ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ހަނި ކުރާތީ މުއިއްޒުގެ ކަންބޮޑުވުން؛ މިއީ ޓްރެފިކަށް ކުރިމަތި ވާނެ ދާއިމީ ދަތިކަމެއް

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: އާރުޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މާލޭގެ އަމީނީ މަގު ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ ދަށުން، އެ މަގުގެ ފުޅާ މިން ހަނި ކުރާތީ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު ވަނީ، އަމީނީ މަގު ހެދުމުގެ ސެގްމެންޓު ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ފަރުވާކުޑަ ކުރާކަމަށް ބުނެ މީގެ ކުރިން ވެސް ނުރުހުން ފާޅުކުރައްވާފަ އެވެ. މަގު ނުހެދި، ދިގުލައިގެން ދިއުމުގެ ސަބަބުން އެ މަގުގައި ހުންނަ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭއިރު މިހާތަނަށް ކޮނެފައި ހުރި ހިސާބުގައި ސްކޫލެއް ވެސް ހުރުމާއި އެކު ބެލެނިވެރިންނާއި ދަރިވަރުން ސްކޫލަށް އައުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭކަން މުއިއްޒު ފާހަގަ ކުރައްވަ އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން އެ މަގުގެ ފުޅާ މިން ތިން ފޫޓަށް ހަނި ކުރުމަށް ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓު ބަސްތަކަށް ދަތިތައް ދިމާވާނެ ކަމަށެވެ. އަދި މިއީ ދެފަޅިއަށް ދުއްވާ މަގަކަށް ވުމާއި މާލޭގައި އެންމެ ޓްރެފިކް ބާރު ބޮޑު އެއްމަގަށް ވުމާއި އެކު ދާއިމީ ގެއްލުންތަކެއް ނިކުންނާނެކަމަށް މުއިއްޒު ވިދާޅުވ އެވެ.

ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ކުރިން 25 ފޫޓުގެ ފުޅާ މިން ހުރި އަމީނީ މަގުގެ ބައެއް ޕޭވްމަންޓަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ ކުރިން ހަތަރު ފޫޓު ހުރި ޕޭވްމަންޓު ދެފަޅިން ވެސް ފަސް ފޫޓު ހަތް އިންޗިއަށް ބަދަލު ކުރުމެވެ. އެހެންވެ، މަގުގައި ހުންނާނީ ދެން 21 ފޫޓު 10 އިންޗި އެވެ.

ކުރިން 39 މިލިއަން ރުފިޔާގައި ހުރި މަޝްރޫއެއް، 84 މިލިއަނަށް ބޮޑުކޮށް ކުރިޔަށް ގެންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ ކޭބަލް ޓްރޭ މިހާރު ފެންނަނީ ބިމުން މަތީގައި ހަދަމުން ދާ މަންޒަރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވެނީ އަހަރުގެ ފަހުކޮޅުކަމަށެވެ. މި އަހަރުގެ ފެބްރުއަރީއަށް ނިމޭނެކަމަށް ބުނި މަސައްކަތް، މިހާރު ނިންމާލެވޭނެކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށްކަމަށް އަސްލަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީ އާއި އާރުޑީސީ ދެމެދު ވީ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމަން އޮތީ 210 ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން ޝެޑިއުލް އާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދިޔަ ނަމަ މި ހިނގާ ފެބްރުއަރީ އަކީ މަސައްކަތް ނިންމަން ޖެހޭ މަހެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ހާލަތު ދަށްވުމާއި ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ފެންހިންދާ ޕަމްޕް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: