ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް ކުރިތާ 15 ދުވަސް، އަދި މައްސަލަ އިސްތިއުނާފެއް ނުކުރޭ

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ތާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަދި އިސްތިއުނާފް ނުކުރާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ވ، އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުފާ ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން “ސަންގު” އިން ސުވާލު ކުރުމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނީ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އިސްތިެއުނާފު ކުރާނެ ކަމަށެވެ. އަދި މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވާތީ ކުރަން ޖެހޭ މަސައްކަތްތައް ވެސް ބުރަކަން ވަކީލުންގެ ޓީމުން ފާހަގަ ކުރިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީންއަށް ކުރި ހުކުމުގެ ހުލާސާ ރިޕޯޓު ލިބުނު ނަމަވެސް މުޅި ހުކުމް ލިބިފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރާއިރު މުޅި ރިޕޯޓު ވެސް ބޭނުންވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރ ކުރި ކަމުގެ ކުށްސާބިތުވެ 11 އަހަރުގެ ޖަލު ހުކުެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންއަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ވަކީލުން ކުރަމުންދާއިރު ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ދޮގު ހެކި ބަސް ދިންކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްސަލަ ދިރާސާ ކުރަން ދައުލަތުން ވަނީ ފަށާފައެވެ.

ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއިރު، އެ ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީންގެ ފަރާތުން ވެސް ހެކި ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ޔޫސުފް ނައީމްގެ ގެއަށް ފައިސާ ގެންދިޔަކަމަށް ބުނާ އަބްދުﷲ އާއި މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މައްސަލައިގައި ނަރީޝްގެ ހެކި ބަސް ހުށަހަޅާފައި ވަނީ، ޔޫސުފް ނައީމްގެ ގެއަށް 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ކަޅު ކުލައިގެ ދެ ދަބަހެއްގައި ގެންދިޔަކަން ސާބިތު ކުރުމަށެވެ. އަބްދުﷲ ހެކި ބަސް ދީފައި ވަނީ ނަރީޝާއި އެކު ކާރެއްގައި އެގެއަށް ގޮސްފައިވާތީ އެވެ. އަދި މުހައްމަދު އިސްމާއިލް ހެކި ބަސް ދިނީ، ރައީސް ޔާމީން ޑޮލަރު ގަންނަން ބޭނުން ވާތީ ގުޅުއްވައި އެކަން ހަމަޖެއްސުމަށް އެދުނުކަމަށް ސާބިތު ކުރުމަށާއި ޔޫސުފް ނައީމަކީ ޑޮލަރު ހަމަޖެއްސުމަށް ގުޅި ވިޔަފާރިވެރިންގެ ތެރެއިން އެކަކަށް ވާތީ އެވެ. ޝާހިދު ހެކި ބަސް ދިނީ، ރައީސް ޔާމީން ގުޅުއްވި ވަގުތު މުހައްމަދު އިސްމާއީލާއި އެކު އޭނާ ހުންނެވިކަން ސާބިތު ކުރުމަށެވެ.

ސައީދުގެ ހެކި ބަސް ހުށަހެޅީ، އެ ދުވަސްވަރު އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓަރަށްވުމާއި އެކު އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގެ ބައްދަލުވުންތަކާއި ގުޅޭ ތަފްސީލު ދެއްވުމަށެވެ.

ހުކުމުގައި ނަރީޝްގެ ހެކި ބަހަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އުފައްދާފައިވާ ހެކިތަކެއްކަން ގަބޫލު ކުރެވޭކަމަށް ވެއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި މިހާރު އާއްމުކޮށްފައިވާ ހުކުމްގެ ރިޕޯޓުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހެކި ބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށް ހުށަހެޅި ހެކިން ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުގައި ކަނޑައެޅިގެން އޮޅުވާލުމުގެ ނިޔަތުގައި ބައެއް ވާހަކަތަކެއް ދެއްކިކަމަށާއި ބައެއް ކުދިކުދި ކަންތައް ހަނދާނުގައި ހުރިއިރު އެހެން ތަފްސީލުތައް ހަނދާނުގައި ނުހުންނަން ވީ ސަބަބާއި މެދު ހުކުމުގައި ސުވާލު އުފެއްދި އެވެ.

ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންކަމުން ހުކުމުގައި ބުނީ، މިއީ ވަކިގޮތަކަށް މަންޒަރެއް ދެއްކުމުގެ ބޭނުމުގައި ވަކި މަގްސަދެއް ހާސިލު ކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ. އެގޮތުން، ފާހަގަކުރެވޭ ފުށުއެރުންތައް ހިމަނައި ބުނެފައި ވަނީ 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާކަމަށް ވާ 15 މިލިއަން ދިވެހި ރުފިޔާ ޔޫސުފް ނައީމާއި ހަވާލު ކުރިކަމަށް ބުނާއިރު އެ މުއާމަލާތް ހިނގި ސީދާ ދުވަހެއް ނުވަތަ އަންދާޒާ ކުރެވޭ ދުވަހެއް ވެސް ހެކިން ހަނދާނުގައި ނެތް ކަމަށެވެ. ހާއްސަކޮށް ފައިސާ ހިފައިގެން ދިޔައީ ދުވާލު ވަގުތުގައި ތޯ، ނޫނީ ރޭގަނޑުގެ ވަގުތެއްގައި ތޯ ވެސް ހަނދާނުގައި ނެތްކަމަށާއި އެ ދުވަހު އެގެއަށް ގެންދިޔައީ ކަޅު ކުލައިގެ ދެ ދަބަސް ކަމާއި ފައިސާ ގެންދިޔައީ ކާރުގެ ފަހަތު ޝީޓުގައި ބަހައްޓައިގެންކަން ހަނދާނުގައި ހުރިއިރު ކުދިކުދި ތަފްސީލުތައް ހަނދާނުގައި ނެތުން އެއީ ހައިރާންވާ ވަރުގެ ކަމެއްގެ ގޮތުގައި ހުކުމުގައި ވެއެވެ.

”ހަމަ އެއާއެކު، ފައިސާއާ ހަވާލުވެ، އެ ފައިސާ ޔޫސުފް ނައީމްއާ ހަވާލުކޮށް ދިނުމަށް ގ. ދޫވެއްސަން، އައިސްދިނުމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޙްމަދު ނަރީސް އަށާއި، އަބްދުﷲ ރަސީދު ގާތު ބުނީ މި ދެ މީހުންގެ ފޯނަށް ގުޅައިގެން ކަމަށް މި ދެ ހެކިން ހެކިބަހުގައި ބުނެފައިކަމާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޯނުން ގުޅިއިރު، އަޙްމަދު ނަރީސް ހުރީ އޭނާގެ ގޭގައި ގައިކަން ޔަގީންކަމާއި އެކު، ޖެހިލުންވުމެއް މަޑުޖެހުމެއް ބުނެލެވުނުކަމާއި، އަބްދުﷲ ޔާމިށް އބްދުލްގައްއޫމްއާ ބައްދަލުކުރީ ގ. ދޫވެހީގެ ސިޓިންރޫމް ތެރެއިންކަން އަޙްމަދު ނަރީޝް ހަނދާން ހުރިކަމާއި، ޔޫސުފް ނައީމްއާ ފައިސާ ހަވާލުކުރުމަށް ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް ދިޔައީ، އޙްމަދު ރަރީންގެ ރައްޓެއްސެއްގެ އަޅި ކުލައިގެ ކާރުގައި ކަމާއި، އެ ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިނީ ކާރުގައި އިންތަނާއި، ފައިސާ ދަބަސްތައް ބަހައްޓފއިހުރި ކާރުގެ ކޮން ތަނެއްގައި ކަން، އެކަންކަން އެއްވެސް އުނދަގުލެއްނެތި އަޙްމަދު ނަރީސްއަށް ބުނެލެވުނެވެ. މިހާ ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބުދީފައިވާކަން އެނގެން އޮންނައިރު މި މުއާމަލާތް ހިންގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނި ހައިރާން ކުރުވާ ވަރުގެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ.“ ހުކުމުގައި ވެއެވެ.

ހުކުމުގައި ވަނީ ކާރުގެ ކުލަ އާއި، ރައީސް ޔާމީން ގުޅި ވަގުތު ހުރީ ގޭގައިކަން ވެސް ހަނދާނުގައި އެބަހުރި ކަމަށެވެ. ނަމަވެސް އަތުން ގުނިކަމަށް ބުނާ އެ ފައިސާ ގުނަން ހޭދަވީ ވަގުތެއް އޭނާއަށް ނޭނގުމަކީ އަޖައިބު ކުރުވުވަނިކަމެއްކަމަށެވެ. އެކަން ފާހަގަކޮށް، ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމުގައި ވަނީ، ނަރީޝް މައްސަލައިގައި ހެކި ބަސް ދީފައި ވަނީ ނުހިނގާކަމެއް ހިނގިކަމަށް ބުނެ ދޮގު ހެކި ބަސް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ.

ނަރީޝާއި އެކު އެގެއަށް ދިޔަކަމަށް ބުނާ އަބްދުﷲ ރަޝީދުގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ވެސް ހުކުމުގައި ވެއެވެ. އެގޮތުން އެ ފައިސާ އެންމެ ފުރަތަމަ ދޫވެހީގައި ގުނި ވަގުތު ތިބީ އިޝީނދެގެން ތޯ ނޫން ތޯ ސާފުކޮށް ނުދެވޭއިރު ރައީސްކަން ކުރައްވާ ބޭފުޅެއްގެ ގެއަށް އަބްދުﷲ ވަނީ ކިހިނެއްތޯ ކުރި ސުވާލަށް އޭނާއަށް ޖަވާބު ދެވިފައި ނުވާކަމަށް ހުކުމުގައި ވެއެވެ. އަދި 15 މިލިއަން ރުފިޔާ ހަވާލު ކުރުމުން، ދަބަހުގައި ހުރި ފައިސާގެ އަދަދު ހަމަތޯ ބެލުމެއް ނެތި ޔޫސުފް ނައީމް ފައިސާއާއި ހަވާލުވެ ލިޔުމެއްގައި ސޮއި ކުރުމަށް ބުނި ވާހަކަ ބުއްދިއަށް ގަބޫލު ނުކުރެވޭކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގައި ރައީސް ޔާމީން އެހީއަށް އެދުނު ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާއި އެމަނިކުފާނު އޭނާއަށް ކުރައްވާ އިތުބާރެވެ. އަދި އެކަން ތަފްސީލުކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

އެ ފައިސާ ދޫވެހިން، ޔޫސުފް ނައީމް އޭރު ދިރިއުޅުނު ގެއަށް ގެންދިޔައީ އަބްދުﷲ އާއި އެކުކަމަށް ނަރީޝް ބުންޏެވެ. އަދި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ އާއި ޔޫސުފް ނައީމާއި ގާތް ގުޅުމެއް ނެތެވެ. ދެ މީހުން ބައްދަލުވީ ކެމްޕެއިން ދަތުރުގެއްގެ ތެރެއިންނާއި، ފައިސާ ހަވާލު ކުރުމަށް އެ ގެއަށް ދިޔަ ވަގުތު އެކަނިކަމަށް އެނާ ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަކީ، 15 މިލިއަން ދިވެހި ރުފިޔާ އެވެ. އެހެންވެ ދައުލަތުން ވަނީ އެ ފައިސާ ގުނީ ކިހިނެއް ތޯ ނަރީޝާއި ވެސް ސުވާލުކޮށްފަ އެވެ. ނަރީޝް ވިދާޅުވީ އެ ފައިސާ ބުނީ އަތުން ކަމަށެވެ. ނަމަވެސް އެއީ ބަންޑަލް ގޮތަށް ތޯ އޭނާގެ ވާހަކައިން ސާފެއް ނުވި އެވެ. އަދި އެކަމަށް ހޭދަވީ ވަގުތާއި ގުޅޭގޮތުން ދައުލަތުން ތަކުރާރުކޮށް ކުރި ސުވާލަށް ނަރީޝް ވިދާޅުވީ ވަގުތު ސީދާ ހަނދާނެއް ނެތްކަމަށާއި ގާތްގަނޑަކަށް ހޭދަވީ ވަގުތު ވެސް ބުނަން ނޭނގޭ ކަމަށެވެ.

އެމްއެމްޕީއާރުސީހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދިން ކަމަށް ބުނެ ދައުލަތުން އައު ހެކިތައް ހުށަހެޅި އެވެ. މުއާމަލާތް ހިނގިކަމަށް ބުނާ ތާރީހުގައި ނަރީޝަކީ ސިފައިންގޭގެ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ދައުލަތުގެ ވާހަކަތައް އިއުތިރާޒުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހާޒިރީގެ ރިޕޯޓަކުން އެއީ ދޮގު ހެކިބަހެއްކަމަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. ވަކީލުން ވިދާޅުވީ، ނަރީޝް ސިފައިންގޭގައި ވަޒީފާ އަދާކުރަމުން ރައީސް ޔާމީންގެ ގެއަށް ނުދާކަން ރިޕޯޓުން ނޭނގޭނެކަމަށެވެ.

ސިފައިންގޭގައި އަދާ ކުރަނީ ޝިފްޓު ޑިއުޓީކަމަށްވުމާއި އެކު، ހާޒިރީއިން އެހެން އިތުރުކަމެއް ސާބިތު ނުކުރެވޭނެކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ. އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ވަކީލުން ފާހަގަކުރީ، ނަރީޝް ވަޒީފާއިން އޭރު ވަކި ކުރި ސަބަބެވެ. ސިޔާސީ މީހުންނާއި ގުޅުން ބާއްވާކަމުގެ ތުހުމަތަށް ނަރީޝް ވަޒީފާއިން ވަކި ކުރުމުން، އޭގެއިން ވެސް ނަރީޝް ދެެއްކެވި ވާހަކައަށް އިތުރު ބާރެއް ލިބޭކަމަށް ވަކީލުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: