މި ރާއްޖޭގައި ސަރުކާރެއް އޮތްހެން ރައްޔިތުންނަށް އިހުސާސްވެސް ނުކުރެވޭކަމަށައި، ދައުލަތަކުން ނަގަންޖެހޭ ޒިންމާތައް ނަގާ މި ސަރުކާރަށް ކަންކަން ނުބެލެހެއްޓޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްހީ ރައްކާތެރިކަމުގެ ބިލާއި ގުޅޭ ގޮތުން ވާހަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ކޮންމެ މާހައުލަެއްގައި ނަމަވެސް ދައުލަތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށެވެ.
މިހާރު ހުށައަޅާފައި އޮތް ބިލުގައި އޮތީ ބުރަ މަސައްކަތްކުރުމުގެ މާހައުލުގެ ވާހަކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ އެހެން ނަމަވެސް ސަރުކާރުން ނަފްސާނީ ގޮތުން ރައްޔިތުންނަށް ކުރާ ދުއްތުރާއަކީވެސް ފާހަގަކުރަންޖެހޭކަމެއްކަމަށެވެ.
ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި އެކިއެކި އިދާރާތަކުގައި ތިބޭ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ވަކި ގޮތަކަށް ވޯޓުލާން މަޖުބޫރުކުރާކަމަށް ތުހުމަތުކޮށް އިބްރަހީމް ރަޝީދު ވިދާޅުވީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވާކަމަށެވެ. އަދި މިހާރު ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަށް އެ ބައިތައް އިތުރުކުރަންޖެހޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ދައުލަތެއްގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ނަމަވެސް މާލެއާއި އަތޮޅުތެރޭގައި ރައްކާތެރިކަން ކަށަވަރުކުރެވިފައި ނެތްކަމަށް އިބްރަހީމް ރަޝީދު ވިދާޅުވިއެވެ. ހިނގާ ބިނގާވެ އުޅުމަށް މަގުަކެ އަމާންކަމާއި، މިހުރިހާ ކަންކަމަކީ ރައްޔިތުންނަށް ފުރަތަމަ ދޭންޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު ހައްގުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ކަންކަން މަތީގައި މަސްތުވާތަކެތި ވިއްކުމާއި، މި ކަންކަން އެ ދަނީ ބަރާބަރަށް ހިންގަމުން. ސަރުކާރެއް އޮތްހެން ރައްޔިތުންނަށް އިހުސާސްވެސް ނުކުރެވެ
އިބްރާހީމް ރަޝީދު އިޝާރާތްކުރެއްވީ ނިރުފެހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިދާއަށެވެ. އަދި ވިދާޅުވީ އެތަނުގައި ރޯވުމުގެ ސަބަބުން މަރުވެގެންދިޔައީ ކޮން ބައެއްކަންވެސް ސަރުކާރަށް ނޭގޭކަމަށެވެ. ގައުމުގައި ހޯމް މިނިސްޓަރެއް ވެސް އެބަހުންނެވިކަމަށާއި، އެހެން ނަމަވެސް ގައުމުގައި ފިލައިގެން އުޅޭ މީހުންނާއި ބެހޭ އެއްވެސް ކަހަލަ މައުލޫމާތުތަކެއް ސަރުކާރުގައި ނެތްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
އެހެންކަމުން މަސައްކަތު މާހައުލެއްގެ ތެރެއިން ކުއްލިއަކަށް ހިނގައިދާ ކަންތައްތަކުގައި މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ ނަމަވެސް އެކަން ސާފުކޮށް ނޭނގޭކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ދެން ތަނެއްގައި މަސައްކަތު މާހައުލެއްގައި މީހަކު މަރުވިއަސް އަދި ތަނެއް އަނދާދިޔަސް، އެމީހުންނާއި ބެހޭ ގޮތުން މައުލޫމާތު ހޯދާ ފުލުހުންނަށް ތަހުގީގުކުރުމަކީ ފަސޭހަކަމަކަށްނުވޭ. އެންމެ ފަުންވެސް ތިލަފުށީގައި އަނދާ ދިޔައީ، މި ބުރިޖު އެޅުމުގެ މަސައްކަތުގައި އުޅޭ ފަރާތްތައް އެ މީހުންގެ އެކޮމޮޑޭޝަން އަނދާދިޔައިރުގައި ފުރަތަމަ ބުނަމުންދިޔައީ، ނެތޭ އެއްވެސްކަމެއް. މީހަކު އަނދާ ނުދެޔޭ. އެއްވެސް މީހަކު މަރެއް ނުވެޔޭ. ބަޔަކު މީހުން މުޒާހަރާ ކުރީމަ ބުނީ އާން ބޮލެއް ފެނިއްޖޭ. ދެން ޖެހިގެން އައި ދުވަހު ފަޔެއް ފެނިއްޖޭ.
ތިލަފުށީގައި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ތަނުގެ ތެރެއިން އިންސާނެއްގެ ބޮލަކާއި ކަށިގަނޑެއްވެސް ފެނުންކަމަށާއި އަދި ފަޔެއް ފެނުންކަމަށްވެސް ބުނިކަމަށް އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އަދި އަދަށްދާންދެންވެސް އެއީ ކޮން ބަޔެއްކަން ދެނެނުގަނެވޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ރާއްޖެއަށް އަންނަ ބިދޭސީއިންގެ މައުލޫމާތާއި، ފިންގާޕްރިންޓްފަދަ އެއްވެސް އެއްޗެއް ނުނަގާކަމަށް ތަކުރާރުކޮށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

