ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަގުބޫލުކަމެއް ނެތް، މަރުހަބާ ކިޔަން ނިކުންނަ މީހުންނަށް ވުރެ މުޒާހަރާ ކުރި މީހުން ގިނަ: އާދަމް ޝަރީފް

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި އާދަމް ޝަރީފް/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މި ސަރުކާރު ދެކެ ފޫހިވެފައިވާކަން އެންމެ ބޮޑަށް ސާފުވާ އެއް ސަބަބަކީ، ރަށްތަކުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ނިކުންނަ މީހުންނަށް ވުރެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މުޒާހަރާއަށް އެ ރަށްތަކުން ނިކުންނަ މީހުންގެ އަދަދު ގިނަ ވުމުންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ އިއްވި 11 އަހަރުގެ ޖަލު ހުކުމާއި އެކު ޕާޓީގެ ސިލްސިލާ ސިޔާސީ ހަރަކާތްތައް ވަނީ ފެށިފަ އެވެ. އަދި ޕާޓީން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖުތައް ކުރަމުންނެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ބޭއްވި ޕްރެސްގައި އާދަމް ޝަރީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ގައުމުތަކުން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދާ ބަދަލުތަކާއި، ސަރުކާރުން ރައީސް ޔާމީނާއި ދެކޮޅަށް ކުރަމުން ދާ މަސައްކަތްތަކުގެ މައުލޫމާތުތައް ބޭރުގެ އިދާރާތްތަކާއި ހިއްސާ ކުރަމުން ދާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ރައީސް ޔާމީނާއި މެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިވާރި އަދި ލާއިންސާނީ ގޮތެއްގައިކަމަށް ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މިހާރު ވެސް، ދަށު ކޯޓުގައި ކުރިޔަށް ދާ ޝަރީއަތަށް ހެކި އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މަންފާ ލިބުނު މީހުން ތިބީ ސަރުކާރުގެ ތެރޭގައިކަމަށާއި އެކަން ދައުލަތުގެ އިދާރާތްތަކަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. ސަރުކާރު ހިންގަމުން ދަނީ، އެ އަމަލުތަކުގައި ބައިވެރިވުމުގެ ސަބަބުން ދައުވާ އުފުލާފައިވާ މީހުންނާއި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންނާއި އެކުކަމަށްވާއިރު މިއީ އެއްވެސް އިހުލާސްތެރި މަސައްކަތެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމަނިކުފާނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުކަމުގެ ތުހުމަތައް ކުރެވޭއިރު އެ މައްސަލަ ބަލައި ތަހުގީގު ކުރާނެ އިދާރާއެއް ނެތް ކަމަށެވެ. އަދި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ 300 އާ މީހުން ހިމެނޭ ލިސްޓު ކޮބައިތޯ ސުވާލު އުފައްދައި އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ވަކި ބައެއްގެ މައްސަލަ ނުބަލައި ދޫކޮށްލާފައިވާއިރު ހަމައެކަނި ބޭނުން ވަނީ ރައީސް ޔާމީންގެ މައްޗަށް އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކުރުމަށްކަމަށެވެ. އަދި ހިޔާނާތުގެ މޭސްތިރިން ތިބީ ގޭގައި، ދައުލަތުގެ އިނާޔާތްތައް ލިބޭ ގޮތަކަށް އެއްބަސްވުންތައް ހަދައިގެންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

”މި ކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް މީހެއްގެ މައްޗަށް ފްރޭމްކޮށްގެން ސަރުކާރުން މި އުޅެނީ..“

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީނަކީ ރައްޔިތުންގެ ތެރޭގައި މަގުބޫލު ސިޔާސީ ލީޑަރެއް ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު އިތުރުވަމުން ދާތީ، މީގެ ކުރިން ވެސް އިންތިހަބާއި ދިމާކޮށް ރައީސް ޔާމީން ބަންދު ކުރިކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އިންތިހާބުގައި ސަރުކާރަށް ކާމިޔާބު ލިބެން އޮތް ހަމައެކަނި ފޯމިއުލާއަކީ ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެންކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް، ރައީސް ޔާމީން މާ ގިނަ ދުވަހަކަށް ޖަލުގައި ނުބެހެއްޓޭނެކަމަށާއި، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ދެކެ ރައްޔިތުން ފޫހިވެފައިވާކަމަށާއި، އެ މަންޒަރު އެންމެ ސާފުކޮށް ފެނިގެން ދިޔައީ އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ރައީސް ސޯލިހު ކުރެއްވި ދަތުރުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ސަރުކާރަށް މަރުހަބާ ކިއުމަށް ނިކުންނަ މީހުންނަށް ވުރެ، އިދިކޮޅުން މަގުމައްޗަށް ނިކުންނަ މީހުން ގިނަކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: