ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެމްޑީޕީގެ ރިޔާސީ ކެމްޕެއިންނަށް ރަށްރަށް ވަޑައިގަންނަވާއިރު އިދިކޮޅު ފަރާތްތަކުން ރަށުތެރޭގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ކުރުމުގެ ރުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންނަށް ރަށްރަށް ވަޑައިގަންނަވާއިރު ސަލާމަތީ ކަންކަން ވަރުގަދަ ކޮށް ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރި ވާތީ އެކަމަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސާލިޙް ކެމްޕެއިންނަށް ވަޑައިގަންނަވާއިރު ބައެއް ރަށްރަށުގައި އިދިކޮޅު ޕީޕީއެމް،ޕީއެންސީގެ ފަރާތުން ސުލްހަވެރި އިހުތިޖާޖު ކުރުމުގެ ނަމުގައި ރަށުތެރޭގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން އެފަދަ ކަންކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ސަލާމަތީބާރުތަކުން ފުރުސަތު ނުދޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް ސާލިޙްއަކީ ހިލާފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ދީގެން ވެރިކަން ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން ހިޔާލްފާޅުކުރުމުގެ މިނިވަން ކަމުގެ ނާޖާއިޒް ފައިދާ ނަގާ ރަށު ތެރޭގެ ހަމޖެހުން ނަގާލާ އެހެން ކަންކަން ކުރަން މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސްގެ ކެމްޕެއިން ޖަލްސާ ހިނގަމުންދިޔަ ވަގުތު ގުރުއާން ކިޔަވާ ގަޑީގައި ވެސް އިދިކޮޅުން އަޑުގަދަކޮށް ލަވަ ޖަހައި ވާހަކަދެއްކި ތަނާ، ކުޑަކުދިން ކައިރީގައި ތިއްބާ އެ އަޑުތައް ޓީވީން ދައްކައިފި ކަމަށް ވަންޏާ، ފިޔަވަޅު އެޅޭނެ ވާހަކަތައް ވެސް ކުޑަކުދިން ކައިރީގައި ތިބެގެން ވެސް ދައްކަމުން ދިޔަ ތަން ވެސް ފެނުނު ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މީގެއިތުރުން މިއުވާން ވިދާޅުވީ މިނިވަންކަން އޮތް ނަމަވެސް، އެކަމުގެ ނާޖާއިޒު ފައިދާ ނަގާ، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން އޮތް ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެ ފުރުސަތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އިދިކޮޅުގެ ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

