ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ފަނޑިޔާރުންނާއި ސުވާލު ކުރާއިރު ޖެއްސުން ކުރުން ދޫކޮށް، ސުލޫކެއް ގެންގުޅެން ޖެހޭ: ސުއޫދު

ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ވަކި ހަމަތަކެއް ގެންގުޅެންޖެހޭކަމަށާއި ފަނޑިޔާރުންނާއި ސުލޫކީ މައްސަލަތަކުގައި ސުވާލު ކުރާއިރު ވަކި އުހުލާގެއް ވެސް ހުންނަން ޖެހޭކަމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަ، ޖޭއެސްސީން މައްސަލަތައް ބެލުމުގައި އަމިއްލަ މަސްލަހަތު އިސްކުރާކަމަށް ނުވަތަ ސިޔާސީ މަގްސަދުގައި ތަހުގީގު ކުރާކަމަށް އަބދުވެސް ކޮމިޝަނުގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. ހާއްސަކޮށް ކޮމިޝަން އެކުލެވިގެން ވަނީ ސިޔާސީ ނުފޫޒު ފޯރުވޭނެ ފޯމެޓެއްގެ މައްޗަށްކަމަށް ފާހަގަކޮށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް އިރު އެގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ.

ފުރަތަމަ 100 ދުވަހުގެ ވައުދުގެ ގޮތުގައި ހިމަނާފައިވާ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ބިލަކީ މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ބިލެކެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ނިންމުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ޖޭއެސްސީން ވެސް މައްސަލަތައް ބެލުމުގައި ހިފަހައްޓަން ޖެހޭނެ ސުލޫކުތައް ހުންނާނެ ކަމަށެވެ.

އެބަޔަކީ އެއީ ރަނގަޅު އަހުލާގެއް ހުންނަ ބަޔަކަށް ވުމާއި އެކު ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގައި ސުވާލު ކުރާ މީހާއަކީ ވެސް ކޮންމެވެސް ސުލޫކެއް ހުންނަން ޖެހޭ މީހެއްކަމަށް ސުއޫދު ވިދާޅުވި އެވެ.

ދާދިފަހުން ތަޖުރިބާ ކުރަން ޖެހުނު ހާދިސާއެއް ހިއްސާ ކުރައްވައި ސުއޫސު ވިދާޅުވީ ފަނޑިޔާރުންގެ މުވައްޒަފުން ގާތު އެ ފަނޑިޔާރުގެ ކެއުމެއްގެ ސުވާލު ކުރިކަމަށެވެ. އަދި ވަކި ބަހުރުވައެއް ބޭނުންކޮށް، ބާކިވި ބައި ވެސް ނުދޭތޯ ބުނެ ސުވާލު ކުރިކަމަށާއި ކެއުން ގެނައި އިރު ކެއުމުގެ އެހެން ބާވަތެއް ނުގެނައި ސަބަބާއި މެދު ވެސް ސުވާލު ކުރި ކަމަށެވެ.

ސުއޫދު ވިދާޅުވި ވާހަކައަކީ ބެލެވޭ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ އެވެ. ކޯޓުން ކުރިޔަށް ގެންދިޔަ މައްސަލައެއްގެ ހުކުމެއް އައިގޮތުން މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހެއްގެ ފަރާތުން ކެއުމެއް ހޯއްދެވިކަމަށް ބުނެ މަހާޒްގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ މައްސަލައިގައި ޖޭއެސްސީން މަހާޒް އޮފީހުގެ މުވައްޒަފުންނާއި ވެސް ސުވާލު ކުރި އެވެ. އަދި އެ ކެއުމާއި ގުޅޭގޮތުން ސުވާލުކޮށްފައިވާކަން އެ ކޮމިޝަނުން އާއްމު ކުރި ބަޔާންތަކުން އެނގެ އެވެ. އެހެންކަމުން، ސުއޫދު އެ އިޝާރާތް ކުރެއްވީ މަހާޒްގެ މައްސަލައިގައި ޖޭއެސްސީން ސުވާލު ކުރުމުގައި އަމަލު ކުރިގޮތްކަމަށް ބެލެވެ އެވެ.

ފަނޑިޔާރުންނަށް ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ ފުރައްސާރަ ކުރުމުގެ ނިޔަތުގައި ޖޭއެސްސީން ސުވާލު ކުރާ މޭރުމެއް ހުންނަކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ ގިނަ ފަހަރަށް އެ ސުވާލުތައް ކުރަނީ ވެސް މަލާމަތް ކުރާގޮތަށް ކަމަށެވެ. އެހެންކަމުން އެފަދަ ނިޔަތެއްގައި ޖެއްސުންކޮށް ފުރައްސާރަ ކުރުމަށް ސުވާލު ކުރުން ރަނގަޅެއް ނޫންކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެއިތުރުން ސުއޫދު ވަނީ ސުލޫކީ މައްސަލަތައް އިތުރަށް މާނަ ކުރަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. ސުއޫދު ވިދާޅުވި ގޮތުގައި ފަނޑިޔާރަކު ޝަރުއީ ގޮތުން ގާނޫނީ ނުކުތާތަކެއްގެ މައްޗަށް ނިންމާ ނިންމުމެއްގެ ސަބަބުން ސުލޫކީ މައްސަލައެއް އުފެދިގެން ނުވާނެ އެވެ.

ހާއްސަކޮށް އުސޫލެއް ނެތި ފިޔަވަޅު އެޅުން ރަނގަޅު ނޫންކަން ވެސް ސުއޫދު ފާހަގަ ކުރެއްވި އެވެ. ދިވެހި މުޖްތަމައު މިއަދު ފަނޑިޔާރުންނަކީ ސިޔާސީ ބޭނުމަށް ކޯޓުތަކަށް އައްޔަނު ކުރާ ބައެއްގެ ގޮތުގައި ދެކޭއިރު މިއީ ގޮންޖެހުމެއްކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އާއްމު ގޮތެއްގައި ދައުރު ބަދަލުވުމާއި އެކު އުފެދޭ ސުލޫކީ މައްސަލަތައް ވެސް ގިނަކަމަށެވެ. އަދި ފިޔަވަޅުތަކާއި ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ. މިގޮތަށް އެކި މައްސަލަތައް ދިމާވެ ތާރީހުގައި ފަނޑިޔާރުންނަށް ދެރަ ހިތާމެވެރި ކަންކަން ވެސް ކުރިމަތިލާން ޖެހިފައިވާކަމަށް ސުއޫދު ވިދާޅުވި އެވޗެ. އެހެންކަމުން، މުސްތަގުބަލުގައި އެގޮތަށް ދިމާނުވާހެން ފިޔަވަޅު އެޅުމުގެ މުހިންމުކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ޖޭއެސްސީން މައްސަލައެއް ބަލަން ފަށައި، ފަނޑިޔާރުގެ ނަން ހާމަކުރުމާއި އެކު އެ ގަނޑިޔާރަކާއި މެދު ސުވާލު އުފައްދައި އޭނާއާއި މެދު އާއްމުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ މިނިވަންކަމަށް ފަނޑިޔާރުންގެ ގާނޫނުގެ ބޭނުން ހިފަން ޖެހޭކަމަށެވެ. އަދި އެކަން ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއި އެކުކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް އެކި މައްސަލަތަކުގައި ޖޭއެސްސީއަށް ދިއުން ސުއޫދު ފާހަގަ ކުރެއްވި އެވެ. ޝަރުއީ މައްސަލައެއް، ނުވަތަ ޝަރުއީ ނިންމުމަކާއި ގުޅިގެން ޖޭއެސްސީއަށް ބަލައިގެން ނުވާނެކަމަށާއި އެގޮތަށް މިންތަކެއް އޮންނަން ޖެހޭކަމަށް ސުއޫދުގެ ވާހަކައިގައި ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ހައްގުތަކާއި، އަދި ޖޭއެސްސީއާއި ގުޅޭގޮތުން ސުއޫދު ވާހަކަ ދެއްކެވިއިރު ސުއޫދަކީ ބަންޑާރަ ނައިބެއްގެ ގޮތުގައި ހުންނެވިއިރު ޖޭއެސްސީގެ މެމްބަރުކަން އަދާކުރެއްވި ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: