ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފަށް އޮތްކަމަށް ބުނާ ގަވާއިދު އިސްލާހުނުކޮށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބިދާނެތަ؟

މަސްތުވާތަކެތި ނައްތާލަން ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނިސްބަތުން އިތުރުވުމެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ހަރަކާތްތެރިވާ، މިކަމުގެ އަޑީގައި މަސަކަތްކުރާ މީހުން ފުލުހުންނަށް ދެނެގަނެވިފައިނުވުމަކީ އެތައް ބައެއްގެ ޝަކުވާއެކެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެފަދަ ކުށްތަކަށް އަރައިގަނެ، ކުށްތަކަށް މީހުން އަރައިގަތުމަށް މަގުފަހިކުރާ މީހުން އިންސާފުގެ ކުރި މައްޗަށް ގެނެވިފައިނުވަނީ ސަރުކާރުގެ ފަރާތުން އެކަށީގެންވާ މަސައްކަތްނުކުރާތީއެވެ. ނުވަތަ ގާނޫނު ތަންފީޒްކުރައްވަން ތިއްބެވި ބޭފުޅުންގެ އިހުމާލުންނެވެ. އަދި އެއްބައި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިފަދަ ކުށްތަކަށް އަރައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަނީ އިސް މަގާމުތަކުގައި ތިއްބެވި ނުފޫޒާއި ބާރުގަދަ ބޭފުޅުންގެ އެއްބާރުލުމާއިއެކުއެވެ. އަދި ގާނޫނުގައި ނުވަތަ އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ހުރި ލޫޕްހޯލްސްތަކެއްގެ ސަބަބުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާއިން މުޅި ގައުމާއި، މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އެތައް ގާނޫނުތަކެއް ހަދާފައިވީ ނަމަވެސް މިއީ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. ދިވެހިރާއްޖޭގައި ހަދާފައިވާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުމުގެ މަގްސަދުގައި ހަދާފައިވާ ގާނޫނެކެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ މީހުން ފާހަގަކޮށް، ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިކުރުމަށްޓަކައި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހުރަސްއެޅުމާއި، އެމީހުންނަށް ސީދާ އަމާޒުވާގޮތަށް އެކިއެކި ފިޔަވަޅުތައް އެޅުމަކީވެސް މި ގާނޫނު ހެދުމުގެ މަގްސަދެކެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއްނޫނެވެ. މިއީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ފާހަގަކޮށްފައިވާ ކަންތައްތަކެވެ.

މި ގާނޫނުގެ ދަށުން ހަދާފައިހުރި ގަވާއިދުތަކުގެ ސަބަބުން، ގާނޫނުގެ މަގްސަދުކަމަށް ފާހަގަކޮށްފައިވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒްކުރުމަށް ހުރަސްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ހާމަވެގެން ހިއްގައްޖެއެވެ. މިކަން ސަމާލުކަމަށް އައީ ދާދި ފަހުން ގާނޫނުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު އެއްވެސް ތަހުގީގެއް ހިންގުމެއް، އަދި އެއްވެސް ސުވާލެއްވެސް ކުރުމެއް ނެތި ފުރުވާލެވުމުންނެވެ. މިއީ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ހެދިފައިވާ ގަވާއިދުގެ ދަށުން ކުރެވުނުކަމެއްކަމުގައި ފާހަގަކުރެއްވި ނަމަވެސް މިއީ ހަމަ އެންމެ އެދެވޭ ގޮތްތޯއެވެ؟ މިފަދައިން އަމަލުކުރުމުގެ ސަބަބުން ގައުމު އެތައް ނުރައްކަލަކަށް ހުށައެޅިގެންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ގަވާއިދުގެ ސަބަބުން ސަރުކާރަށް އެތައް ފާޑުކިޔުމެއްވެސް އަމާޒުވަމުން ދަނިކޮށް، އެމްޑީޕީގެ ސަރުކާރާއި ދެކޮޅު ފެކްޝަންގެ މެންބަރަކު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.

މައްސަލަ ހުށައެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފާހަަގަކުރައްވާފައިވާ ގޮތުގައި، މި ގަވާއިދުގެ ސަބަބުން ޖަރިމާ ހިންގުމަށްޓަކައި ޑްރަގް ކާޓެލްއެއް ނުވަތަ ޑްރަގް ނެޓްވޯކެއްގެ ތެރެއަށް ސަރުކާރު ވަދެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި ހުށައެޅުއްވި މައްސަލައިގައިވެސް މިކަން ފާހަގަކޮށް ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކުން ރާއްޖެ އަކީ އެ ވިޔަފާރީގެ މަންޒިލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތުވެސް މި ގަވާއިދުގެ ސަބަބުން ހުޅުވިގެންދާނެކަމަށެވެ.

މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ އަދި ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް ކުށެކެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އުމުރަށް ޖަލަށްލުމާއި، ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ. އެހެންކަމުން ހަސަން ލަތީފްގެ މައްސަލައިގައި ފާހަގަކޮށްފައިވަނީ ގާނޫން ކުށާއި އަދަބު ކަނޑައަޅާފައިވާކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒްކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެކަމެއް ނޫންކަމަށެވެ. ވީމާ ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާއިމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި ތައާރުޒުވާ ބައިތައް އުނިކުރުމަށް ވަނީ ގޮވާލާފައެވެ.

ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި، އެ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވިއްޖެނަމަ، ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފޯކަލް ޕޮއިންޓުންގެ މަޝްވަރާއާއެކު، ވަކި ހާލަތްތަކެއްގައި، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށެވެ.

އެ ހާލަތްތަކަކީ:

  • އެ މީހަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވުން.
  • އެ މީހެއްގެ ލަގެޖުގައި މަސްވުތާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވުން.
  • އެ މީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭނުންކުރާ ނުވަތަ ކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވުން

 

މި ބައިތައް އުނިކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ޓޫ ލައިން ވިޕެއް ނެރުނުއިރު، ވިޕް ނެރުނު ސަބަބެއްކަމަށް ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލައިގައި ސަރުކާރަށްކޮށްފައިވާ ތުހުމަތުތައް ޕާލިމަންޓް ގުރޫޕުން ގަބޫލުނުކުރުމެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި ތައާރުޒުވާ ބައެއް އެ ގަވާއިދުގައި އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެންަރުން ގަބޫލުނުކުރާތީއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ހުށައަޅުއްވާފައިވާ މައްސަލައިގެ ބާވަތުން އެއީ މަޖިލީހަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށެވެ. އެގޮތުން އަސްލަމް ވިދާޅުވީ ގާނޫނާއި ހިލާފަށް ގަވާއިދެއް ހަދާފައިވަނީނަމަ އެއާއި ބެހޭ ގޮތުން ވަކާލާތު ކުރައްވަންޖެހޭނީ ކޯޓުގައިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖާގަ ލިބިގެންވަނީ އާންމު ގަވާދުތަކާއި ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ބަދަލު ގެނައުމަށްކަމަށާއި، އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ނޫންގޮތަކަށް ހުންނަ ގަވާއިދުތަކާއި ބެހޭ މައްސަލަތަކުގައި ވަޑައިގަންނަވަން ޖެހޭނީ ކޯޓަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

ޔަގީންވާ އެއްކަމަކީ މި ގަވާއިދުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެ ފުރުސަތު ފަހިވެގެންދާކަމެވެ. އަދި ކިތައްމެ ގިނަ މަސްތުވާތަކެއްޗަކާއިއެކު އަތުލި ނަމަވެސް ސަލާމަތްވެ އޭނާގެ ގައުމަށް އެބުރިދެވޭނެކަމުގެ ޔަގީންކަން އޮންނާނެއެވެ. ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި މިފަދަ މައްސަލަަކުގައި އަމަލުކުރާ އުސޫލުން  ގައުމަށް މަސްތުވާތަކެތި އެތެރެކުރާ ބޭރު މީހާ ބަންދުކޮށް ތަހުގީގު ނުހިންގޭނެކަމަށް ފާހަގަކުރައްވާ ބޭފުޅުން އެހެން ވިދާޅުވާ ސަބަބަކީ އެކަމަށް ގިނަ ހަރަދުތަކެއް ދިއުމެކެވެ. ގައުމުގައި ހައްލު ނުލިބި އޮތް އެންމެ ބޮޑު އެއް މައްސަލަ އިތުރަށް ފުޅާވެ، އެކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރުމަކީ ގައުމުގެ ދަރަނި އިތުރުވުމާއި އަދި ކުރަންޖެހޭ ހަރަދު ބޮޑުވުމަށްވުރެ ބޮޑު ކަންބޮޑުވުމެކެވެ. މަސްތުވާތަކެތިފަދަ ބޮޑެތި މައްސަލަތައް އިތުރަށްފުޅާވެގެންދަނީނަމަ މިއީ ގައުމަށް އޮތް ނުރައްކަލެކެވެ. މުޖުތަމައުއަށް އޮތް ބިރުވެރިކަމެކެވެ. ގައުމުގެ މުސްތަކުބަލާއި ކުރި މަގު އުޖާލާވުމަށް އެޅިފައި އޮތް ކަޅު ވިލާގަނޑެކެވެ.

ރާއްޖެއަށް އެތެރެވުމުގެ ކުރިން ކުށެއް ކޮށްފާނެ ކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެންވާއިރު، މިއީ ކަންކަމުގެ އަޑިޔާއި ހަމައަށް ވާޒިލްވެ ކަން ހަގީގަތުގައި ހިނގައި ދަނީ އަދި ހިންގުމުގައި އިސްވެ ތިބި ފަރަތްތަށް އެނގި އެމީހުންނަށް ފިޔަވަޅު އަޅާ ކުށްކުރުން ހުއްޓުވޭނެ ގޮތެއް ނޫނެވެ. އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އާއި އަދި އެނޫންވެސް މައްސަލަތަކުގައި އަތުލައިގަނެވޭ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު އަޅައި، ހެދިފައިވާ ގާނޫނުގެ ދަށުން ފުރިހަމަ ގަވައިދުތަކެއް އެކުލަވާލެވިގެން ނޫނީ މައްސަލަތަކަކަށް ހައްލެއް ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: