ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ފާޑުކިއުން ސަރުކާރަށް: ކުރަން ބޭނުންވާ ކަންތައް އެބަ ކުރޭ، ވަޒީފާތައް ވެސް އުތުރި އަރަނީ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭތީ، ފާޅުކުރާ ކަންބޮޑުވުންތަކަކީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޒާތީވެ ދައްކަވާ ވާހަކަތަކެއްކަމަށް ބަޔަކަށް ގަބޫލު ކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް އިއުލާނު ކުރައްވައި، މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދަވާ ގާސިމަކީ މި ސަރުކާރު ކޯލިޝަން މެމްބަރެކެވެ. އިންތިހާބުގައި ވާދަ ކުރާނެކަމަށް ޕާޓީން އިއުލާނު ކުރި ފަހުން ގާސިމް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ވެސް ދެއްކެވި އެވެ. އަދި މީގެ ކުރިން ވެސް މަޖިލީހަށް މެމްބަރުން ހުށަޙަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކުގައި އިދިކޮޅުން މެމްބަރުންނާއި ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ މެމްބަރުން ދައްކަވާ ވާހަކަތަކަށް ވަނީ ތާއީދު ކުރައްވާފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުވާތީ މީގެ ކުރިން ވެސް މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން ގާސިމް ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރާކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ދައުލަތުން ބޭނުންވާ ކަންކަން ކުރާ ގޮތާއި އެ ސްޕީޑު ވަރަށް ކައިރިން ރައްޔިތުންނަށް ފެންނަކަމަށެވެ. އަދި ސަރުކާރުގެ ޝައުގުވެރިކަން ހުންނަ މަސައްކަތްތައް ފުރިހަމަ ކުރާ ގޮތް ވެސް ފެނިފައިވާ ކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކޮށް މެމްބަރުން ތަޅުމުގައި ދެއްކެވި ވާހަކަތަކަށް ތާއީދު ކުރާކަމަށެވެ.

ތަކުރާރުކޮށް ގާސިމް ވިދާޅުވީ ދައުލަތަކުން ބޭނުންވާ ކަމަކަށް އަމާޒު ހިފުމާއި އެކު ވާގޮތް ފެންނަމުން ދާކަމަށެވެ. އަދި ވިދާޅުވީ ވަޒީފާތައް ބަހަން ބޭނުންވާ ހިސާބުން ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަޒީފާތައް އިތުރުވެގެން އަންނަ ކަމަށެވެ.

”އަޅުގަނޑުމެންނަށް ފެނޭ ދައުލަތަކުން ކަމެއް ރަނގަޅު ކުރަންވީމާ.. އެކަމުގެ ޝައުގުވެރިކަން ހުރި ކަންތައްތައް ކުރަމުންދާއިރު، އެކަންތައްތައް ކުރެވެމުން ދާ ގޮތް.. ދައުލަތުން ކަމެއް ރަނގަޅު ކުރަން ބޭނުންވީމާ އެކަން ވާގޮތް އެބަ ފެނެއޭ.. ބަޔަކަށް ވަޒީފާ ދޭންވީމާ، ފެނަކައާއި ރޯޑް ކޯޕަރޭޝަން ވަޒީފާތައް އުތުރެމުން އުތުރެމުން އަރައިގެން އަންނަ ގޮތް އަޅުގަޑުމެންނަށް އެބަ ފެނޭ…“ ގާސިމް

ގާސިމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެ، ފަރުވާ ދޭން ޖެހިފައިވާ ވަގުތެއްގައި އެކަމަށް ބޭނުންވާ ބޭހާއި ފަރުވާގެ ނިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން އޭގެއިން ވެސް ސަރުކާރުން މި މައްސަލައަށް ސަމާލުކަން ދޭ މިންވަރު ހާމަވެގެން ދާކަމަށް ގާސިމް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ވާ ވައުދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ކޮންމެ ވެރިއެއްގެ ވެސް އޮންނަކީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުންކަން ފާހަގަކޮށް ގާސިމް ވިދާޅުވީ މިވެރިކަން ގެނައުމަށް ކުރި މަސައްކަތުގައި ވެސް އެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވުނު ކަމަށެވެ. އަދި މެނިފެސްޓޯއެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުން ހިމަނައި، ޖުމްހޫރީ ޕާޓީން ވެސް ހިމެނޭހެން މި ވެރިކަމުގައި އެކުލަވާލި ސިޔާސަތަށް ފަހު ވެސް އެފަދަ މަސައްކަތެއް ކުރެވޭނެ ބާރުވެރިކަމެއް ލިބިފައި ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކޮންމެ ބޭފުޅެއްގެ ވެސް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް.. އަޅުގަނޑުމެން ގެނައި މެނިފެސްޓޯތަކުގައި ވެސް އެ ވާހަކަތައް އޮތް… އެހެން ނަމަވެސް ކަންދިމާވި ގޮތުން އެއިން އިދާރާއެއް ހިންގުމުގެ ބާރުވެރިކަން އަޅުގަނޑުމެންނަށް ލިބިފައެއް ނެތް.. އަޅުގަނޑަށް ލިބިފައި ނެތް ވާހަކަ މި ދެންނެވީ….“ ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ، ހައްލު ގެނައުންކަމަށްވުމާއި އެކު ދައްކާ ވާހަކައަކީ އެއީ  އެއްވެސް ހާލަތެއްގައި ޒާތީ ނިޔަތެއްގައި ދައްކާ ވާހަކައެއް ނޫންކަމަށް ގާސިމް ވިދަޅުވި އެވެ. އަދި އަތުލައިގަންނަ މަސްތުވާތަކެތި ގެއްލޭ މައްސަލަތައް ފެންމަތިވެ އެ ވާހަކަ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ދައްކާ ވާހަކަ އެއް ވެސް ނޫންކަމަށް ގާސިމް ވިދަޅުވި އެވެ. އަދި އެގޮތަށް ބަޔަކު ގަބޫލު ކުރާނަމަ އެކަމާއި މެދު ހިތާމަ ކުރައްވާކަމަށް ޣާސިމް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގަވައިދެއްގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ ބޭރު މީހާ ޖެހިގެން އަންނަ ފްލައިޓުން ފުރުވާލާނަމަ ދެން މިކަން ހައްލު ކުރެވޭނެ ގޮތަކާއި މެދު ގާސިމް ސުވާލު އުފެއްދެވި އެވެ.

”އެހެންވީމަ މި ބާވަތުގެ ކޮސް ކަންތައްތައް ކުރީމަ ދުވަހަކު ވެސް ކަމެއް ރަނގަޅެއް ނުވާނެ..“ ގާސިމް

2023 ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް، ރައީސް ހުށަހަޅުއްވާފައި ވަނިކޮށް ގާސިމް ނިންމެވީ ވަކިން ނިކުމެ ވާދަ ކުރުމަށެވެ. އެހެންވެ، އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުން ގާސިމަށް އަމާޒުވެ، ޕާޓީގެ ސްލޮޓުތަކުން ވަޒީރުންނާއި ނައިބުން ވަކި ކުރުމަށް ގޮވާލި އެވެ.

ސަރުކާރާއި ދެކޮޅު، އަދި ރައީސަށް ތާއީދު ނުކުރާ ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސެއިން އަމްރު ވަކި ކުރުން ފާހަގަ ކުރެވެ އެވެ. އެހެންވެ، ގަބޫލު ކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޓީމާއި ޖޭޕީގެ ބޭފުޅުންތައް ސަރުކާރުން ބޭރު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: