ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓްމަސްގެ އައިޓީ ދާއިރާގެ އޮޑިޓު: ވަކިވާ މުއައްޒިފުންގެ އެކްސެސް ކަނޑާލިކަން ކަށަވަރު ނުކުރޭ

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސް ސާވިސްއުން އިމްޕޯޓު ޑިއުޓީ ހިސާބުކުރުމަށް ގެންގުޅެމުންދާ ނިޒާމުގެ އޮޑިޓުގެ ތެރެއިން ގިނަ މައްސަލަތަކެއް ފާހަގަކުރެއްވިފައިވާކަމަށް އެ މުއައްސަސާގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

ޑިސެމްބަރު 2022 ގައި އެކުލަވާލާފައިވާ ކަސްޓަމްސްގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓު ރިޕޯޓުން ދައްކާ ގޮތުން، ކާރިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ކަންކުރަންޖެހޭ ގޮތުގެ ޕްލޭނެއް ކަސްޓަމްސްއިން އެކުލަވާލާފައިނުވެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ހުއްޓިޔަ ނުދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަޅަންވީ ފިޔަވަޅުތައްވެސް އެކުލަވާލާފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ކަން ކުރަންވީ އުސޫލެއް ކަނޑައެޅިފައި އޮތުމަކީ ކޮންމެ މުއައްސަސާއެއްގައިވެސް މުހިންމު ކަމެކެވެ. ހާއްސަ ގޮތެއްގައި އައިޓީގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްކުރަމުންދާ މުއައްސަސާތަކުގައި އެފަދަ ޕްލޭނެއް އެކުލަވާލެވިފައި އޮތުން މުހިންމުކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ އެފަދަ ހާލަތެއްގައި މަސައްކަތްތަކަަށް ކުރާ އަސަރު ކުޑަ ކުރުމެވެ. އަދި އެފަދަ ހާލަތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަކި ޓީމެއްވެސް ކަނޑައެޅިފައިނުވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުން، އެފަދަ ހާލަތެއްގައި ބޭނުންކުރާނެ ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް ބަޖެޓު ހޯދުން ފަދަ ދަތިތަކުގެ ސަބަބުން، އެ ކަމަށް ކަނޑައެޅިފައިވާ އިމާރާތް ހުރީ ފަޅުކޮށްކަމަށް ބުނެފައިވެއެވެ.

އޮޑިޓުންވަނީ މައުލޫމާތުތައް ރައްކައުތެރިކުމަށްޓަކައި އެކުލަވާލަންޖެހޭ ބިޒްނަސް ކޮންޓިނިއުއިޓީ ޕްލޭންވެސް އެކުލަވާލާފައިނުވާކަމަށް ފާހަގަކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން އެކަމަށް މަގުޗާޓެއް އެކުލަވާންޖެހެނީ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަންކަން ހުއްޓިގެން ނުދާކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، މި ކަންކަމުގެ ސަބަބުން މުހިންމު ހިދުމަތްތައް މެދު ކެނޑުމުގެ ފުރުސަތު އޮވެއެވެ. އަދި މާލީ ގެއްލުންތައް ކުރިމަތިވުމާއި ކަސްޓަމްސް އަށް ކުރަމުންދާ އިތުބާރު ގެއްލިދިއުމުގެ ފުރުސަތުވެސް އޮވެއެވެ.

އޮޑިޓުން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ސައިބާރ ސެކިއުރިޓީ މައްސަލައެއް ދިމާވުން ފަދަ އެމަޖެންސީ ހާލަތެއްގައި ކަންކުރާނެ ގޮތެއް ކަނޑައެޅިފައި އޮތުމަކީވެސް މުހިންމު ކަމެކެވެ. އެހެންނަމަވެސް ކަސްޓަމްސްއިން އެފަދަ ޕްލޭނެއް އެކުލަވާލާފައިނުވާކަން ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން އެ ފަދަ ހާލަތެއްގައި ކަންކުރަންވީ ގޮތް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ހިދުމަތްތަކަށް ބުރޫ އަރައި އަވަސް ހާލަތެއްގައި ހައްލު ނުކުރެވިދާނެކަމުގެ ފުރުސަތު ޮއެވެވެ. އެހެންކަމުން ހިދުމަތްތައް ހުއްޓިގެން ދިއުމާއި، މައުލޫމާތު ގެއްލުމުގެ ފުރުސަތުތައްވެސް އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، އައިޓީ ދާއިރާގެ ތެރެއިން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައްވެސް ސާފުކޮށް ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކުގެ ކުރެވެމުންދާ މިންގަނޑު ދެނެގަނެވެން ނެތްކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސް އިން އައިޓީ ރިސްކް އެސެސްމެންޓޫ ނުހަދާކަމަށްވެސް ރިޕޯޓުގައި ވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން އައިޓީ ސެކިއުރިޓީ ރިސްކު މެނޭޖުމަންޓަކީ މައުލޫމާތުގެ ރައްކައުތެރިކަން ގެއްލިގެންދިއުމުގެ ފުރުތު އޮތް ކަންކަން ދަނެގަނެ އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމެވެ.

އޮޑިޓުން ބުނެފައިވާގޮތުން، އެފަދަ ކަންކަމުގެ ސަބަބުން، މުއައްސަސާއަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު ފުޅާވެގެންދެއެވެ. އަދި މާލީ ގެއްލުންތަކުގެ އިތުރުން، ހިދުމަތްތައް ހުއްޓުމާއި، މުހިންމު މައުލޫމާތު ގެއްލުންވެސް ހިމެނޭކަމަށްވުމުން އެފަދަ ނިޒާމެއް ގާއިމުކޮށް ހަރުދަނާކޮށް އެ މަސައްކަތްތައް ކުރުން މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްގެ ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކުގެ ޕާސްވޯޑާއި ގުޅޭ މައުލޫމާތުތައް ބެލެހެއްޓިފައިނުވާކަމަށް ބުނެފައިވެއެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން ޕާސްވޯޑަކީ ކޮންމެ މުއައްސަސާއެއްގެވެސް މައުލޫމާތު ރައްކައުތެރިކުރުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެެވެ.

އެހެންކަމުން ޕާސްވޯޑު އުފައްދައި، ބަދަލުކޮށް، ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުން މުހިންމުކަމަށް ބުނެފައިވެއެވެ. އެެހެންނަމަވެސް ކަސްޓަމްސް ސާވިސްގައި ޕާސްވޯޑުތައް ބެލެހެއްޓުމުގެ އުސޫލެއް ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްގެ ސިސްޓަމްތައް ބޭނުންކުރަމުންދާ ފަރާތްތަކަށް ދެވިފައިވާ އެކްސެސް އަދި އެކްސެސް ދެވިފައިވާ މިންގަނޑުތައް ހަރަދުނާ ގޮތެއްގެ މަތިން ނުބަލަހައްޓާކަމަށް ބުނެފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން އެކްސެސް ދެވިފައިވާ މިންގަނޑުތައް ބަޔާނުްކޮށްފައިވާ ލިއެކިއުމެއް ނެތެވެ. އަދި އެކްސެސް ދިނުމަށްފަހު، ކުންފިނުން އެ މުއައްޒިފަކު ވަކިވުމުންވެސް އެ އެކްސެސް ޓާމިނޭޓްކޮށްފައިވާކަން ކުންފުނިން ކަށަވަރު ނުކުރާކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން މިކަމުގެ ސަބަބުން މުހިންމު އަދި ރައްކައުތެރި ކުރެވެންޖެހޭ މައުލޫމާތުތައް ހުއްދަ ނެތް ފަރާތްތަކަކަށް ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި މައުލޫމާތުގެ ނުހައްގު ބޭނުން ކުރުމާއި މައުލޫމާތު ލީކުވުމުގެ ފުރުސަތުވެސް އޮތްކަަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: