ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުން ހާޒިރު ނުވާކަން ފާހަގަކުރެވިއްޖެ އެވެ.
2023 ވަނަ އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރިޔާސީ ބަޔާން އިއްވުމަށް ތާވަލުކުރީ ހެނދުނުގެ 09:00 އަށް ނަމަވެސް އިދިކޮޅުގެ މެމްބަރުން އަޑުގަދަ ކުރަމުން ގެންދިއުމުގެ ސަބަބުން އެބޭފުޅުންގެ ނަން އިއްވައި ތަޅުމުން ބޭރު ކުރުމަށް ޖަލްސާ މެދުކަނޑާލި އެވެ. އިދިކޮޅުގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ރައީސްގެ އިސްތިއުފާއަށް ގޮވާލަމުން ދިޔައިރު މުޒާހަރާތައް މަޖިލީސް ސަރަހައްދުގައި ދިޔައީ ކުރިޔަށެވެ.
ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރިއިރު، ރިޔާސީ މޭޒު ކައިރީ ކުރިން ހުރި ހުސްތަނުގައި މިއަދު ހުރީ ގިނަ އަދަދެއްގެ ގަސްތައް ބަހައްޓާފަ އެވެ. ނަމަވެސް ގަސްތަކުގެ ތެރެއިން، ރިޔާސީ މޭޒު ކުރިމައްޗަށް އަރައި އިދިކޮޅުން އަޑުގަދަ ކުރުމުން އެކަން އެއީ ރައީސް ނަޝީދާއި ބައިވެގެން ހިންގި ކަމެއްގެ ގޮތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރި އެވެ. އަދި ”ފިކުރެއް ދިރުވާ“ ގޮތަކީ އެއީ ތޯ ބުނެ ސުވާލު އުފެއްދި އެވެ.
މިއަދުގެ ޖަލްސާތައް ފެށިއިރު، ފާހަގަވީ ރައީސް ނަޝީދާއި އަރިސް މެމްބަރުން ތަޅުމުގައި ނެތް ކަމެވެ. މިއަދު ޖަލްސާއަށް އެމަނިކުފާނުގެ ފެކްޝަނުން ވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. އިތުރު މެމްބަރެއް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ.
މީގެ ކުރިން ވެސް، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާތަކުގައި އިދިކޮޅުން އަޑުގަދަކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައި ވެއެވެ. މަޖިލީސް ޗުއްޓީގައި އޮތުމަށް ފަހު ޖަލްސާތައް ފެށިގެން ދިއުމާއި އެކު ދެން ތަޅުމުން އެންމެ ބޮޑަށް ފެންނާނީ ރައީސް ނަޝީދު ފެކްޝަނާއި ރައީސް ސޯލިހު ފެކްޝަނުގެ ދެބަސްވުންތަކެވެ.
ރިޔާސީ ޕްރައިމެރީގެ ނަތީޖާއަށް ފަހު ދެ ރައީސުންގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ، 2023 ގެ ކެނޑިޑޭޓާއި މެދު އިތުރު ގޮތެއް ނިންމަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކައަށް އެމަނިކުފާނުގެ އަރިސް މެމްބަރުން ތާއީދު ކުރެ އެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ.

