ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އޮޕަރޭޓިންގ ޕްރޮފިޓް، ތާރީޚްގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވެއްޖެ

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ރިޕޯޓް، އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު ޕަބްލިޝްކޮށްފައެވެ.

ފާއިތުވި އަހަރަކީ އެސްޓީއޯގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރެވެ.

ރިޕޯޓުން ފާހަގަކުރެވޭގޮތުގައި، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައިވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި 4 ވަނަ ކުއާޓަރގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ.

ކުއާޓަރގެ ހިސާބުތަކާއެކު، އެ ކުންފުނިންވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %79 ގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުމެވެ.

ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ %41 ގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ރިޕޯޓުން އިތުރަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިންގ ޕްރޮފިޓް ތާރީޚްގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވުމެވެ. އެ ގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.

މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެއެވެ. މިއީވެސް އައު ރެކޯޑެކެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ %52 ގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.

އެ ކުންފުނިން ފާއިތުވި ކުއާޓަރގައި ހިންގާފައިވާ ބައެއް މުހިއްމު ހަރަކާތްތަކުގެ ތެރޭގައި އެސްޓީއޯ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން އެސްޓީއޯ ގްރުޕް ނައިޓެއް ބޭއްވުން، ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯސް އިފްތިތާޙްކުރުން.

މި ކޯސް ކިޔަވަމުންދާ ކުދިންނަށް ޓްރީޓޮޕްގައި އިންޓަރންޝިޕް އަދާކުރުމުގެ ފުރުސަތު ހޯދައިދޭ އެލް.އޯ.ޔޫއެއްގައި ޓްރީ ޓޮޕާއެކު ސޮއިކުރުން، ރޭޑިއޯގްރަފީ ކޯސް ހަދަމުންދާ ކުދިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން، މެންޓަލް ހެލްތު ޑޭ ފާހަގަކުރުން، ރޭޑިޔޯގްރަފީ ކިޔެވުމަށް ހޮވުނު ކުދިންނާއެކު ސްޕޮންސަރޝިޕް އެގްރީމަންޓްގައި ސޮއިކުރުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޑިސްކައުންޓް ސްކީމެއް ތަޢާރަފްކުރުން، އަދި ބައިނަލްއަގްވާމީ ހިތުގެ ދުވަސް، ރޭޑިއޯގްރަފީ ދުވަސް، އިސް ރަށްވެހިންގެ ދުވަސް އަދި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް ޑޭ ފާހަގަކުރުމަށް އެކި ކަންކަން ރާވާ، ހިންގާފައިވެއެވެ.

މީގެ އިތުރުން، މި ކުއާޓަރގައި އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެގޮތުން ސްޓާފް އެވޯޑް ނައިޓް ބާއްވާފައިވާއިރު، މުވައްޒަފުންނަށް ހާއްސަކޮށްގެން، އުޑެމީ ލަރނިން މެނޭޖްމަންޓް ސިސްޓަމްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ހަމަމިއާއެކު 7 ވަނަ ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ވާހަކަ ދައްކަވާފައިވާއިރު، އެސްޓީއޯއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ހަރުދަނާ 100 ވިޔަފާރީގެ ތެރެއިން 1 ވިޔަފާރިކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށް، އެވޯޑް ދީފައެވެ. އަދި، އެސްޓީއޯއިން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެއަރއެއްކަމަށްވާ ބިގް 5 އެގްޒިބިޝަންގައި، އެ ކުންފުނީގެ ކޮންސްޓްރަކްޝަން މޭޓީރިއަލްސް އެގްޒިބިޓްކޮށްފައެވެ. އެ ކުންފުނިން ބުނާގޮތުގައި މި އެގްޒިބިޝަންގެ ސަބަބުން، އެ ކުންފުންޏަށް ބައިނަލްއަޤްވާމީ ވިޔަފާރިތައް ހެދުމަށް ވަނީ މަގުފަހިވެފައެވެ.މިކަންކަމުގެ އިތުރުން، ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ބޮޑެތި އިނާމްތަކާ ޑިސްކައުންޓްތަކާއެކު، ގިނަ މާކެޓިންގ ޕްރޮމޯޝަންތަކެއްވެސް ހިންގާފައިވެއެވެ.

ސީއެސްއާރ އަދި ސްޕޮންސަރގެ ދަށުން އެސްޓީއޯއަކީ އަބަދުވެސް ގިނަ އެހީތެރިކަމެއް، ފޯރުކޮށްދެމުން އަންނަ، މުޖްތަމަޢުއަށް މުހިއްމު ބައިވެރިއެކެވެ. އެސްޓީއޯގެ ސީއެސްއާރ އަދި ސްޕޮންސަރ ބެހިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެގޮތުން، ކުޅިވަރާ، ޒުވާނުން އަދި މުނިފޫހިފިލުވުމުގެ ބައިން، އެސްޓީއޯއިން ވަނީ ކުޑަ ހުސެން އެކަޑަމީ، މިސްޓަރ މޯލްޑިވްސް ބޮޑީ ބިލްޑިންގ މުބާރާތް، ދިވެހި ވޮލީބޯލް ވެޓެރަންސްއިން ހިންގި ބީޗް ވޮލީ މުބާރާތް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމްކޮށް، މިނިވަން މުއައްސަސާތަކަށް ހާއްސަކޮށްގެން ހިންގި މިނިވަން ކަޕްވެސް ސްޕޮންސަރކޮށްފައެވެ. މީގެ އިތުރުންވެސް ކައުންސިލްތަކާއި ސްކޫލްތަކާއި އެހެނިހެން އެސޯސިއޭޝަންތަކުން ބާއްވާފައިވާ ބައެއް ކުޅިވަރުގެ ހަރަކާތްތައްވެސް ސްޕޮންސަރކޮށްފައިވެއެވެ.

ތަޢުލީމާއި ސްކިލް ޑިވަލޮޕްމަންޓްގެ ދަށުން، އެ ކުންފުނިން ވަނީ މުފްތީ މެންކުގެ ދަރުހުގެ އިންތިޒާމްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް ސްޕޮންސަރއެއް ދީފައެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ބޭއްވި 45 ވަަނަ ކޮންވެންޝަންވެސް ސްޕޮންސަރކޮށްފައެވެ. އަދި ހަމަމިއާއެކު، ސްކޫލްތަކާއި ކައުންސިލްތަކުން ބާއްވާފައިވާ އެކި އެކި ޤުރުއާން މުބާރަތްތަކާއި މަދަހަ މުބާރާތާއި ތިމާވެށި ހިމާޔަތްކުރުމަށް ބާއްވާ އެކި ސަމިޓްތައް ސްޕޮންސަރކޮށްފައެވެ.
މުޖުތަމަޢު ބިނާކުރުމުގެ ދަށުން، އެސްޓީއޯއިން ވަނީ ސްކޫލްތަކާއި، ހެލްތު ސެންޓަރތައް އަދި ކައުންސިލްތަކާއި، މިސްކިތްތަކާއި އެފަދަ އެހެންވެސް ފަރާތްތަކަށް ކުލަ، ކޮންސްޓްރަކްޝަން ސާމާނު، ކޮމްޕިއުޓަރ، ޓީވީ، އޭސީ އަދި ފަރުނީޗަރ ފަދަ ތަކެތި ފޯރުކޮށްދީފައެވެ.
އަދި ސިއްހަތާއި ދުޅަހެޔޮކަން، މި ބައިގެ ދަށުން، އެސްޓީއޯއިން ވަނީ އެކި މެޑިކަލް އިކުއިޕްމަންޓް ހެލްތު ސެންޓަރތަކަށް ހަދިޔާކޮށްފައެވެ. އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީއިން އއ.އަތޮޅުގައި ހަރަކާތެއް ހިންގުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ކުންފުނިން ބުނާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރިތައް އިތުރުކުރުން ނޫންކަމަށާއި ޖުމްލަކޮށް، ފުދިގެންވާ މުޖުތަމަޢުއެއް އުފެއްދުމަށް އެހީތެރިވެދިނުމެވެ. އަދި މިގޮތުން ކުންފުނީގެ އަމާޒަކީ 2023 ވަނަ އަހަރު ސީއެސްއާރްގެ ހިދުމަތް އިތުރު ދާއިރާތަކަށް ފުޅާކުރެވިގެންދިއުމެވެ.

ފާއިތުވި އަހަރު އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450 ރުފިޔާ އަދި އެންމެ ދަށުން 580 ރުފިޔާ ގައި ޓްރޭޑްކުރެވިފައެވެ. 2022 ވަނަ އަހަރު ޖުމްލަ 491 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1499 މިލިއަން ރުފިޔާގައެވެ. އަދި އެ ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 2022 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި 149 ރުފިޔާ އިން 4 ވަނަ ކުއާޓަރގައި 239 ރުފިޔާ އަށް އިތުރުވެފައެވެ.

2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި އެ ކުންފުނީގެ ބޯޑުން މުހިއްމު ކަންތައްތަކެއް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ތިލަފުށިން ޕޯޓެއް ގަތުން، ހުޅުމާލޭގައި ކެޝިއަރލެސް ސްޓޯރއެއް ހެދުން، އެސްޓީއޯ ހެޑް އޮފީސް އެކްސްޓެންޑް ކުރުމަށް ނިންމުން، އެ ކުންފުނީގެ މެޑިކަލް ޑިޕާރޓްމަންޓަށް ޖެނެރަލް މެނޭޖަރަކު ޢައްޔަންކުރުން، 2023 ވަނަ އަހަރުގެ ހިސާބުތަކާއި ސްޓްރެޓީޖިކް ކޭޕީއައިތައް ފާސްކުރުން، ރާއްޖޭގައި ލޮނު އުފެއްދުމާބެހޭގޮތުން ބޯޑަށް ހުށަހެޅުނު ދިރާސާއާއި ގުޅިގެން އިތުރު ދިރާސާތައް ހެދުމަށް ނިންމުން، ކާޑެއްދޫ އަދި ކައްދޫ އެއާޕޯޓްގެ ޖެޓް ފިއުލް ފެސިލިޓީ އަޕްގްރޭޑް ކުރުމަށް ނިންމުން، އަދި ކުންފުނީގެ ވިޝަން، މިޝަން އަދި ވެލިއުސްއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމުން ހިމެނެވެ. މީގެ އިތުރުން، އެ ކުންފުނީގެ ބޯޑުންވަނީ ބޯޑުގެ ކޯޕަރޭޓް ގަވަރނަންސް ކޮމިޓީގެ މެންޑޭޓަށް ސަސްޓޭނަބިލިޓީ ކަންކަން އިތުރުކޮށް، އެ ކޮމިޓީގެ ނަން ގަވަރނަންސް އެންޑް ސަސްޓޭނަބިލިޓީ ކޮމިޓީއަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖޭގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގައި މިފަދަ ކޮމިޓީއެއް އުފެއްދި ފުރަތަމަ ފަހަރެވެ.

ފާއިތުވި ކުއާޓަރ އަދި އަހަރަކީވެސް އެސްޓީއޯއަށް ފާގަތި ދުވަސްތަކެކެވެ. މި ދުވަސްތަކުގައި އެސްޓީއޯއިންވަނީ މުހިއްމު ރެކޯޑްތަކެއްވެސް ހަދާފައެވެ. 4 ވަނަ ކުއާޓަރ ނިމުނުއިރު، އެ ކުންފުނީގައި 2245 މުވައްޒަފުން އެބަ ތިއްބެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ކުންފުނީގައި ތިބީ 2057 މުވައްޒަފުންނެވެ. މި އަހަރުގެ ތެރޭގައި އެ ކުންފުނިން އެކިދާއިރާތަކުން 188 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވެއެވެ. 2022ވަނަ އަހަރުގެ ނިޔަލަށް އެސްޓީއޯއިން ވަނީ 1000 އަށްވުރެ ގިނަ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީން ކުރެވިފައެވެ. އަދި ކުންފުނީގެ މި ކުރިއެރުމާއި، އިތުރު ވިޔަފާރިތަކާއި ޓެކްނޮލޮޖީ ތައާރަފްކުރުމުގެ އަމާޒާއެކު، އައު ފުރުސަތުތަކެއް ކުރިއަށްއޮތްތާ ހުޅުވިގެންދާނެކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: