އުރީދޫގެ މިދިޔަ އަހަރުގެ އާމްދަނީ 1.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އުރީދޫއިން އޮޑިޓް ކުރި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ މިދިޔަ އަހަރުގެ އާމްދަނީއަކީ 560 މިލިއަން ރުފިޔާ އެވެ.
އުރީދޫން މިދިޔަ ހަފުތާގައި ބޭއްވި ބޯޑު މެމްބަރުންގެ ބައްދަލުވުމުގައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.04 ރުފިޔާ ބެހުމަށް ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.
މި ފަހަރު ހިއްސާއަކަށް ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.
އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30 ރުފިޔާ ވަނީ ބަހާފައެވެ. އެއީ މިހާތަނަށް އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އުރީދު އަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދިން ކުންފުންޏެއްކަން ފާހަގަކޮށްލެއެވެ. އެގޮތުން އުރީދޫ އަކީ ރާއްޖެއަށް މުޅިން އަލަށް ތްރީ ޖީ އަދި ފޯޖީ ގެ އިތުރުން ފައިވްޖީ ހޯމް ބްރޮޑްބޭންޑް ހަލުވި ސްޕީޑްގައި ގެނެސްދިން ޓެލެކޮމް އޮޕަރޭޓަރެވެ.
ދިވެހިންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ދިވެހިރާއްޖޭގެ މުވާސަލާތާއިބެހޭ އިންޑަސްޓްރީގައި ކަސްޓަމަރުން ބޭނުންވާ އެންމެ ފަހުގެ އުފެއްދުންތަކާއި އެކު އުރީދޫ ދެމިއޮންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

