ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަމުން ދަނީ މިދައުރުގައި އިތުރު ދަތިތައް ކުރިމަތިވާތަން: ރައީސް ނަޝީދު

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަމުން ދަނީ އިތުރު ދަތިތަށް ކުރިމަތިވާތަން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅު މަރަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރަައްޔިތުންގެ އާމްދަނީ އިތުރުނުވެ ފެނިގެން ދިޔައީ ރައްޔިތުންނަށް އިތުރު ދަތިތައް ކުރިމަތިވަމުންދާތަން ކަމަށެވެ.

ތަކެތީގެ އަގު ބޮޑުވެ، ކުރަމުންދިޔަ ވިޔަފާރިތައް ދެކޮޅު ނުޖެހުނުތަން. އެހެންވީމާ އެކި ބާވަތް ބާވަތުގެ ހާސްކަމާއި ދަތިތަކުގެ ތެރެއަށް ރައްޔިތުން ވެއްޓެމުން ގޮސް އެކި ބާވަތް ބާވަތުގެ އުނދަގުލުގެ ތެރެއަށް ރައްޔިތުން ވެއްޓެމުން މި ދިޔައީ. ހަމަ އެއާއެކުގައި ކޮވިޑްގެ ބަލިމަޑުކަން އަޅުގަނޑުމެންނާ ކުރިމަތިލައި އަދި އިތުރު ތަކުލީފުތައް އަޅުގަނޑުމެން ރައްޔިތުންނަށް ކުރިމަތިލާން ޖެހިއްޖެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖެ ބަދަލުކުރުމަށް ނިކުމެ ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

އެތައް ދުވަހެއްގެ އެތައް އަހަރެއްގެ މަސައްކަތަށް ފަހު، ކިތަންމެ ބަޔަކަށް ލިބުނު ބޮޑު އަނިޔާ އާއި އަދި ކެކުޅުންތަކަށްފަހު 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގިނަޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ބޭއްވުނު. އެއިންތިހާބުގައި ތިބޭފުޅުންނަށް ކާމިޔާބު ލިބިވަޑައިގެންނެވި. އުފެދިގެން އައީ އެމްޑީޕީގެ ސަރުކާރެއް. އެސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އައްޑޫ ރައްޔިތުންނަށް އެމީހުންގެ ތަނަވަސްކަން ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުން

އެމްޑީޕީގެ އެންމެ މުހިއްމު ސިޔާސަތަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދެވޭނެ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުންނަށް ތަނަވަސްކަން ލިބެންއޮތީ ވަޒީފާގެ ފުރުސަތުތައް އައްޑޫގައި އިތުރުވެގެންކަން އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައިއޮތް ކަމެއްނޫން.

ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އެމްޑީޕީން ފާހަގަކުރި މައިގަނޑު ތިން ދާއިރާއަކީ އެމްޑީޕީގެ ސަރުކާރު ދެމިއޮތް ތިން އަހަރާ ބައިގައި. އެއަށްފަހު އަނެއްކާވެސް އައްޑޫގެ މިދެންނެވި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަސައްކަތް އޮތީ ފަސްޖެހިފައި.

ޓުއަރިޒަމް ވިޔަފާރި އައްޑު އަތޮޅުގައި ކުރިއަށްދާ ގޮތަށް ކަންކަން އިންތިޒާމް ވެގެން ގޮސްފައިނުވާ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުރީގައި ހުރި ބައެއް މަސައްކަތް ހުއްޓޭތަން އައިސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރާއި އެމްޑީޕީގެ މަސައްކަތުން ދައުލަތުގެ އާމްދަނީ ދިހަގުނަ ކުރެވިފައިވާ ކަމަށެވެ. ރައީސް ނަޝީދު އިޝާރާތްކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ޓެކްސްގެ ނިޒާމް ތައާރަފްކޮށް ޓެކްސް ނަގަން ފެށުނު ވާަހަކައެވެ.

އެމްޑީޕީގެ ސަރުކާރު ފަށައިގެން އިރު ދައުލަތުގެ އާމްދަނީ އަކީ ހަތަރު މިލިއަން ރުފިޔާ. މިއަދު 15 އަހަރު ފަހުން ދައުލަތުގެ  އާމްދަނީ އަކީ 42 މިލިއަން ރުފިޔާ. ދިހަގުނަ ވެއްޖެ. އެހެންނަމަވެސް ރައްޔިތުންގެ އާމްދަނީ އެއް ދެގުނަ އެއްވެސް ނުވޭ އަދި އިތުރުވެގެނެއްވެސް ދިޔަތަނެއް ނުފެނުނު

އަޅުގަނޑު ތިބޭފުޅުން ގާތަށް އައިސް އަނެއްކާވެސް އެމްޑީޕީގެ ޓިކެޓަށް އެދި މަސައްކަތް ކުރަން އަޅުގަނޑު ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތު އައްޑޫ ސިޓީ ވެސް އަދި ރާއްޖޭގެ އެތައް ރަަށެއް މިއޮތީ ކުޑަކުޑަ މަސައްކަތަކާއެކީގައި ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަހަލަ ގޮތަކަށް.

މިތަނުގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަން ދެނެއް އިތުރު މާ ބޮޑު މަސައްކަތެއް ހަގީގަތުގައި ކުރާކަށް ނުޖެހޭނެ. އަޅުގަނޑަށް ފެންނަ ގޮތުގައި ގެސްޓް ހައުސްތައް ހެދުމަށް ސަރުކާރުން ހަރަދުކުރުން އެއީ ބޭނުންތެރިކަމެއް. އަދި ލޯނު ދީގެން އެކަން ކުރުންވެސް އަދި ބޭންކަށް ސަރުކާރުގެ ފައިސާ، ބަޖެޓުން ފައިސާ ލޯނު ދިނުމަށް ކަނޑައަޅައި އެލޯނުތައް ދީ އެކަންކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި މުޅި ރާއްޖެއަށްވެސް މަރަދޫ އަށް އެކަންޏެއްނޫން. އަދި އައްޑޫ އަށް އެކަންޏެއް ނޫން، މުޅި ރާއްޖެއަށް ވެސް އޭގެ ފައިދާ ކުރާނެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރުމާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވެ ޓެކްސްގެ ފައިސާ އާއި ޓެކްސްގެ އާމްދަނީ އިތުރުވެ ދައުލަތަށް އެފައިދާ ވަދެގެން ދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި އެއަރޕޯޓް ތަރައްގީ ކުރުމުގެ ވާހަކައަކީ ޒަމާންވެފައިވާ ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫގައި ހުންނަ ގަން އެއަރޕޯޓަކީ ރާއްޖޭގައި ޒަމާނުއްސުރެ ހުރި ހަމައެކަނި އިންޓަރނޭޝަނަލް އެއަރޕޯޓް ގަމުގައި ވަރަށް ފަހާ ޖެހެންދެން ހުރިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގަން އެއަރޕޯޓްގެ ފުރިހަމަ ބޭނުން މިއަދާ ހަމައަށްވެސް ކުރެވިފައިނުވާ ކަމަށެވެ.

ކޮންމެ ބޭފުޅަކުވެސް ވަރަށް ބައިވަރު ޕްލޭންތަކުގެ ވާހަކަ އާއި ދެން ހަދާނެ ގޮތުގެ ވާހަކަ އާއި މިހާރު އޮތް މަރުހަލާ އާއި އަންނަން އޮތް މަރުހަލާ އާއި އެހުރިހާ ބާވަތުގެ ވާހަކައެއް ދައްކަވާ. އެހެންނަމަވެސް ކަންވެގެން އެތަނަށް މަތިންދާ ބޯޓް ޖެއްސޭތަން ހައްތާވެސް މިއޮތީ ނުފެނި.

އެމްޑީޕީ ހުށަހަޅަމުން ގެންދަނީ އުމްރާނީ މަސައްކަތްތައް ކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން އެއަރޕޯޓް ތަރައްގީ ކުރެވޭނެ ގޮތްތަކެއް ހޯދުން. ކަން ކުރާނެ ފައިސާ ހުރި ފަރާތްތަކާއި އަދި މިބާވަތުގެ ކަންކަމުގެ ތަޖުރިބާ ހުރި ބައިލަލްއަގްވާމީ ފަރާތްތަކާ އެކީގައި އައްޑޫގައި އައްޑޫ ގަން އެއަރޕޯޓް ތަރައްގީ ކުރެވޭނެ ކަމީ ހަމަ ގައިމުވެސް އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން.

ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތުގެ އެތައް ކުންފުންޏެއްގެ ޝައުގުވެރިކަން ގަން އެއަރޕޯޓް  ކޮމާޝަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަބަދުވެސް ހުންނަ ކަމަށެވެ. އަދި އެވާހަކަ ކޮންމެ ފަހަރަކު ރައީސް ނަޝީދާއި އިނގިރޭސި ވަޒީރުންނާއި ވިޔަފާރިވެރިން ދިމާވެއްޖެނަމަ ގަން އެއަރޕޯޓާއި އައްޑޫގެ ވާހަކަ އޮޅުން ފިލުވާ ކަމަށެވެ.

އައްޑޫ އެއަރޕޯޓްގެ ހިއްސާ 60 އިންސައްތައަށް ވުރެ ބޮޑުކޮށް އަދިވެސް އޮތީ ދިވެހި ސަރުކާރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫ އެއަރޕޯޓްގެ ހިއްސާ ކައުންސިލާއި އާއްމުންނަށް ބަދަލުކުރެވޭނެ ގޮތަށް ސިޔާސަތުތައް އެކަށައަޅުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: