ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ނަޝީދު ޕާޓީ ތެރެއިން ބަލި ކުރުން؛ ތާއީދު އޮތަސް، މައްސަލައަކީ ބާރެއް ނެތުން!؟

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލު ދުވަސްވަރު، ކްލާސްތައް ނިންމާލައި ގެއަށް ދާ މަގުމަތީ އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ”30 އިޔާސް އިޒް މޯ ދެން އިނަފް“ ލިޔެ ފާރަށް ސްޕްރޭކޮށްފައި ހުންނަ މަންޒަރެވެ. އެއީ 2008 ގެ ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްވަރު ނަމަވެސް، އުމުރުން ޅަ ވުމާއި އެކު އެކަމުގެ މާބޮޑު ތަފްސީލެއް އޭރު ނޭނގެ އެވެ.

އެއެއަށް ފަހު އެހެން އުޅުމުގެ ތެރޭގައި، ކެމްޕެއިނުގެ ލަވައެއް އިވި އޭގައި ހިމަނާފައި ހުރި ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ސަމާލުކަން ދިޔަ އެވެ. ލަވައިގައި ގޮވާލަނީ ހެޔޮ ވިސްނުން އިސް ކުރުމަށެވެ. ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަށާއި، ޑްގަރަށް ގުޅުވި ދޮރުތައް ބަންދު ކުރުމަށް އެންމެން ގުޅިގެން އެކީ ކުރިޔަށް ދިއުމަށެވެ.

މިއީ ރާއްޖޭގެ ސިޔާސީ ފޯރި އޭރުގެ ކުޑަކުއްޖަކަށް ފެނިގެން އައި ގޮތެވެ.

ރާއްޖޭގެ ސިޔާސީ މައިދާން އެއްކޮށް ބަދަލުކޮށްލައި، މަލްޓި ޕާޓީ ސިސްޓަމް ގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. 30 އަހަރުގެ ވެރިކަމަކާއި ދެކޮޅަށް ނިކުމެ، އެމްޑީޕީން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ، 2008 ގައި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އާދެވުނު ފުރަތަމަ ޕާޓީއަށްވުމެވެ. އެކަމަކު، އެއީ އެމްޑީޕީއަށް ނުވަތަ ކެނޑިޑޭޓު މުހައްމަދު ނަޝީދަށް އޮތް ތާއީދާއި އެކު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވެސް ބަދަލު ކުރުމަށް ދިވެހި ރައްޔިތުން ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނާއި އެކު އުފެދުނު ވެރިކަމެކެވެ.

ރައީސް ނަޝީދަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އެންމެ ތާއީދު އޮތް އެއް ލީޑަރު ވެސް މެ އެވެ. ނަމަވެސް، އެ ހާލަތު މިއަދު ބަދަލުވީ ގޮތާއި މެދު ހިތުގެ ތެރޭގައި އުފެދިފައި ހުރި ސުވާލުތައް މަދެއް ނޫނެވެ.

ބައެއް މީހުންގެ ނަޒަރުގައި ރައީސް ނަޝީދަކީ، ގޮތް ދޫކުރުމެއް އަދި ބަލި ގަބޫލު ކުރުމުގެ ވިސްނުމެއް ވެސް ހުންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް، ސިޔާސީ ގޮތުން ކުރިޔަށް ދާން ބޭނުންވާ ގޮތަކަށް ވަކި ރައީސް ނަޝީދު ކުރިޔަށް ދާން ކުރާ މަސައްކަތަކީ އެއީ ”ފުކެއް ބޮޑުވަރު“ ކަމަށް ދެކެން ޖެހޭކަމަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނުކުރެ އެވެ. އެއީ، ކުރާ އުންމީދަކާއި ވިސްނުމަކަށް ދޫދީ، އަދި ހާއްސަކޮށް ތިމާ ކަނޑައި ވައްޓާލަން ބަޔަކު ރެއާއި ދުވާލު މަސައްކަތް ކުރާކަން އެނގޭނަމަ އަމުދުން އިސް ޖަހައި ހިނގައިގަތުން އެއީ އަޅުގަނޑު ދަންނަ ވިސްނުމެއް ނޫނެވެ.

ކޮންމެއަކަސް، ރައީސް ނަޝީދު މިއަދު ހަނދާނަށް ގެންނަން ވީ އެމަނިކުފާނު މީގެ އަހަރުތަކެއް ކުރިން އަމިއްލައަށް ވިދާޅުވި ވާހަކައެކެވެ. ވެއްޓުނީމައި، ތެދުވެ ބާރަށް ދުއްވައިގަންނަން ޖެހޭ ހާލަތެއްގައި ހުރި ރައީސް ނަޝީދު މިއަދު އެއްފަރާތްކޮށްފައި އެހެރީ، އެމަނިކުފާނުގެ އެއްވެސް ބާރެއް ނެތުމުންނެވެ. މިއީ ބަޔަކު ގަބޫލު ކުރަން ބޭނުން ނުވިޔަސް، ހަގީގަތެވެ.

2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، މަގުމަތީގައި ހޭދަ ކުރަން ޖެހުނު ހަތް އަހަރު ދުވަސް ބޭއްވުމަށް ފަހު އަސްލު ވާހަކަ ފެށެނީ 2018 އާއި ހަމައިންނެވެ. ހުރިހާ ކުޅިވަރެއް ފެށުނީ، އއ. އުކުޅަސްގައި ކުރިޔަށް ގެންދިޔަ އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސް އެވެ.

ރައީސް ނަޝީދު ސައިވެ، ދޫދެއްވީކަމަށް ބައެއް އެމްޑީޕީގެ ޕާލިމަންޓު މެމްބަރުން ސިފަ ކުރި ނަމަވެސް އެހެންނެއް ނޫނެވެ. ”މި މީހާ ވަރުބަލި ނުވާނެކަމަށް“ ބުނުމުން ރައީސް ނަޝީދު ވަރުބަލިކޮށްލީ ހަމަ އެމްޑީޕީގެ ތެރެއިންނެވެ. މިއީ ހަގީގަތެވެ.

ވެރިކަން ބަދަލުވުމަށް ފަހު، ރައީސް ނަޝީދު ވެސް ކުރިމަތިލާން ޖެހުނީ ސިޔާސީ ހުކުމަކާއި އެވެ. ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނަވައި ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދެވި އެވެ. އަދި 2018 ގެ އިންތިހާބުގެ މަސައްކަތްތާއި ހިސާބުން ރިޔާސީ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ބުނެ ކެމްޕެއިންތައް ފެއްޓެވި އެވެ. ނަމަވެސް ހުކުމެއްގައި ހުންނެވުމުގެ ސަބަބުން މީޑިއާތަކަށް އެމަނިކުފާނުގެ އިންޓަވިއުއެއް އޮންއެއާ ކުރުމުގެ ހުއްދައެއް ނެތެވެ. ނަމަވެސް އެމްޑީޕީގެ ހަރުގެގަތަކުގައި އާއި، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދިޔައީ ރައީސް ނަޝީދުގެ މެސެޖުތަކުގެ ވީޑިއޯތައް އާއްމު ކުރަމުންނެވެ.

ބްރިޖު އޯކޭކަމަށާއި، އޯކޭ ނޫނީ ވައްކަންކަމަށް ވިދާޅުވެފައި ވަނީ، މި ދެންނެވި ޖަޒީރާ ރައީސް ކެމްޕެއިނުގެ ތެރެއިންނެވެ. އެންމެ ފަހުވަގުތާއި ޖެހެން ދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އިންތިހަބުގައި ވާދަ ކުރެވޭނެ މަގެއް ހޯދުމަށް ނަމަވެސް އެ މަގު އެއްކޮށް ބަންދުވީ ހިސާބަކީ ފަހަރުގައި އެމްޑީޕީގެ އެތެރެއިން ރައީސް ނަޝީދަށް ޖެއްސި ހާލަތުކަމަށް ވެދާނެ އެވެ.

ޖޫން 30، 2018 ގައި ބޭއްވި ކޮންގްރެސް ފެށުމުގެ ކުރިން ރިޔާސީ ޓިކެޓު އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ދޭން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެ މަސައްކަތަށް އޮތް ގޮންޖެހުމަކީ ޕްރައިމެރީން ގޮތެއް ކަނޑައަޅާފައި ވަނިކޮށް، އެ ކެނޑިޑޭޓަކަށް ވާދަ ނުކުރެވޭ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް އަސާސީ ގަވައިދުގައި ލިޔެވިފައި ނެތުމެވެ. އެހެންވެ، ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ފަހު، ރިޔާސީ ޓިކެޓު ރައީސް ސޯލިހާއި ހަވާލު ކުރުމަށް ނިންމިކަން ކޮންގްރެސްގައި އިއުލާނު ކުރެވުނެވެ.

ބައްދަލުވުމަށް ހުށަހެޅި އިސްލާހުގައި ވަނީ ކޮންގްރެސްއަށް ނަމެއް ހުށަހަޅައި އެ ނަމަކަށް ތާއިދު ލިބިއްޖެ ނަމަ އެމީހަކާއި ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށެވެ. ކޮންގްރެސްގައި ރައީސް ސޯލިހު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ގަރާރު ހުށަހެޅީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމެވެ. ގަރާރުގައި ބުނެފައި ވަނީ ރައީސް ސޯލިހުގެ ނަން ހުށަހެޅި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ނަންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ނަޝީދަށް އެއްވެސް ފުރުސަތެއް ލިބިއްޖެ ނަމަ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ. ނަމަށް ދެކޮޅު ހަދައި ބައެއް ކޮންގްރެސްމަނުން އަޑުގަދަ ވެސް ކުރި އެވެ.

ނަން ހުށަހެޅުމަށް ފަހު، ބަހުސަށް ފުރުސަތު ހުޅުވާލުމުން ގިނަ ބަޔަކު އެކަމަށް އެދުނެވެ. ނަމަވެސް ފުރުސަތަށް އެދުނު އެންމެނަށް ފުރުސަތު ނުދީ، މައިކާއި ހަމައަށް ދިިއުމަށް ޖާގަ ދިނީ ވަކި ބަޔަކަށެވެ. މަންދޫބުން ދިޔައީ، އަޑުގަދަކޮށް އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. ތަނުގެ ތެރޭގައި ބަޣާވާތެއް ހިންގީ ތޯ ބުނެ އަޑުގަދަ ކުރި އެވެ.

ބަހުސް މަރުހަލާގައި ވަކިވަކި ބޭފުޅުންގެ ވާހަކަތަކުން، އެބޭފުޅުން އޭރު ސިޔާސީ ގޮތުން ހުރި ވިސްނުން ސާފުވި އެވެ. އެގޮތުން އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މި ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ކެނޑިޑޭޓެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައީސް ސޯލިހުގެ ނަމަށް އޭނާ ތާއީދު ކުރާ ކަމަށެވެ. ނަަމަވެސް ރައީސް ނަޝީދަށް ކިރިޔާވެސް ތާއީދެއް އޮތް ނަމަ، ކުރިޔަށް ދާނީ އެމަނިކުފާނާއި އެކުކަމަށާއި އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ރައީސް ނަޝީދަށް ކުރިމަތިލެވޭނެ މަގެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި އޭރު ވެސް، އަދި މިހާރު ވެސް ގާތް ގުޅުމެއް އޮންނަ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހަކީ އެވަގުތަށް އެކަށޭނެ ކެނޑިޑޭޓުކަމަށާއި ރައީސް ސޯލިހު ވަނީ އިދިކޮޅު ކޯލިޝަނުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. ދެގޮތެއް، ނުވެ ރައީސް ސޯލިހުގެ ދިފާއުގައި ނިކުމެ އެންމެ ބޮޑަށް ވަކާލާތު ކުރާ މެމްބަރަކީ މިއަދު ވެސް ރޮޒެއިނާ އެވެ.

ކެމްޕެއިނުގެ ދުވަސްވަރު އެންމެ ބޮޑަސް ވާހަކަ ދެކެވުނީ، ދޮޅު އަހަރު ދުވަހުގެ އިންތިގާލީ ވެރިކަމެެއް އެކުލަވާލުމުގެ ވާހަކަ އެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި އެކު ރައީސް ސޯލިހާއި އެންމެ ބޮޑަށް ނޫސްވެރިން އަމާޒު ކުރި ސުވާލަކީ ފަސް އަހަރުގެ ކުރިން އިސްތިއުފާ ދެއްވަފާނަން ތޯ އެވެ. އެ ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށް އޭރު އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ. ތަކުރާރުކޮށް ވިދާޅުވީ، އެކަމުގެ ތަފްސީލުތައް މެނިފެސްޓޯގައި ހުންނާނެ ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު މައްސަލަތަކެއް ވެސް ޖެހި، އެ ކޯޅުންތައް ފެށުނީ ވެރިކަމަށް ދޮޅު އަހަރުވީ ހިސާބުންނެވެ. ބެލެވޭ ގޮތުގައި، ދެބޭފުޅުންގެ ދެމެދުގައި އެއްބަސްވެފައި ހުރި ބައެއް ކަންކަމާއިގެން ކުރިޔަށް ދިއުމާއި މެދު ހިޔާލުތަފާތުވުން އުފެދުނީ އެވެ.

އޭގެ ކުރިން ސަރުކާރުގެ އެތެރޭގެ ކަންކަން ވަރަށް ރަނގަޅަށް ކުރިޔަށް ދިޔަ އެވެ. 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާއި ދިމާކޮށް، ރައީސް ނަޝީދު އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޕާޓީތަކާއި އެކު ހަދާފައި އޮތް ޑީލްއެއްގެ ތެރެއިން ނިކުމެ އެމްޑީޕީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށެވެ. ބައި އަޅައި، ކޭކު ފޮތި ބެހުމުން އޭގެ ހިތި ނަތީޖާއެއް ފެނިދާނެކަމަށް ރައީސް ނަޝީދު ހުއްޓާ ނުލައި ކުރި މަސައްކަތުން އެންމެ ފަހުން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ޕާޓީން ވާދަކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބުނެވެ. 80 އަށް ވުރެ ގިނަ ގޮނޑީގެ ތެރެއިން 65 ގޮނޑި ލިބުމަކީ އެއީ އާދައިގެ ވާހަކަތަކެއް ނޫނެވެ.

މި 65 މެމްބަރުން ގޮނޑިތަކަށް ހޮވައި، ކާމިޔާބީ އާއި ހަމައަށް ވާސިލު ކުުރުވުމަށްޓަކައި އެއް ކެނޑިޑޭޓުގެ ރަސްމިއްޔާތުގެ ތެރެއިން އަނެއް ކެނޑިޑޭޓުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެވެ. ރާއްޖޭގެ ރަށްތަކުގެ އެކި ދާއިރާތަކަށް ވަޑައިގެން ކެމްޕެއިނު ކުރައްވައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ. މި މެމްބަރުންތައް މަޖިލީހަށް ކެމްޕެއިނު ކުރީ ރައީސް ނަޝީދާއި އެކު އެވެ. އެބޭފުޅުން ކެމްޕެއިން ޓޫލްއަކަށް ބޭނުން ކުރީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދުގެ ތާއީދު އެބައޮތްކަމަށް ބުނެ، ކެމްޕެއިން ޕޯސްޓަރުތަކުގައި ކުޑައިރު އެމަނިކުފާނާއި އެކު ނެގިފައި ހުރި ފޮޓޯތައް ވެސް ބޭނުން ކުރި އެވެ. ސޯޝަލް މީޑިއާގެ ހޭންޑަލްތަކުގެ ޕްރޮފައިލް ފޮޓޯތަކާއި، އަމިއްލަ ފޯނުގެ ލޮކް ސްކްރީން ފޮޓޯއަކަށް ވެސް ރައީސް ނަޝީދާއި އެކު ނަގާފައި ހުރި ފޮޓޯތައް ބޭނުން ކުރި އެވެ. ސިޔާސީ ގޮތުން މިއީ ބޮޑުވަރުކަމަށް ބަޔަކަށް ގަބޫލު ކުރެވުނަސް، އޭރު ރައީސް ނަޝީދަށް ތާއީދު ކުރި މީހުން ގެންގުޅުނު ސިޔާސަތަކީ މިއީ އެވެ.

ވެރިކަމަށް ދުވަސްވެ، ހަމަޖެހިލެވުމާއި އެކު މަޑުމަޑުން ނިކުމެ، ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސީދާ ގޮތެއްގަ އާއި ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ފާޑުކިޔައި ސަރުކާރު ނުހިނގާކަމަށް ދެއްކުމަށް އެމަނިކުފާނު މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ. އަދި ވައްކަމާއި ދެކޮޅު ވާހަކަތައް ދައްކަވަނީ ހެޑްލައިންތައް ހެދުމުގެ ބޭނުމުގައިކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ހަލާކުކަމަށާއި، އެމްޑީޕީގެ އެތެރޭގައި ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަމަށް ޕާޓީގެ ލީޑަރަށް ދިޔައީ ގޮވާލަމުންނެވެ.

މަޖިލީހުގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ރައީސް ސޯލިހާއި އަރިސް ބޭފުޅުން އެންމެ ފާޅުކަން ބޮޑުގޮތެއްގައި ބުނާ އެއް ވާހަކައަކީ މެޖޯރިޓީ އޮތީ އެބޭފުޅުންގެ އަތުގައި ކަމަށެވެ. ގައުމީ މަޖިލީހާއި، ޕާލިމަންޓު ގުރޫޕު އަދި ސިޔާސީ މަގާމުތަކުގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނަށް ކަމަށެވެ. ވަކިކަމަކަށް ރައީސް ނަޝީދު ވަކާލާތު ކުރައްވައި، އެކަން މަޖިލީހުގެ ފްލޯއަށް ހުށަހެޅި ނަމަވެސް ބޭރުކޮށް ވަރަށް ގިނަ ފާޑުކިއުންތައް ވެސް ކިޔާފައި އެބަހުއްޓެވެ.

މީގެ ހަފްތާއެއް ކުރިން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދު ކުރިމަތިލާން ޖެހުނު ނާކާމިޔާބީއަށް ފަހު، ޕާޓީގެ އެތެރޭގެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ. ރައީސް ނަޝީދު ޕާޓީގެ އެތެރެއިން ބޭޭރުވާ، ނުވަތަ ބޭރު ކުރާ މަންޒަރު ފެންނާނެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: