސް، ކަންބޮޑުވުންތަކާއިގެން އުފުލާ އަޑުތައް ކަނޑުވާލުމަށް ކުރެވޭ މަސައްކަތްތަކުން، ބާރުވެރި ކުރެވެނީ، ނޭދެވޭ އަމަލުތައް ހިންގުމަށްފަހު، ފައިބައިގެންދިއުމަށެވެ. ދެވެނީ އެ އަމަލުތަކުގެ ހިތި ތަހައްމަލު ކުރަން ނުޖެހޭނެކަމުގެ ޔަގީންކަމެވެ. އެކަމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެއެވެ. ހާއްސަ ގޮތެއްގައި ހިޔާލު ފާޅުކުރުމުންދާ ބައެއްގެ ހިޔާލުތަކަށް ހުރަސް އެޅުމަށް ޖާގަ ދިނުމުން ލިބިގެންދާ ގެއްލުންތައް ބޮޑެވެ.

މާދަމާ، ތިމާގެ ހިޔާލަށްވެސް ހުރަސް އެޅިދިއުމުގެ ފުރުސަތުއޮވެއެވެ. ވެރިޔާ އަކީވެސް އިންސާނެކެވެ. އެހެންކަމުން ރަނގަޅާއި ނުރަނގަޅު ސިފަތައްވެސް ހުންނާނެއެވެ. ރަނގަޅު ސިފަތައް ބަލައިގަންނަ ގޮތަށް ނުރަނގަޅު ސިފަތަކެއްވެސް ހުރި ނަމަ އެކަމެއްވެސް ގަބޫލު ކުރުން މުހިންމެވެ. ތާއީދު ކުރާ މީހާ ޖަހާހާ ބެރަކަށް ނެށުމުގެ އާދަކާދަ ނިމުމަކަށް ގެންނަން މުހިންމެވެ. ވެރިކަމަށް ވަޑައިގަންނަ ފަރާތްތަކަށް ގޯހެއް ހަދައި ރެކުމަށް އޮންނަ ދޮރު ބަނދު ކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

ވެރިކަމަށް ވަޑައިގަންނަނީ ހިލޭ ސާބަހަކަށް މަސައްކަތްތަކެއް ކުރާކަށް ނޫނެވެ. މުސާރައިގެ ގޮތުގައި ނަގަނީ ރައްޔިތުންގެ އަތްތިލަ ބަޑި އަދި ހެޔޮ އެދުންތަކެއްވެސް ނޫނެވެ. ވެރިޔާއަށްވެސް މުސާރަ ލިބެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން ހަގީގީވެރިންނަކީ އެ މުސާރަ ލިބުމަށް މަގުފަހިކުރުވި ދިވެހި ރައްޔިތުންނެވެ.

ވަޑައިގަންނަނީ އެތައް ކަމެއް ކޮށްދޭނެކަމަށް ބުނެ، ރައްޔިތުންގެ ވޯޓުން ފާސްކުރާ މެނިފެސްޓޯ އަކައިގެންނެވެ. މަސައްކަތްތައް ކުރަނީވެސް އަމިއްލަ ޖީބުންނެއް ނޫނެވެ. ހަމަ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން މުސާރަ ނާގާ ފަރާތެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މަސައްކަތްތަކަށް ސަނާ ކިޔާ ހެދުމާއި ނަށާ ނެށުމަކީ އެންމެ އެދެވޭ ކަމެއް ނޫނެވެ.

ދިވެހި ގިނަ ރައްޔިތުންނަކީ ކޮންމެވެސް ވަޒީފާއެއް އަދާކޮށްފައިވާ މީހުންނެވެ. ހަމަ ޔަގީނުންވެސް ކުންފުނިން ހަރަދުކޮށްގެން ކުރާ މަސައްކަތަކާއި ހަވާލުވާ މީހާ އެކަން ރަނގަޅަށް ކޮށްގެން ކުންފުނީގެ ވެރިން ސަނާ ކިޔާ ނަށާ ހަދާ މަންޒަރު ފެނިފައެއް ނުހުންނާނެއެވެ. ރަނގަޅަށް ކުރާ ނަމަ ރަނގަޅުކަމަށް ފާހަގަކޮށް އެފަދަ މަސައްކަތްތައް އިތުރަށް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނީއެވެ. ވެރިކަމެއް ކުރާ ފަރާތަކަށް ނަމަ މިއީ ރައްޔިތުން ދެވަނަ ދައުރެއް ދިނުމާއި އެއްފަދަ ކަމެކެވެ.

ދިވެހި ވެރިކަމަށް ވަޑައިގަތް ކޮންމެ ބޭފުޅަކުވެސް ވަޑައިގަތީ ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ހިތު ނިއަތްގަނެގެންކަމަށް ބުނެވިދާނެއެވެ. އެހެންނަމަވެސް އިންސާނުންކަމަށްވުމުން ގޯސްތަކެއްވެސް ހެދިދާނެއެވެ. މައްސަލަ ޖެހިގެން އަންނަ ހިސާބަކީ ތާއީދު ކުރާ ފަރާތްތައް ވެރިޔާ ނަގާ ކޮންމެ ފިޔަވަޅެއްވެސް ރަނގަޅުކަމަށް ބުނުމުންނެވެ.

ވާނީވެސް އެހެންނެވެ. އާހިރުގައި ވެރިކަމަށް ގެނައި ތިމާ ދިން ވޯޓަކުންކަމަށް ވުމުން، ތިމާ ހޮވި ވެރިޔާ ނަގާ ފިޔަޅެއް ގޯސްކޮށް އެޅުނުކަމަށް އެއްބަސްވުން ވެގެންދާނީ އިންސާނީ ތޮބިއްޔަތުގެ ސަބަބުން ދަތިކަމަކަށެވެ. ހެކި ކަމަށް ބުނެ ދައްކާ ލިޔެކިއުމެއްވެސް ބަލައިގަތުމަށް ދެކޮޅު ހަދާ މަންޒަރު ފެނެއެވެ. ތާއީދު ކުރިނަމަވެސް ލިޔެކިޔުމުގެ ސައްހަކަން ބަލާލުން މުހިންމެވެ. އެހެން ނޫންނަމަ މަގު ހުޅުވިގެންދަނީ އެތައް ނޭދެވޭ ކަމަކަށެވެ.

އަތް ތިލަބަޑި ޖަހާ ނަޝަންވީއެވެ. އެހެންނަމަވެސް އެކަން ކުރަންވީ ދައުރެއް ނިމުމުންނެވެ. އެހިސާބުން ހަގީގަތުގައިވެސް ޖެހި ގޯލުތަކުގެ އަދަދާއި ބައިކޮޅަށް ވަތް ގޯލުތަކުގެ އަދަދުތައްވެސް އެނގިގެންދާނެއެވެ. އެހެންނަމަވެސް ފެންނަން އޮތް ހަގީގަތެއް ގަބޫލު ނުކުރާނެ މީހުންވެސް އުޅޭނެކަން ޔަގީނެވެ.

ރާއްޖޭގައި މިހާރު އަބަދުވެސް އިވިގެންދަނީ މި ދެންނެވި ފަދަ ގޮތަކަށް ކޮންމެ ވެރިޔަކަށްވެސް ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެގެންދާ އަޑުތަކެވެ. މަދު ފަހަރަކު ނޫނީ އެ އުފުލާ އަޑުތަކާއި ގުޅިގެން ހައްލުތަކެއް ލިބިގެންދާ އަޑު ނީވެއެވެ. މިގޮތަށް މިކަން ވެގެންދަނީ ރައްޔިތުން ބައިބައިވެ ތިބުމުގެ ސަބަބުންނެވެ.

ހަގީގަތުގައިވެސް ހައްލެއް ބޭނުންނަމަ، ދިވެހިންނަށް އެކަން ވާން އޮތީ، އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންނެވެ. ވެރިކަން ހަވާލު ކުރީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ކަމަށްވުމުން، އެކަތިގަނޑެއްގެ ގޮތުގައި އޮވެ، އެ ތަހުތުން ފޭބުމަށް އެދެވިދާނެކަން، ހަވާލުވެވަޑައިގަންނަވާ ފަރާތްތަކަށްވެސް ސާފުވާނެއެވެ. އަދި ބާލުވާފައިވާކަން ތާރީހަށް ބަލާލުމުންވެސް ސާފުވާނެއެވެ.

އެކަތިގަނޑެއްގެ ގޮތުގައި އޮންނަ ނަމަ، އެފަދަ ދުވަހެއް އައިސްދާނެކަމަކީ ކޮންމެ ވެރިއަކަށްވެސް ކަށަވަރު ވާނެކަމަކަށްވުމުން، ވެރިކަން ކުރާނީ ހަމަ ރައްޔިތުން އެދޭ ގޮތުގެ މަތިންކަންވެސް ކަށަވަރެވެ. އެކަތި ގަނޑެއްގެ ގޮތުގައި އޮތުމުން، ރައްޔިތުންގެ ތެރެއިން އެކަކާއިމެދުވެސް އަނިޔާވެރިވެއްޖެ ހާލަތެއްގައިވެސް އަޑު އުފުލާނީވެސް އެންމެހާ ރައްޔިތުންކަމަށްވުމުން، އެފަދަ އަމަލެއްވެސް ހިންގުމަށް ކޮންމެ މީހެއްވެސް ފަސްޖެހޭނެއެވެ.

މުއައްޒިފުނާއި ހަވާލު ކުރާ ޒިންމާތައް އަދާ ކުރަމުންދަނީ އެކަށީގެންވާ އުސޫލެއްގެ މަތިންކަން ޔަގީންކޮށް، މަގުން ކައްސާލާ މުއައްޒިފަކު، ޒިންމާދާރު ކުރުވުމާއި ޒިންމާ އަދާ ނުކުރެވޭނަމަ ވަޒީފާއިން ވަކި ކުރުމަކީވެސް ކުންފުނީގެ ވެރިންގެ ޒިންމާއެއްކަން، އެންމެހާ ރައްޔިތުންނަށްވެސް ސާފުވާނެއެވެ.

ދިވެހި ރާއްޖޭގެ ވެރިންނަކީ ދިވެހި ރައްޔިތުންނެވެ އެހެންކަމުން ވެރިކަން ހަވާލު ކުރުމުން، ވެރިޔާގެ ޒިންމާ އަދާ ކުރުމުންދަނީ އެކަށީގެންވާ ގޮތެއްގެމަތިންކަން ކަށަވަރުކޮށް، ޒިންމާދާރު ކުރުވުމަކީވެސް ދިވެހި ރައްޔިތުންގެ ޒިންމާއެކެވެ. އެހެންނަމަވެސް މިކަންވެސް ކުރެވޭނީ ހަމަ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންނެވެ. ދިވެހިރާއްޖޭގެ ވެރިންގެ ގޮތުގައި އިންތިހާބުވާ ފަރާތްތަށް މަގުން ކައްސާ ނުލާކަން ޔަގީންު ކުރެވޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: