ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދު؛ ދެން ތިނަދޫއަށް ވަޑައިގަންނަވާނީ ސިޓީއެއްގެ ދަރަޖަ ދިނުމުގެ ބޮޑު ރަސްމިއްޔާތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ވިސްނައިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ތިނަދޫގެ ކައުންސިލުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީއެއް ވެސް ފޮނުވާފައި ވެއެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރަޖިސްޓްރީގައި ވާ އެ ރަށުގެ އާބާދީ މަދުވެގެން 10،000 އިން މައްޗަށް އެރުމުންނެވެ.

މިދިޔަ އަހަރު ކައުންސިލުން، އެލްޖީއޭއަށް ލިޔެކިއުންތައް ފޮނުވުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ރަށުގެ ރަޖިސްޓްރޭޝަން އާބާދީ މަދު ނަމަވެސް ރަށުން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000 އަށް އަރާކަމަށް ކައުންސިލާއި ހަވާލާ ދީ ވިދާޅުވެފަ އެވެ.

ތިނަދޫގެ ރަޖިސްޓަރއާބާދީ 10،000 އިން ދަށް ނަމަވެސް ސިޓީއެއްގައި ހަމަވާންޖެހޭ އެހެން ޝަރުތުތައް ހަމަވާކަމަށް ކައުންސިލުން ބުނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގެ ތެރެއިން ސިޓީއެއްގެ ދަރަޖަ ލިބުމުގެ އުންމީދުގައި ތިބި ތިނަދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ހާއްސަކޮށް ވެސް ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށެވެ.

ތިނަދޫގެ ހައުސިންގެ މަޝްރޫއު ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އިއުލާނު ކުރި 100 ހައުސިން ޔުނިޓުގެ މަޝްރޫއު 200 އަށް ބަދަލު ކުރީ ރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންގެ އަދަދު ގިނަ ވުމުންކަމަށެވެ. އެހެންކަމުން ހިއްކި ބިމުން ލަސްތަކެއް ނުވެ ގޯތު ދޫކުރުމަށްކައުންސިލުން އިއުލާނު ކުރާނެކަމަށް ރައީސް ވިދާޅުވި  އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ލިސްޓު ދިގުކަމަށާއި ސަރުކާރުން ތިނަދޫގައި މަގު ހެދުމާއި، ފެން ހިންދާ ނިޒާމު އަދި އިންޖީނުގެ މަސައްކަތް ކުރަމުންގެންދާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ އެވެ. އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކެއްގެ ގޮތުގައިބައިނަލްއަގުވާމީ ކޮމާޝަލް ޕޯސްޓަކާއި ރަށާއި ކައިރީގައި ފެންވަރު ރަނގަޅު އެއާޕޯޓެއް އަދި ހޮސްޕިޓަލްގެ މަސައްކަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ބަލާއިރު އެކަން ކުރިޔަށް ގެންދިއުމަށް ތިނަދޫ ކައިރި ރަށްތައް ބޭނުން ކުރެވޭނެކަމަށް ރައީސްވިދާޅުވި އެވެ.

”ރަށުގައި ހިންގާ ހުރިހާ މަޝްރޫއެއްކުރިއަށް ދަނީ މި ރަށް ސިޓީއަކަށް ބަދަލު ކުރުމަށްއެ މަޝްރޫއުތައް ނިމޭއިރު ސިޓީއަކުން ލިބޭ ހުރިހާ ހިދުމަތެއްލިބެން ހުންނާނެ“ ރައީސް

ރައްޔިތުންގެ އިތުބާރާއި، ސަރުކާރާއި ދެމެދު ބާއްވާ ގުޅުން މުހިންމުކަމަށާއި މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދިއުމަށްޓަކައި 2023 ކާމިޔާބުކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައްޔިތުންގެ ފަރާތުން ލިބުނު ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވައިރައީސް ވިދާޅުވީ ތޮށިލުމުގެ މަސައްކަތުގެ އިތުރުން، ފަޅުން ބައެއް ހިއްކުން ފައްޓަވައިދެއްވާނެ ކަމަށެވެ.

”އަޅުގަނޑުމެންނާ އެކު ތިއްބަވާތިޔަބޭފުޅުން އެދޭ ހުރިހާ ކަމެއް…. އަޅުގަނޑުމެން ކޮށްދެމުން ދާނަން“ ރައީސް

ރައްޔިތުންގެ ޖުމްލަ ކަންބޮޑުވުންތަކަކީ ކޮބައިތޯ އާއި، އާބާދީ އާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ކައުންސިލާއި އެކު މަޝްވަރާތައް ކުރިޔަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.  

މި އިންތިހާބަށްފަހު ލަސްތަކެއް ނުވެ.. ދެން އަޅުގަނޑު އަންނާނީ މި ރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް“ ރައީސް

ތިނަދޫއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރު ބޯހިމަނާފައި ވުމުގެ ސަބަބުންނާއި އެކު ވެސް އެ މަސައްކަތް ފަސޭހަވާނެކަމަށް މެމްބަރުންނާއި، ރައްޔިތުން ގަބޫލު ކުރެ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަނީ ރަށު ކައުންސިލުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: