އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު އިއުލާންކޮށްފައިވާ ނަތީޖާއަށް ބަދަލެއް އައިސްދާނެފަދަ އެއްވެސް ޝަކުވާއެއް ހުށައެޅިފައިނުވާކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ޕާޓީގެ އިންތިހާބީ ކޮމިޓީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ގިނަ ނޫސްވެރިންގެ ސުވާލަކަށް ވެގެން ދިޔައީ ހުށައެޅިފައިވާ ޝަކުވާތަކުގެ ސަބަބުން މިހާރު އިއުލާންކޮށްފައިވާ ނަތީޖާއަށް ބަދަލެއް އައިސްދާނެތޯއެވެ.
ރޕާޓިގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވާ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރި ހޯއްދެވި އިންތިހާބުގެ ސައްހަކަމާއިމެދު ސުވާލު އުފެދޭ މިންވަރަށް، ވޯޓުލުން ކުރިއަށްދިޔައިރު ހާލަތު ގޯސްވެގެން ދިޔައެވެ.
އެގޮތުން ވޯޓު ފޮށިތައް ހަލާލުކޮށް، ވޯޓު ކަރުދާސްތައް ބިން މައްޗަށް އަޅާ ކަރުދާހަސް ވީނުވީ ނޭމގޭ ހާލަތަށްވެސް ކަންކަން ދިޔަކަން ފާހަގަކުރެވުނެވެ. އަދި ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލީކަމުގެ ތުހުމަތުވެސް ކުރެވިގެންދިޔައިރު، ވަގު ވޯޓު ކަރުދާސް އެޅިގެން ދިޔަކަމަށް ބުނެވެސް ވާހަކަތަކެއް ދެކެވުނެވެ. އަދި މިފަދަ ހަމަނުޖެހުންތަކެއް ޕާޓިގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ތިބި ސަރަހައްދުތަކުގައިވެސް ހިގައިފައިވާއިރު، އިބްރާހީމް ވަހީދު ވިދާޅުވީ މި މައްސަލަތައް ހައްލުކުރެއްވީ ދެ ކެޑިޑޭޓުންގެ ފަރާތުންވެސް މަޝްވަރާ ހޯދާ، އެއްބަސްވެވުނު ގޮތުގެ މައްޗަށްކަމަށެވެ.
އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި، ހުށައެޅުނު ޝަކުވާތަކުގެ ސަބަބުން މި އިންތިހާބުގެ ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. އަދި އެވަރުގެ ޝަކުވާތަކެއް ހުށައެޅިފައިނުވާކަމަށާއި، ހުށައެޅިފައިވާ ޝަކުވާތައް ބެލުމަށްޓަކައި ބޭނުންވާ ހެއްކާއި ގަރީނާ ނެތްކަމަށް ފާހަގަކުރެއްވިއެވެ.
ޕާޓިގެ ފަރާތުން ޝަކުވާ ހޫށައެޅުމަށް ހޮތްލައިން ނަންބަރެއް އާންމުކޮށްފައިވާއިރު، އެ ނަންބަރު މެދުވެރިކޮށް ހުށައެޅުނީ 50 ޝަކުވާކަމަށް ވިދާޅުވިއެވެ. އަދި ފޯނަށް ލިބުނީ 10 ޝަކުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަސްމީ ގޮތެއްގައި ހުށައެޅުނު ޝަކުވާގެ އަދަދަކީ ޖުމްލަ 60 ނަމަވެސް އިއްޔެ ސޯޝަލް މީޑީއާގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ދިޔައީ މި އިންތިހާބާއި ގުޅިގެން ޝަކުވާކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިފަދަ ޝަކުވާތަކާއި ގުޅިގެން އިބްރާހީމް ވަހީދު ޔަގީންކަން ދެއްވީ މިއީ މިނިވަން، ސައްހަ އަދި އިންސާފުވެރި އިންތިހާބެއްކަމެވެ.
އިންތިހާބާއި ބެހޭ ކޮމިޓީއިންވެސް މިއީ ފުރިހަމަ އިންތިހާބެއްކަމަށް ގަބޫލުކުރައްވާކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށް ގެންދެވުމުގައި އެމްޑީޕީގެ ތާރީހުގައި އަލަށް ވެގެންދިޔަކަމެއް ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ވޯޓުލުން ކުރިއަށް ގެންދިޔަ ދުވަހުގެ ރޭ ވަގުތީ ނަތީޖާ އާންމުކުރުމަކީވެސް އަލަށް ކުރެވުނު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

