ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވިސްނުން ބަދަލު ވީތީ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރާނަމަ ބަދަލު ކުރާނަން: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން، ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒުވުން ހުއްޓިގެން ނުވާނެކަމަށާއި ނުވަތަ އެ މަގާމަކަށް ގެންނަން ޖެހޭ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް ބޭނުންވާތީ ޕްރައިމެރީގައި ވާދަ ކުރަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހެވެ. ދެވަނަ ދައުރަކަށް އައުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވާއިރު، މި އިންތިހާބަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ. އަދި ކެމްޕެއިން ޓީމުތަކަށް ދަނީ އެކި ތުހުމަތުތައް ވެސް ކުރެވެމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި އެކު ސަރުކާރުގެ ތެރޭގައި ދެބައިވުންތައް އުފެދި ބޮޑެތި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ސަރުކާރަށް ފާޑުކިޔައި ސިޔާސަތުތަކާއި ދެކޮޅަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވަމުން ގެންދަވާތީ ރައީސް ސޯލިހު މިއަދު ވިދާޅުވީ ސިޔާސީ ގޮތުން ވިސްނުން ބަދަލުވީ ތީ ވައުދުތަކާއި މަސަައްކަތް ތަންފީޒު ކުރުމަށް ފަސް ޖެހޭނަމަ ގެނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ތާއީދު ހޯދުމަށް ކުރަމުން ދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން މިއަދު ގދ. ތިނަދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ވަރަށް ގިނަ ވައުދުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ އިތުރަށް މަސްވެރިކަމާއި ބެހޭ ވަރަށް ބޮޑު މެންޑޭޓެއް އޮތީ އެސްޓީއޯއަށް ކަމަށެވެ. އަދި އެހެން އެކި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އެއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށާއި ފަސޭހަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކުންފުންޏެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ކުންފުންޏެއް، އަދި މުވައްސަސާއަކާއި އިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފެއް ސިޔާސަތުތައް ތަންފީޒު ކުރުމަށް ފަސް ޖެހިގެން ނުވާނެ އެވެ.

އޭގެ އެންމެ ބޮޑު ސަބަބެއްކަމަށް ރައީސް ވިދާޅުވީ، މި ކުންފުނިތަކާއި އިދާރާތްތަކަކީ އެއީ ރައްްޔިތުންނަށް އާއްމު ހިދުމަތްތައް ދޭން ޖެހޭ ކުންފުނިތަކަށްވާއިރު އެއްވެސް ބުރުލެއް ނައުމެވެ. އަދި އެއީ ވަގުތުން ވަގުތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ހިދުމަތް ދޭން ޖެހޭ މުވައްސަސާތަކަށް ވާތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން އެ ހިދުމަތް ދިނުމަށް ފަސް ޖެހޭ ވެރިންނާއި މުވައްޒަފުން ތިބި ނަމަ ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އެދުމަކީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިސްނުން ބަދަލު ނުކޮށް ވެރިކަމާއި އެކު ކުރިޔަށް ދިއުމެވެ. އެމްޑީޕީ މިއަދު އޮތީ ވެރިކަމުގައިކަމަށްވާއިރު ނިކުމެ އިހުތިޖާޖު ކުރަން ވީ ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދައި ރައީސް ސޯލިހު ވިދާޅުވީ އަމިއްލަ ޕާޓީ އޮތީ ވެރިކަމުގައި ކަމަށެވެ. އެހެންކަމުން، އެއީ އެއާއި ދެކޮޅު ވެ އަޑުއުފުލަން ޖެހޭ ސަބަބެއް ތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ސަރުކާރުގެ ކުންފުނިތަކަކީ އެއީ ގަސްތުގައި މަޝްރޫއުތައް ލަސް ކުންފުނިތަކަށް ނުވާނެކަމަށާއި ކުންފުންޏެއްގެ ވެރިއެއްގެ ވިސްނުމަށް ކުއްލިއަކަށް އަންނަ ބަދަލެއްގެ ސަބަބުން ހިދުމަތްތައް ހުއްޓިގެން ނުވާނެކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ. އެހެން ނޫން ނަމަ، ގެންނަން ޖެހޭ ބަދަލު ގެނައުމުގައި ފަސް ނުޖެހޭނެކަމަށާއި އެ ބަދަލު ގެންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

”ކުންފުންޏެއްގެ ވެރިއަކު ނުވަތަ މުވައްޒަފެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަަބަބުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ… އަޅުގަނޑުމެން ބަދަލެއް ގެންނަން ޖެހޭނަމަ އެ ބަދަލެއް ގެންނާނެ..“ ރައީސް

ސިޔާސީ ގޮތުން ކުރިން ހުރި ވިސްނުމެއް ބަދަލުވުމަށް ފަހު، ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް، މެނިފެސްޓޯ އާއި އެއްގޮތަށް މަސައްކަތް ނުކުރާނަމަ މަގާމު ބަދަލުކޮށްގެން ނަމަވެސް ނަތީޖާ ނެރުއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެއްވެސް ކުންފުންޏެއް ނުވަތަ، މަޝްރޫއެއް ލަސް ވީ ކޮން ބޭފުޅެއްގެ ސަބަބުންކަމަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް ފަހަކަށް އައިސް، ސަރުކާރާއި ދެކޮޅުވެ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވާހަކަ ދައްކަވާކަން ފާހަގަކުރެވެ އެވެ.

މި މަހުގެ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި އިންތިހާބެވެ. ޕްރައިމެރީގައި ނިކުންނެ ނަތީޖާއަކަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ސަމާލުކަން ހުއްޓިފައިވާއިރު ރާއްޖޭގެ މެއިން ސްޓްރީމް ހުރިހާ މީޑިއާތަކެއްގެ ކަވަރޭޖު ވެސް މިވަގުތު ހުއްޓިފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: