ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސިޓީ އަކީ ކޮންމެ އިންތިހާބަކާ ގުޅިގެން އަންނަ ސިޓީއެއް: އިބްރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ކަންކަމާއި ގުޅިގެން ޕާޓީގެ ސެކްރެޓޭރިއަޓަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީ އަކީ ކޮންމެ އިންތިހާބަކާ ގުޅިގެން ލިބޭ ސިޓީއެއް ކަމަށް ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާޙިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީ ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދު ފޮނުއްވި ސިޓީ އަކީ ޕްރައިމަރީ އާ ގުޅުވައިގެން ފޮނުއްވި ސިޓީއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދު ފޮނުވާ ސިޓީ އަކީ ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ލިބޭ ސިޓީއެއް ކަމަށެވެ. އެގޮތުން އެންމެ ފަހުން ސިޓީ ލިބުނު  ތާރީހަކީ 2022 ވަނަ އަހަރުގެ އޭޕްރިލް ކަމަށް އޭނާ ވިދާޅުވިއެވެ.

 އަޅުގަނޑަށް ހީވަނީ މިވަގުތު އަޅުގަނޑު އަދި އަނަސް އަދި ފައްޔާޒު އަށް ވެސް ތީގަ ތިހިރަ އެއްވެސް ކަމެއް ނުކުރެވިދާނެ ކަންނޭނގެ. ދެން އަޅުގަނޑު ދެރަވީ ތީގައި އަޅުގަނޑުމެންގެ ކުރީގެ ޗެއަރޕާސަން ސޮއިކުރައްވާފައި ފޮނުއްވީމަ. އެބޭފުޅާއަށް އިނގޭނެ ތީގެން ވަރަށް ގިނަ ކަންތައްތަކެއް. އެބޭފުޅާ ޗެއަރޕާސަން އަކަށް ހުންނެވިއިރުވެސް އޭގެ ފަހުންވެސް އަދި އޭގެ ކުރިން ވެސް އެބޭފުޅާ ޗެއަރޕާސަން އަކަށް ވަޑައިގެންނެވި އިރުވެސް ކުރަމުންދާ ކަންތައްތަކެއް. މިކަންކަށް ކޮށްދޭށޭ ކިޔާފަ ސިޓީއެއް ފޮނުއްވީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ ފުރަތަމަ އެބޭފުޅުން ބައްލަވަންވީ ކަންނޭނގެ ތީގެން ނުކުރަނީ ކޮންކޮން ކަންތައްތަކެއްތޯ. ބަލާފަ އެކަންކަން ކަންނޭނގެ ކުރަން އެދެންވީ. އެހެންނޫނަސް މިޕާޓީ އުފެދުނު އިރުވެސް އޮންނަ ގޮތަކީ ޗެއަރޕާސަން އަކަށް ނޫނީ ވަކި މަގާމެއްގައި ހުންނަ މީހަކު ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމުގެ އެހާ ބޮޑު ފުރުސަތެއް ނޯވޭ ބައެއް ބޭފުޅުން އެގޮތަށް ކަން ކުރެއްވިޔަސް.

އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ ހުރިހާ ކަމެއް އޮތީ ލިޔެވިފައިކަމަށާއި  ކަންކަން ކުރަންޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ސިޓީއެއް ފޮނުވައި ކަންކަން ކުރަން ބުނި ނަމަވެސް އޭގައި ބުނާ ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ފޮނުއްވި ސިޓީގައިވާ ގޮތުން ދެކެންޑިޑޭޓުން ސޮއި ކޮށްގެން ލިސްޓު ތައްޔާރު ކުރުމަށް އެދިފައިވާތީ އެކަމުގެ ރައްދުގައި އިބްރާހިމް ވަހީދު ވިދާޅުވީ ސިޓީ ލިބުނީ ރޭ 9.43 ގައި ކަމަށެވެ. އެވަގުތަށް ވީއިރުގައި ހުރިހާ ލިސްޓެއް ވަނީ ޑިސްޕެޗްކޮށް ނިމިފައި ކަމަށެވެ.

އެހެންވީމަ އެ ކުރެވޭނެ ކަންތައްތަކާއި ނޫނީ މިސާލަކަށް ކޮށް ނިމިފައިހުރި ކަންތައްތަކެއްގައިވެސް ހުރި އެއްޗިހި ސިޓީގައި ލިޔެވިފައިހުރީ. ސިޓީ ފޮނުވާފައިވަނީ 25 އެޕްރިލްގައި ސިޓީ ލިޔެފައި އޮތް ތާރީހަކީ. އެހެންވީމާ ރޭގައި 9.43 ގައި ފޮނުވާނެ ވެސް ކަމެއް ނެތް ކަންނޭނގެ އޮފީސް ބަންދު ގަޑިއެއްގައި އެބޭފުޅުންވެސް. އެކަންވެސް ރަނގަޅު ނިޔަތުގައި ކުރެއްވި ނަމަ. އެބޭފުޅުންނަށްވެސް އެނގިލައްވާނެ މިޕާޓީގެ ކަންތައް ކުރަނީ ގައުމީ މަޖިލީހުގައި  މަޝްވަރާ ކުރެވި އެންމެން ބަހުސްކޮށްގެން ކަންތައްތަކަށް އެއްބަސްވެވިގެން.

ހަަމަ ސިޓީއެއް ފޮނުއްވާފައި މިކަން މިހެން ކުރަން  ބުނި ނަމަވެސް އަޅުގަނޑު މެނަކަށް ނުވެސް ކުރެވޭނެ.

އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދު ފޮނުއްވި ސިޓީ އަކީ ޕްރައިމަރީ އާއި ގުޅިގެން ފޮނުއްވި ސިޓީއެއް ނޫންހެން ހީވާ ކަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދު އިންތިހާބަށް ފޮނުއްވި ސިޓީ އެއް ޗެއަރޕާސަން އިންތިހާބުގައިވެސް ފޮނުއްވި ކަމަށާއި ބަދަލުވެފައިވަނީ ފޮނުއްވި ބޭފުޅާއާއި ލެޓަރހެޑް ކަމަށެވެ. އެހެން ކަމުން ސިޓީގައި ބަޔާންކުރާ ގިނަ ކަންކަން މިހާރުވެސް ކުރަމުންދާ ކަަމަށެވެ.

ރައީސް ނަޝީދުގެ ފަރާތުން ފޮނުއްވި ސިޓީގައި ވާ ގޮތުގައި ވޯޓުލާން ފެށުމުގެ ކުރިން މަރުކަޒުތަކަށް ލިބޭ ވޯޓު ކަރުދާސްތައް ކެނޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި ގުނުމަށްފަހު އަދަދުކޮށް، ލިބުނު ކަރުދާހުގެ އަދަދުތައް އިއުލާނު ކުރަންވާނެއެވެ. އަދި ވޯޓުލާންދާ މީހެއްގެ ވަނަވަރު ކަށަވަރު ކުރުމަށްފަހު، އެ ޓީމުން އެދިފައިވާ ބައެއް މައުލޫމާތުތައް ބާރަށް އިއުލާން ކުރަންވާނެކަމަށް ބުނެފައިވެއެވެ.

ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުން މަނާ ކުރުމަށްވެސް އެދިފައިވާއިރު، ވޯޓުލާ ފަރާތުގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭނެ ފަދަ އިތުބާރު ހުރި ދެއްޔަކުން ޖަހާ އެއްޗަކަށް ހެދުމަށްވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ އެދިފައެވެ. އަދި ވޯޓު ކަރުދާހުގެ ފޮޓޯ، ވޯޓު ލުމުގެ ކުރިންނާއި ފަހުގައިވެސް ނެގުން މަނާ ކުރުމަށް އެދިފައިވާއިރު، ކަރުދާހުގައި ފާހަގަޖެހުމަށްފަހު، ކަރުދާސް ކޮޅުން ދެއްކުންވެސް މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް އެދިފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ކަރުދާހުގައި ޖަހާ ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއް ނުވަތަ ނިޝާންތަކާއި ލިއުންތައް ލިއުމުން އެ ވޯޓެއް ބާތިލުވާގޮތަށް ހެދުމަށް ފައްޔާޒަށް ފޮނުއްވި ސިޓީގައި އެދިފައެވެ. އަދި ކޮންމެ ފޮއްޓެއްގެ ގާތުގައިވެސް ކޮންމެ ކެނޑިޑޭޓަކަށް 6 މަންދޫބުން ބެހެއްޓުމަށް ފުރުސަތު ދިނުމަށް އެދިފައިވާއިރު، ފޮށި ކައިރީ އަބަދުވެސް ދެ މަންދޫބަކަށް ތިބެވޭނެ ގޮތަށް އިންތިޒާމުކުރުމަށްވެސް އެދިފައިވެއެވެ.

ވޯޓު ފޮށިތަކުގެ ގާތުގައި ތިބޭ މަންދޫބުންނަށް ފޯނު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވާއިރު، ވޯޓު ގުނޭ ވަގުތުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެމްބަރުންނަށް އެ މަސައްކަތްތައް ބެލުމުގެ ފުރުސަތު ފަހިކުރުމަށްވެސް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ޝަރުތުކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ލެވޭނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީ ދަފްތަރުގައި ނަން އޮތް މެމްބަރުންނަށް އެކަނި ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގެ ކުރިން ބޭއްވި ގައުމީ މަޖިލީހުންވެސް ފާސްކޮށްފައިވަނީ އީސީގެ ދަފްތަރުގައި ނެތް މީހުން އެމްޑީޕީގެ ލިސްޓުން ވަކިކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: