ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން މަދުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އޭސީސީ އާއި އިމިގްރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަން މަދުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް އިމިގްރޭޝަން އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅާ، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ މުއައްސަސާގެ ދެމެދު ވެވުނު ފަހުމުނާމާއެކެވެ.

މި ފަހުމު ނާމާގައި ސޮއިކުރުމުގެގޮތުން މޯލްޑިވްސް އިމިގްރޭޝަނުގައި ބޭއްވި ޙާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސައިން ވަނީ ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ. އެގޮތުން ނަޒާހަތްތެރިކަން މީހެއްގެ ގައިގާ ނެތިއްޖެނަމަ، އޭނަ ކިތަންމެ މޮޅަށް ކިޔަވާފަ ހުއްޓަސް އެއީ މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފަހުމުނާމާއެއްގެ މުހިންމުކަން ފާހަގަކޮށް، މިއީ ދެ މުއައްސަސާގެ ގުޅުން ބަދަހިކުރުމަށް ގެތުނު އިތުރު ބޮޅެއްކަމާއި ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުރިހާ އެންމެން ގުޅިގެން ހާސިލްނުވާނެ ކަމެއް ނޯންނާނެކަމަށާއި އިމިގްރޭޝަނުން ކޮރަޕްޝަން ފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރެއްވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރ، އުސްތާޒާ ޝިޔާމާ މުޙައްމަދުގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަހުމުނާމާއަކީ އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ދެ މުއައްސަސާ ގުޅިގެން ގައުމީ ޚިދުމަތުގައި ދެމިތިބުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. މިފަހުމުނާމާއިން ފާހަގަވާން އޮތް އެންމެ މުހިންމު އެއް ކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑާޓާ ބޭސް މެދުވެރިކޮށް ކަނޑައެޅޭ ވަކި މިންގަނޑެއްގެ ތެރެއިން އެ މުވައްސަސާއަށް މަޢުލޫމާތު ލިބިގެން ދިއުންކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކުރުމަށް ދެ މުއައްސަސާއިން ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން، އެފަރާތްތަކަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަމާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޤާނޫނު ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމެވެ. އަދި މިފަދަ ކަންތައްތަކުން ރައްޔިތުންނަށް ލިބޭނެ ދެމެހެއްޓެނިވި ފައިދާތައް ބަލައި ޚިދުމަތްތައް ދިނުމުގައި ލުއިފަސޭހަކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: