ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑެ، ރައީސް ސޯލިހަށް: ޑްރަގުގެ ބޮޑުން ދޫކުރަނީ ވެރިކަމުގެ ބޭނުމުގަ، މައްސަލަަލަތައް ނުބެލޭނަމަ އިސްތިއުފާ ދީ!

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ސަރުކާރުން ހިމާޔަތް ކުރަމުން ދަނީ ގަސްތުގައިކަމަށާއި، ވެރިކަމުގެ އިތުރު ދައުރެއް ހޯދުމަށް ދުރާލާ ރާވައިގެން ހިންގާ އެފަދަ އަމަލުތައް ރައްޔިތުން ނިކުމެ ހުއްޓުވަން ޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުންދާއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަނގަޅު ފަރުވާގެ ނިޒާމެއް ނެތުމެވެ. އަދި އެތައް ސަތޭކަ ބަޔަކު ކިއުގައި ތިބެން ޖެހުމަކީ ވެސް ދިމާވެފައިވާ މައްސަލަ އެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ރަނގަޅު ފަރުވާއެއް ހޯދައިދޭން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު މެމްބަރުން ވަނީ ފަރުވާގެ ރަނގަޅު ނިޒާމެއް ނެތުމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ”ފިކުރެއްގެ ދިރުން“ ގެ މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވާފައިވާ ގަރާރު ސަރުކާރު މެމްބަރުން ދެކޮޅެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ ބިދޭސީން އެއާޕޯޓުން ޑީޕޯޓު ކުރުމަށް ފަހު ފުރުވާލާއިރު، ދާދިފަހުން އެގޮތަށް ފުރުވާލި މީހަކު ގެނައި މަސްތުވާތަކެތި އެއާޕޯޓުން ގެއްލުނު މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ މަޖިލީހުގައި ވަރަށް ބޮޑަށް ހޫނުވެސް ވި އެވެ.

މިއަދުގެ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައަކީ ދިވެހި އެތައް އާއިލާއެއްގެ ކަންބޮޑުވުންކަމަށެވެ. ޒުވާން ޖީލެއް އެއްކޮށް ހަލާކުވެގެން ދާއިރު، އެ މަސްތުގެ ތެރެއިން ސަލާމަތް ނުކުރެވި މުޖްތަމައުއެއް އޮންނަން ޖެހުމަކީ ހެދޭނެ އެންމެ ބޮޑު ގޯސްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމާއި ގުޅޭ ހަރުދަނާ ގަވައިދެއް ނެތްއިރު، އެތަކަތި ވައިގެ މަގުން ގެންނަ މީހާ ޖެހިގެން އަންނަ ފްލައިޓުން އަނބުރާ ފޮނުވާލައިގެން ގެނެވޭނެ ހައްލެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެކި ޒިންމާތައް ބަހައި މަސައްކަތް ކުރަމުންދާއިރު އޭގެ ތެރޭގައި ކަސްޓަމްސް ސާވިސް އާއި، އިމިގްރޭޝަން، އަދި ފުލުހުން ހިމެނޭކަމަށް ފާހަގަކޮށް އިބްރާހިމް ރަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް މަޖިލީހުގައި ވިދާޅުވީ ޑްރަގް ކާޓެލް ޕޮއިންޓެއްގެ ވާހަކަތައް ކަމަށެވެ. އަދި ވިދާޅުވީ ފޯކަލް ޕޮއިންޓަކީ އިމިގްރޭޝަނަށްވާއިރު، އެތަނަކީ އެއީ ޑިފެންސް މިނިސްޓްރީގެ ދަށުގައި ވާތަނެއްކަމުން ކުރި ސުވާލުތަކަށް މިނިސްޓަރު ދެއްވީ ހަމަނުޖެހޭ ޖަވާބުތަކެއް ކަމަށެވެ. މަޖިލީހުގެ ތެރެއިން ގަވައިދުތައް ބަދަލު ކުރުމަށް ޑިފެންސް މިނިސްޓަރު ވިދާޅުވީއިރު އެ މަސައްކަތް ކިތަންމެ ކުރަން ބޭނުން ވިޔަސް ސަރުކާރުން ހުރަސް އަޅާނަމަ ބަދަލު ނުގެނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑު ބޭނުން މި ގަވައިދު ހަދަން.. އެކަމަކު އެއްވެސް ކޮމިޓީއެއްގެ އަޣުލަބިއްޔަތެއް ނެތޭ.. ސަރުކާރުން އެ ނަގައިގެން އުޅެނީ.. ސަރުކާރުން ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންނަށް ދައްކަން ބުނާއިރުގަ ނެތޭ ރައީސް ނަޝީދަށް އަޣުލަބިއްޔަތު އޮތް އެއްވެސް ކޮމިޓީއެއް.. ހުރިހާ ކޮމިޓީއެއްގެ ތަޅުދަނޑި ހިފައިގެން އެހެރީ ސަރުކާރުން.. ރައީސުލްޖުމްހޫރިއްޔާ.. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ހުރިހާ ކޮމިޓީއެއްގެ ތަޅުދަނޑި ތިމަންނާ އަތަށް ގެންނާށޭ..“

އިބްރާހިމް ރަޝީދު ވިދާޅުވީ މަޖިލީހުގެ ތެރެއިން އެ މަސައްކަތް ކުރެވޭނެކަމަށް، ސަރުކާރުގެ މެމްބަރުން ވިދާޅުވާއިރު ސަރުކާރުން އެއްބާރުލުން ނުދޭ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި ކޮމިޓީތަކުގެ އަޣުލަބިއްޔަތު ނަގައި، އިންތިހާއަށް ނުފޫޒު ފޯރުވަމުންދާއިރު އެބޭފުޅުންގެ އެއްވެސް ބާރެއް، އަޑެއް ކޮމިޓީތަކުގައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް ދެކޭ ބައެއް މެމްބަރުން ތިބިއިރު އިބްރާހިމް ރަޝީދު އެކަން ސިފަ ކުރެއްވީ ޖޯކެއްގެ ގޮތުގަ އެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީ މީހާ އެއާޕޯޓުން ހިފެހެއްޓުމަށް ފަހު، އޭނާ އަމިއްލައަށް އެއީ ބޮޑު ބައްޔަކަށް ފަރުވާ ކުރަމުން ދާ މީހެއްކަމަށް ބުނާމާއި އެކު ވީހާވެސް އަވަހަށް ފުރުވާލާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

”ދެން ގޮސް މި ބުނަނީ ކަލޭމެން ގޮސް ހަދާބަލާށޭ ގަވައިދު.. ކިހިނެއް ތޯ ގަވައިދު ހަދަނީ.. ތަޅުދަނޑި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތުގައޭ.. ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސްވެރިއަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އޯ.. އަރަތެއް ނު… އަނެއްކާ ދިވެހިރާއްޖެއަށް އެތެރެވާ ހުރިހާ އެންމެނަކީ ބަލި ޖެހިފައި ތިބި ބައެއް…“

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ މީހާ ހައްޔަރުކޮށް، އެއީ ކިހިނެއް ކޮން ގޮތަކުން ކާކާއި ހަވާލު ކުރަން ގެނައި ތަކެޗެއްތޯ ސުވާލު ވެސް ނުކުރާތަނުގައި ދެން އެ ގެނެސް އޭގެ ވިޔަފާރި ކުރާ ބަޔަކު ވެސް ނުހުއްޓުވޭކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި އެކަމުގައި އިސްކޮށް އުޅޭ މީހުން އެނގި ތިބެ ދޫކޮށްލުމަށް ފަހު ހައްޔަރު ކުރަނީ އޭގެ ކުޑަކުޑަ މިންވަރެއް ހޯދައިގެން އުޅޭ ބައެއްކަމަށެވެ.

”ޕެކެޓުކޮށްގެން މި ކުދިންތައް ވިއްކަނީ.. މި ކުދިންތައް 20 އަހަރަށް، 30 އަހަރަށް ޖަލަށް.. އެވެސް ޖަލަށް އެލަނީ އެ މީހުން ބޭނުންވާ ދިމާލެއް ނޫން އެހެން ދިމާލެއް.. އެހެން އަގެއްގައި ވިއްކީމައި، އެއްކަލަ ކާޓެލް ބޭނުންނުވީމަ މި އަންގަނީ ހައްޔަރުކޮށްލާށޭ.. މިއީ ހަމަ ސަރުކާރުން ކުރާކަމެއް…“

އިބްރާހިމް ރަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރު އަޑީގައި އޮވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިމާޔަތް ކުރެ އެވެ. އަދި ހައްޔަރު ކުރާ މަދު ބައެއް އެއީ، އެފަދަ ބޮޑެތިންނާއި ދެކޮޅަށް މަސައްކަތް ކުރަތީ އެ މީހުން އަންގައިގެން ހައްޔަރު ކުރާ ބައެއްކަމަށް ވިދާޅުވި އެވެ.

ސަރުކާރު ބަދަލު ކުރަން ގޮވާލައި، ބޮންޑެ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރާ ސަރުކާރެއް ބޭނުން ނުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ގައުމު ހިންގައި ރަނގަޅަށް ވެރިކަން ނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުންކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވީ ނަމަވެސް، އެ ތަކެއްޗާއި އެކު ހައްޔަރު ކުރާ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ހެކި ހޯދުމުގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާތީ ކޯޓު މަރުހަލާގެ ތެރެއިން އެ މީހުން ދޫވެ އެވެ. ފަހަކަށް އައިސް ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި 100 ކިލޯއިން މައްޗަށް އަރާއިރު ގިނަ ފަހަރަށް، އޭގެ ތުހުމަތަށް ހައްޔަރު ކުރަނީ ކޯޓު މަރުހަލާގެ ތެރެއިން ދޫވެފައިވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: