ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން ބޭނުން، ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުވާން އޮތީ ކޯލިޝަނަކާއެކު: ރައީސް ސާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އެހެން ކަމުން އެމްޑީޕީ އެކަނި ވެރިކަން ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް މިވަގުތު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އިއްތިހާދެއްގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ފަހު ޖަލްސާގައި ބައިވެރިވެ ވަޑައިގެން ރައީސް ސާލިހް ވިދާޅުވީ ކޯލިޝަނެއް ސަރުކާރެއްގައި ކޮންމެވެސް ވަރެއްގެ ދޫތަކެއް ޖޭން ޖެހުނު ނަމަވެސް އެކަމުން ލިބޭ ފައިދާ ބޮޑު ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވާ ކަމަށެވެ.

ވަރަށް ސާފު. އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީ. އެންމެ ގިނަ ބައެއްގެ ތާއީދު ވެސް އޮތް ޕާޓީ. އެހެންނަމަވެސް އެއިން ކޮންމެ ބޭފުޅަކަށް އެނގިވަޑައިގަންނަވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ރައްޔިތުންގެ ވޯޓްލާ އެންމެންގެ 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓް ހޯދަންޖެހޭކަން. އޮޅުމެއް އޮތް ކަމެއް ނޫން އެއީ. އަޅުގަނޑުމެންނަށް އެކަނި އެކަން އަދި ކުރެވެން ދަތިކަން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މެމްބަރަކުވެސް ގަބޫލުކުރާނެ. އަޅުގަނޑުވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލަން. ކޯލިޝަން އެއްގެ ތެރެއިން ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރާއިރު ކޮންމެވެސް ވަރެއްގެ ދޫތަކެއް ދޭންޖެހޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ އެތި މާ ބޮޑުވޭ އޭގެއިން.

ރާއްޖެއަށް މިދެކޭ ބަދަލު ގެންނަން ފެށީ އައްޑޫ ސިޓީން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

އެދުވަހު، އަޅުގަނޑުމެން މުޅި ރާއްޖެއަށް އަޅުގަނޑުމެން ގެންނަން ބޭނުންވި ތަރައްގީ އާއި ބަދަލުގެ މެނިފެސްޓޯ ހާމަކުރިން. އަދި އައްޑޫ ސިޓީއަށް ގެންނަން ޖެހޭ ބަދަލުތަކާއި ތަރައްގީ ތިބޭފުޅުން އަޅުގަނޑަށް ހުށަހެޅީ. އެދުވަހު ތިބޭފުޅުން އަޅުގަނޑުމެންނާއި ކަންތައްތައް އަޅުގަނޑު މިގެންދަނީ ބަރާބަރަށް ތިބޭފުޅުން އެދިވަޑައިގެންނެވި ކުރަމުން.

ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ގެންނަ ކޮންމެ ބަދަލަކީ ސީދާ ރައްޔިތުންނަށް ވަކި ވަކި ފަރުދުންނަށް އޭގެ ރަނގަޅު އަސަރު ކުރާނެ ބަދަލެއް ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ކޮންމެ ރައްޔިތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ 40 ހަކަށް އަހަރުތެރޭގައި ނުކުރާހާ ގިނަ މަސައްކަތް މިސަރުކާރުގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ކުރެވުމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު މިކުރާ ދަތުރުތަކުގައި މިވާހަކަ ދައްކަނީ އަޅުގަނޑެއް އަދި އަޅުގަނޑުގެ ޓީމަކުން ނޫން. ދާ ރަށްރަށުގެ ރައްޔިތުން. ތިމަންނަ މެންނަށް މިވޭތުވެދިޔަ 40 އަހަރުތެރޭގައި ނުލިބޭ ވަރުގެ ތަރައްގީ މިއަދު މިސަރުކާރުން އެބަ ގެނެސްދޭ.

ރައީސް ސާލިހް ވިދާޅުވިގޮތުގައި އިއްޔެ މާޅޮހަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވެސް ބުނީ މިސަރުކާރުން ތަރައްގީ ގެނެސްދޭކަމަށެވެ.

ދަނގެއްޗަށް އަޅުގަނޑު ދިޔައިން. ހަމަ އެއްވާހަކައެއް. އަދި އޭގެ ކުރީ ދުވަހު ތޮއްޑޫއަށާއި އަދިވެސް އެތަށް ރަށަކަށް އަޅުގަނޑު ދަތުރުކުރިން. ކޮންމެ ރަށަކުން ވެސް ބުނަމުންގެންދަނީ މީން ޒަމާނަކު އެރަށަށް ނުގެންނަ ވަރުގެ ތަރައްގީ އެބަ އަންނަ ކަމަށް.

ރައީސް ސާލިހް ވިދާޅުވީ ހއ ތުރާކުނުން ފެށިގެން އައްޑޫ ސިޓީ އަށް ކުރާ ދަތުރުގައި ފެނިގެންދާ މަންޒަރަކީ ވަރަށް ސާފުކޮށް ޕްރައިމަރީ ކާމިޔާބު ކޮށް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމެވެ.

ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެމަނިކުފާނު ހޮވުމަށް ނިންމަވަނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ.

އަޅުގަނޑު ވަރަށް  ވިސްނައިފިން. އެބޭފުޅުންނަށް ޔަގީން ކުރެވޭ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ މިއީކަން. އަޅުގަނޑުމެންގެ މެނިފެސްޓޯ ބަރާބަރަށް ތަންފީޒް ކުރެވެމުންދޭ އޭރުން. އެހެންވީމާ އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ވަރަށް ސާފު. އަޅުގަނޑު ދެކޭ ގޮތުގައި އައްޑޫ ސިޓީވެސް އޮތީ އެގޮތަށް.

ރައީސް ސާލިހް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އައްޑޫ ސިޓީ އަކީ އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަށް ސަރުކާރުން 6 ބިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކުރެވިފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެކަން ބޭކާރު ނުވާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: